މަޖިލިސް ޖަލްސާއަށް ވަޑައިގަތުމަށް މެންބަރުންނަށް ހުއްދަ ދޫކުރަން ފަށައިފި

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާ -- ފޮޓޯ/ ރައީސް އޮފީސް

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގަތުމަށް މަޖިލީހުގެ މެންބަރުންނަށް ފުލުހުން ހުއްދަ ދޫކުރަން ފަށައިފި އެވެ.

ފުލުހުންނާ ހަވާލާދެއްވާ ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާދަމާ މަޖިލީހުގެ އިދާރާގައި ބާއްވާ ޖަލްސާއަށް ދިޔުމަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދޭ މެންބަރުންނަށް ފުލުހުން އެ ހުއްދަ މިހާރު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވުމަށް ސަރުކާރުގެ ފަރާތުން ހުރަހެއް ނާޅާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މަޖިލީހުގެ އެކި މެންބަރުން ވެސް މިހާރު ގެންދަވަނީ، އެބޭފުޅުން މަޖިލީހަށް ދާން ފުލުސް އޮފީހުގައި އެދުމުން ފުލުހުން ދޫކުރި ހުއްދަ ސޯޝަލް މީޑިއާގައި އާންމު ކުރައްވަމުންނެވެ.

މަޖިލީހުގެ ބައެއް މެންބަރުން "ސަން"އަށް ވިދާޅުވީ އެ ބޭފުޅުންނަށް މަޖިލީހަށް ވަޑައިގަތުމަށް ބައި ގަޑިއިރުގެ ހުއްދައެއް ފުލުހުންގެ އިދާރާއިން މިހާރު ދީފައިވާ ކަމަށެވެ.

މާދަމާ ހެނދުނު 11:00ގައި މަޖިލީހުގެ އިދާރާގައި ބާއްވާ ޖަލްސާގެ އެޖެންޑާގައި އޮތީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ މެދު ބަހުސްކުރުމެވެ.

މަސްދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޖަލްސާތަކަށް ފަހު، މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ބާއްވަނީ މަޖިލީހުގެ ރައީސް ވިދާޅުވި ގޮތުގައި މެންބަރުން މަޖިލީހަށް ހާޒިރިނުވެ ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ ކަމަށެވެ.

މަޖިލީހުގެ މާދަމާ ބާއްވާ ޖަލްސާގައި މެންބަރުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަ ފިޔަވަޅެއް އެޅުމަށް ވެސް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ. އެއީ؛

  • ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިއްބެވޭނީ 42 މެމްބަރުންނަަށް.
  • މެންބަރުން އިށީނދެވަޑައިގެން ތިއްބަވަން ޖެހޭނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެކަށައަޅައި އަންގާފައިވާ ދުރުމިނުގައި.
  • އެއް ވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބެވޭނެ.
  • އެއް ބައި މެންބަރުން ވޯޓުލުމުގަައި ބައިވެރިވެވަޑައިގަތުމަށް ފަހު، މާލަމުން ނުކުމެވަޑައިގަތުމުން، ބާކީ ތިއްބެވި މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުލުމުގެ އިންތިޒާމް.
  • މަޖިލިސް ކުރާ ގޭގައި ޖަލްސާތައް ފަށާއިރު، މާލަމުގައި ތިބޭނީ ޖަލްސާއެއް ކުރިއަށް ގެންދަން ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން.
  • ޖަލްސާތައް ކުރިއަށްދާއިރު، މެމްބަރުންނާއި މުވައްޒަފުން ތިބެން ޖެހެނީ މާސްކް އަޅައިގެން.

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސް ކުރާ ގައުމީ މަރުކަޒު، އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް މިރޭ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ އިދާރާގައި ބޭއްވުމަށް އެންއީއޯސީގެ ހުއްދައެއް މަޖިލީހުން ހޯދާފައި ނުވާ ކަމަށާއި ރަސްމީ މަޝްވަރާތަކެއް ވެސް ކޮށްފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ބައެއް މެންބަރުން ވަނީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭގެ މަޝްވަރާއެއް ނުހޯދާ އަދި ހުއްދައެއް ނެތި މަޖިލީހުގެ ޖަލްސާތައް ބާއްވާތީ އެކަމާ ނުރުހުން ފާޅު ކުރައްވައި، އެއީ ގާނޫނުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ނަމަވެސް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އާއި ބައެއް މެންބަރުން ވިދާޅުވީ މަޖިލީހުގެ ޖަލްސާ ބާއްވާނެ އިރަކާއި ތަނެއް ނިންމާނީ މަޖިލީހުގެ ރައީސް ކަމަށާއި އެކަމަށް އެހެން ފަރާތަކަށް ހުރަހެއް ނޭޅޭނޭ ކަމަށެވެ. އަދި ޖަލްސާއަށް ހާޒިރުވުމަށް މެންބަރުންނަށް ހުރަސް އަޅާ ނަމަ، އެފަދަ ފަރާތްތަކާ ދެކޮޅަށް މަޖިލީހުގެ ރައީސް ފިޔަވަޅު އެޅުމަށް ވެސް އަލީ އާޒިމް ވަނީ ގޮވާލައްވައިފަ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެންބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބޭއްވުން މި މަހުގެ 28އާ ހަމަޔަށް ލަސްކުރެވެން ނެތް ކަމަށް ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރުކަށް ދަންނަވާފައި ވާނެ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާ ތަޅުމުގައި ބޭއްވުމަށް ނިންމެވީ މެންބަރުންނާ މަޝްވަރާ ކުރުމަށް ފަހު ގިނަ މެންބަރުންގެ ހިޔާލު އެގޮތަށް ހުރުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް