ނަރުދޫ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

ނަރުދޫ: އެރަށު މީހެއްގެ ބަނޑަށް ދަރިފުޅު ވަނީ މަރުވެފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ނަރުދޫ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ އެވެ.

ދަރިފުޅު ބަނޑަށް މަރުވިކަން އެ އާއިލާ އިން ވަނީ "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

ދަރިފުޅު ބަނޑަށް މަރުވިކަން އެނގުނީ މިއަދު އަންހެން މީހާ ކުޅުދުއްފުށި ސިޓީއަށް ގެންދިޔަ ފަހުން ސްކޭންކޮށް ބެލުމުންނެވެ.

ނަރުދޫ ކައުންސިލްގެ މުހައްމަދު ނިޒާރު "ސަން" އަށް ވިދާޅުވީ، މިއަދު މެންދުރުގެ ވަގުތެއްގައި އެރަށުން ކުޅުދުއްފުއްޓަކައި މާބަނޑު އަންހެނަކު ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ އައިލާއާ އަދި ގުޅިފައިނުވާތީ އެކަމުގެ އިތުރު މައުލޫމާތު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިކަމާ ގުޅޭގޮތުން ށ. އަތޮޅު ހޮސްޕިޓަލުގެ މަނޭޖަރުގެ ފަރާތުން މައުލޫމާތު ސާފުކުރި ކަމަށެވެ. މެނޭޖަރާ ހަވާލާދީ ނަޒްލާ ވިދާޅުވީ، މާބަނޑުމީހާ ށ. އަތޮޅު ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އެދުމުން އެތަން މިހާރު ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރުމަށް މަރާމާތުގެ މަސައްކަތް ކުރަމުންދާތީވެ، ކުޅުދުއްފުށީ ހޮސްޕިޓަލަށް ރިފާކުރި ކަމަށެވެ.

އެރަށުގެ ތިއޭޓާއަށް އެކްސެސްވުމަށް މިވަގުތު ދަތިކަމެއް އެބަހުރި އެތަނުގެ މަސައްކަތް ހުރި ގޮތުން. އެހެންވެ އެ ޕޭޝަން ކުޅުދުއްފުއްޓަށް ރިފާކޮށް، ކުޅުދުއްފުށީ ހޮސްޕިޓަލަށް ގުޅައިގެން ޕޭޝަންޓް ރިފާކުރެވޭނެ ގޮތް ހަމަޖައްސައި، އާސަންދަވެސް ވަނީ އިއްޔެ ހަމަޖައްސާފައި ޕޭޝަންޓް ދާން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، އެ ހުރިހާ އިންތިޒާމްތައް ހަމަޖައްސައި ދިން ނަމަވެސް އިއްޔެ މާބަނޑު މީހާ ކުޅުދުއްފުއްޓަށް ގޮސްފައި ނުވާ ކަމަށެވެ. މިއަދު ށ. މިލަންދޫ އަށް ދިޔައިރު، ދަރިފުޅު ބަނޑަށް މަރުވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި ލިބެންޖެހޭ ސިއްހީ ހިދުމަތް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު. އެންއޯސީގައި ހާއްސަކޮށް ވަކިން އަތޮޅުތަކުގައި ކޮވިޑަށް ތައްޔާރުވުމަށާއި ކޮންމެހެން ލިބެންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަކި ފޯކަލް ޕޮއުންޓުން ތިބޭ. ކޮންމެ ރަށެއްގައިވެސް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ، އެ ފޯކަލް ޕޮއިންޓްތަކުން މިފަދަ އިމްޖެންސީ ކޭސްތަކުގައި ހިދުމަތް ހޯދަން ބޭނުންވުމުން އިންކާރު ނުކުރެވޭނެ ކަމަށެވެ.

މިމައްސަލަ މިހާރުވެސް އޮންނަ އުސޫލުގެ މަތިން ބައްލަވާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަރުދޫ މާބަނޑު މީހާގެ ދަރިފުޅު ބަނޑަށް މަރުވި އިރު، މީގެ ދެހަފްތާ ކުރިން އއ. ތޮއްޑޫ މާބަނޑު މީހެއްގެ ދަރިފުޅުވެސް ވަނީ ބަނޑަށް މަރުވެފަައެވެ. އެއާއިލާއިން ތުހުމަތު ކުރާ ގޮތުގައި ދަރިފުޅު ބަނޑަށް މަރުވީ ފަރުވާ ދިނުން ލަސްވުމުން ކަމަށެވެ. އެގޮތުން މާބަނޑު މީހާ ފަރުވާ ހޯދުމަށްޓަކައި އެ އަތޮޅުގެ މައި ހޮސްޕިޓަލު ހުންނަ ރަސްދޫއަށް ދިއުމަށް ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް ހުއްދައެއް ނުލިބުނެވެ. އަދި މާލެ ދިއުމަށް ހުއްދަ ލިބުނީ ވިއްސާ ކޮޓަރިއަށް ވެއްދި ފަހުންކަމަށް އެ އާއިލާއިން ބުނެފައިވެއެވެ. މި މައްސަލަވެސް އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް