ތަޅުމުގައި ޖަލްސާ ބާއްވަން 28 އަށް މަޑުކުރަން ދަތިކަން މައިމޫނާއަށް އަންގައިފިން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފަށަން މި މަހުގެ 28 ވަނަ ދުވަހަށް މަޑުކުރަން ދަތިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބެލިއިރު، ގިނަ މެމްބަރުންނަށް ފެންނަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ކަމަށެވެ. އަދި ތަޅުމުގައި ޖަލްސާތައް ބާއްވާނެ ގޮތުގެ ގައިޑްލައިނެއް ވެސް މަޖިލީހުގެ އިދާރާ އިން ނެރޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެޗްޕީއޭ އިން މިކަން ކުރާން އޮތީ 28 ގައި. އަޅުގަނޑުމެންނަށް މަޑުކުރަން ދަތި ވާހަކަ މައިމޫނާއަށް ވާނީ ދަންނަވާފައި. ދެން ގައިޑްލައިންސްއާ އެއްގޮތަށް ގެންދާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ނޫންތަނަކު ކުރިއަށްގެންދަން އެމަނިކުފާނު ވަރަށް ޖެހިލުންވާ ކަމަށެވެ. އަދި ގައިދުރުކަމާއެކު މަޖިލީހުގެ ޖަލްސާތައް ބޭއްވުން ކިހިނެތްތޯ މެމްބަރުންގެ ކިބައިން އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ، މާދަމާ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދާނީ، އެ އިންތިޒާމުތަކާ އެއްގޮތަށް، މަޖިލިސް ކުރާ ގޭގައި ކަމަށެވެ.

މަޖިލީހުން އާންމުކޮށްފައިވާ އިންތިޒާމުތަކުގެ ދަށުން، ޖަލްސާ ކުރާ މާލަމުގައި އެއް ވަގުތެއްގައި އެންމެ ގިނަވެގެން ތިބެވޭނީ 42 މެމްބަރުންނަަށެވެ.

comment ކޮމެންޓް