ދެން ރާއްޖެ ފުރަބަންދުގައި ބާއްވައިފިނަމަ ދިވެހީން މަރުވާ އަދަދު އިތުރުވާނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވިދާޅުވީ ދެން ރާއްޖެ ފުރަބަންދުގައި ބާއްވައިފިނަމަ ދިވެހީން މަރުވާ އަދަދު އިތުރުވާނެ ކަމަށް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދެން ރާއްޖެ ފުރަބަންދުގައި ބާއްވާނަމަ ދިވެހީން މަރުވާ އަދަދު އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި ދެން ރާއްޖެ ފުރަބަންދުގައި ބާއްވައިފިނަމަ ދިވެހީން މަރުވާ އަދަދު އިތުރުވެ، އަދި ދިވެހީންގެ އާންމު ހާލަތުވެސް ދަށްވާނެ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމާއެކު ކަންކަން ކުރާގޮތުގެ މިސާލުދައްކަން އެންމެ ރަނގަޅު ބަޔަކީ މަޖިލިސް މެމްބަރުން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލިސް ޖަލްސާ އޮންނާނީ ވަރަށް ރައްކާތެރިކޮށް. އެއްވެސްބޭފުޅަކާ އަނެއް ބޭފުޅެއް ދިމާއެއްނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން މަޖިލީހުގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވީ މާލެ ފުރަބަންދުކޮށްފައި އޮތް ނަމަވެސް ރޯގާ ދަނީ ފެތުރެމުން ކަމަށާއި އަދި ފެންނަ ފެނުމުގައި ކޮވިޑް-19 ރޯގާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖެހޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފުރަބަންދަށް ދިޔައީ ކޮވިޑް ފެތުރިދާނެ ކަމަށް ބުނެ ގައިދުރުވުމަށްޓަކައި ކަމަށެވެ. އެކަމަކު ބަންދުގައި ތިއްބާވެސް "ރޯގާ ދަނީ އިންތިހާއަށް ފެތުރެމުން" ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް