އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލައިފި

މާލޭގެ ގެއަކުން ކޮވިޑް19އަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމަށް ކަމާބެހޭފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލާފައިވާ ކަމަށް އެންއީއޯސީން ބުނެފި އެވެ.

އުމުރުން ދުވަސްވީ މީހުންނަކީ ކޮވިޑް19ގެ ނުރައްކާ އެންމެ ބޮޑު ކެޓަގަރީގައި ހިމެނޭ ބަޔަކަށްވުމާއެކު އެމީހުންގެ މެދުގައި ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެ، ދިރާސާއެއް ކުރުމުގެ ބޭނުމުގައި އެޗްޕީއޭއިން ވަނީ އެ އުމުރުފުރައިގެ މީހުންގެ ސާމްޕަލް ނަގަން މަސައްކަތްތަކެއް ކޮށްފަ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެގޮތަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ޕޮޒިޓީވްވީ އެންމެ މީހެއްގެ ސާމްޕަލް ކަމަށެވެ. އަދި ސާމްޕަލް ނެގުމާ މެދު އުމުރުން ދުވަސްވީ މީހުންނާއި އެމީހުންގެ އާއިލާތަކުން ދެކޮޅު ހަދަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ޓެގުން މަޝްވަރާ ދެއްވާފައި އޮތީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 10 ޕަސެންޓު މީހުންގެ ޓެސްޓު ހަދައިދިނުމަށް. އެއީ ގާތްގަނޑަކަށް 350 މީހުން. މީގެ ތެރެއިން ގިނަ ބަޔަކު ޓެސްޓު ހެދުމަށް އުޒުރުވެފައިވާތީވެ ޓެގުން އެންގެވީ ފަސް ޕަސެންޓު މީހުންގެ [170 ވަރަކަށް މީހުން] ޓެސްޓު ހަދައިދިނުމަށް. މީގެ ތެރެއިން ކުރި މަސައްކަތުން ޓެސްޓު ކުރެވިފައިވަނީ 105 މީހުން. އަދި އެ މީހުންގެ ތެރެއިން ޕޮޒިޓިވްވީ އެކަކު،" މަބްރޫކް ވިދާޅުވި އެވެ.

ޓެގު ޓީމުން މިހާރު ލަފާދީފައިވަނީ މިކަމާ މެދު އުމުރުން ދުވަސްވީ މީހުންނާއި އާއިލާތަކުން ކަންބޮޑުވާތީ އެކަން ހުއްޓާލުމަށެވެ. އެހެން ނަމަވެސް ޑައިރެކްޓް ކޮންޓެކްޓް ވެގެން ނުވަތަ ބަލީގެ އަލާމާތްތައް ފެނިގެން ނަގަން ޖެހޭ ސާމްޕަލްތައް ނަގަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ޓެގުން މިހާރު އިރުޝާދު ދީފައިވަނީ މިއީ އެ ބޭފުޅުން [އުމުރުން ދުވަސްވީ މީހުން] އަދި އެ ބޭފުޅުންގެ އާއިލާއިން ކަންބޮޑުވާ ކަމަށް ވެ، މިކަމަށް ދެކޮޅު ހަދާ ކަމަކަށްވެސް ވުމާއެކީގައި މިކަން މިގޮތަށް ކުރިއަށް ނުގެންދަން... އަދިވެސް ޑައިރެކްޓް ކޮންޓެކްޓެއް ވެގެން ނުވަތަ ސިމްޓަމެޓިކް ވެގެން ނަގަން ޖެހޭ ސާމްޕަލް ނަގަން ޖެހޭނަމަ އެ ސާމަޕްލް ނެގުމުގެ މަސައްކަތް ކުރިއަށްދާނެ އުމުރުން ދުވަސްވީ ބޭފުޅުންގެ ވެސް،"

comment ކޮމެންޓް