ކުލަބުތަކުން މުސާރަ ނުދޭތީ މޮޅެތި ޓެލެންޓް ގެއްލޭ: ފައްރަ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީއާއި ނިލަންދޫ ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ބައެއް ކުލަބުތަކުން މުސާރަ ނުދެވި ދަތިކަމާ ކުރިމަތިލާން ޖެހުމުގެ ސަބަބުން މޮޅެތި ހުނަރުތަކެއް ގެއްލިގެންދާ ކަމަށް ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހުމަދު ފައްރާހް (ފައްރަ) ބުނެފި އެވެ.

ފަހަކަށް އައިސް ރާއްޖޭގެ ފުޓުބޯޅައިގެ ވާހަކަ އަޑުއަހާލުމުން އެންމެ ގިނަބަޔަކަށް އިވޭ އެއް ވާހަކަ އަކީ ކުލަބުތަކުން ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަ އެވެ. ވޭތުވެ ދިޔަ ދެތިން ސީޒަނެއްގައި އެކަން އިންތިހާއަށް ގޮސް ރާއްޖޭގެ އެންމެ ދުވަސްވީ އަދި ކާމިޔާބު ދެ ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ވިކްޓަރީ މިހާރު އޮތީ ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

އަދި ބައެއް އެހެން ކުލަބުތަކުން ވެސް މުސާރަ ދިނުން ތިން ހަތަރު މަސް ލަސްވެ ކުޅުންތެރިން މެޗުތަކަށާއި، ޕްރެކްޓިސްތަކަށް ހާޒިރު ނުވުމުގެ ގިނަ މައްސަލަތަކެއް މިދިޔަ ސީޒަނުގައި އެކަނިވެސް ވަނީ ފެންމަތިވެފަ އެވެ. މިކަމުގެ ސަބަބުން މޮޅެތި ގިނަ ކުޅުންތެރިންތަކެއް މާލެ އައިސް ފުޓުބޯޅަ ކުޅުމުގެ ބަދަލުގައި އާއްމުދަނީ ލިބޭ އެހެން ކަމެއް ކުރުމަށް ދާ ވާހަކަ އަކީ ވެސް މިހާރު އާ ވާހަކައެއް ނޫނެވެ.

އެފްއޭއެމުން ގެނެސްދޭން ފަށާފައިވާ ފުޓްބޯޅަ ޓޯކް ޝޯގައި މިރޭ ބައިވެރިވެ ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނީ ކުލަބުތަކުގެ މި އިހުމާލުން ފުޓުބޯޅަ ކުރިއެރުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި މިކަން ހައްލު ކުރުމަށް ކުލަބުތަކުން ވެސް އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާކަން ފައްރަ ވަނީ ފާހަގަ ކޮށްފަ އެވެ.

"ރާއްޖޭގެ ބޯޅަ އޮންނަ ގޮތުން ކުލަބުތަކަކީ މާގިނަ އާއްމުދަނީއެއް ލިބޭ ކުލަބުތަކެއް ނޫން. މިދިޔަ ދެ ސީޒަނަށް ބަލާއިރު ގައިގަނޑަކަށް މާޒިޔާ ނޫން އެހެން ހުރިހާ ކުލަބުތަކަކުން ދިޔައީ މުސާރައިގެ ކަންތަކުގައި ސްޓްރަގަލް ކުރަމުން. އަޅުގަނޑު ކުޅޭ ޓީސީއަށް ވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި މުސާރަ ދިނުމުގެ ދަތިތަކަން ދިމާވެފައި ވަނީ،" ފައްރަ ބުންޏެވެ.

ފައްރަ ބުނީ، ރާއްޖޭގައި ގިނައީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ. އެހެން ކަމުން ފުޓުބޯޅައިން ލިބޭ އާއްމުދަނީއަށް ބަރޯސާވެގެން ކުޅެނީ މަދު ކުޅުންތެރިންތަކެއް ކަމަށް ފައްރަ ބުންޏެވެ.

"އަސްލު މައްސަލައަކީ ގިނައީ ރާއްޖޭގެ ރަށްރަށުން އައިސްފައި ތިބޭ ކުދިން. އެޕާޓްމެންޓް އެއްޗެހި ކުއްޔަށް ނަގައިގެން އަނބި ދަރިން ގޮވައިގެން އައިސް އެންމެން ތިބެނީ. އެހެން ވީމަ މުސާރަ ދިނުމް ދެ މަސް ތިންމަސް ދަތިވަންޏާމު ދިރިއުޅެން ވަރަށް އުނދަގޫވާނެ،"

ކުޅުންތެރިންނަށް މުސާރަ ނުދެވި ގިނަ ކުލަބުތަކެއް މިދިޔަ އަހަރުވެސް ދަރަނިވެރިވެފައިވާ އިރު އެފްއޭއެމްއާއި ސަރުކާރުން ވެސް އެކުލަބުތަކަށް ކޮޅަށް ނެގުމަށް ވަނީ ބޮޑެތި އެހީތަކެއް ވެފަ އެވެ. އެކަމަކު ސީޒަން ނިމުނު އިރު ވެސް އެއްބައި ކުޅުންތެރިންނަށް މުސާރަ ނުލިބޭ ކަމުގެ ޝަކުވާތަކާ އެކު ބައެއް ކުޅުންތެރިން ވަނީ ކުލަބު ދޫކޮށް ވަޒީފާއެއް ހޯދުމަށް ރިޒޯޓްތަކަށް ގޮސްފަ އެވެ.

"ވަރަށް ގިނަ ކުޅުންތެރިންތަކެއް މިކަމާ ދުރުވެއްޖެ. ޓެލެންޓް ހުރި ވަރަށް މޮޅެތި ކުޅުންތެރިން ވެސް ވަޒީފާތަކަށް ރިޒޯޓްތަކަށް ހިނގައްޖެ. ރަނގަޅަށް މުސާރަދެވޭ ނަމަ ގައުމަށް ހިދުމަތް ކޮށްދެވޭނެ ވަރުގެ ކުޅުންތެރިންތަކެއް ވާހަކަ މިބުނަނީ،" ފައްރަ ބުންޏެވެ.

comment ކޮމެންޓް