އެމެރިކާދެކެ ބިރު ނުގަނެ ތެޔޮ ފޯރުކޮށްދިނުމުން ވެނެޒުއެލާގެ ޝުކުރު އީރާނަށް

އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ

ކަރަކާސް (25 މޭ 220) : އެމެރިކާގެ ބިރު ދެއްކުންތަކަށް ޖެހިލުންނުވެ އީރާނުން ވެނެޒުއެލާއަށް ސާފުކުރި ތެޔޮ ފޯރުކޮށްދިނުމުން ރައީސް ނިކޮލަސް މަދޫރޯ އީރާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

މަދޫރޫ ވިދާޅުވީ އެމެރިކާގެ ބިރުދެއްކުންތަކުގެ ކުރިމަތީގައި އެތައްް ހާސް މޭލެއް ކަނޑައްތުކޮށް އީރާނުން ވެނެޒުއެލާގެ ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމަކީ އާދަޔާ ޚިލާފު ހެޔޮކަމެއްކަމަށާ ތާއަބަދަށް ވެނެޒުއެލާގެ ރައްޔިތުން އެކަން ފާހަގަކުރާނެކަމުގައެވެ.

ވެނެޒުއެލާއަކީ ތެލުގެ ގޮތުން އީރާނަށްވުރެވެސް މުއްސަނދި ގައުމެކެވެ. ނަމަވެސް ތެޔޮ ސާފު ކުރުމަށް ބޭނުންވާ ކެމިކަލް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ލިބުން ދަތިވުމުން ވެނެޒުއެލާއަށް ވަނީ އެގައުމަށް ބޭނުންވާ މިންވަރަށް ތެޔޮ ސާފުކޮށް ޕެޓްރޯލާއި ޑީސެލް ފަދަ ތަކެތި އުފެއްދުން ދަތިކަމަށްވެފަ އެވެ.

އީރާނުގެ ބިޔަ ޓޭންކަރުގައި ވެނެޒުއެލާއަށް އެއްމިލިޔަން ފީފާގެ ސާފުކުރި ތެލުގެ ބާވަތްތައް ގެންދިޔައެވެ. އިރާނުގެ ޓޭންކަރު ވެނެޒުއެލާގެ ސަރަހައްދީ ރޮނގާ ގާތަށް ދިޔުމުން ވެނެޒުއެލާގެ ވައިގެ ސިފައިންވަނީ އެޓޭންކަރަށް ހިމާޔަތް ދީފަ އެވެ.

އީރާނުގެ ދެވަނަ ޓޭންކަރު ފޮރެސްޓް ކެރީބިއަން ކަނޑުގައި ވެނެޒުއެލާއާ ދިމާއަށް ދަތުރު ކުރަނީ

ވެނެޒުއެލާއަށް ސާފުކުރި ތެޔޮ ފޯރުކޮށްދިނުމަށް އީރާނުގެ އިތުރު ދެ ޓޭންކަރު އަދިވެސް ދަތުރު ކުރަމުން އެބަ ގެންދެއެވެ. އެއްޓޭންކަރު މިހާރުވަނީ ކެރީބިއަން ކަނޑަށް ވަދެފަ އެވެ. އަނެއް ޓޭންކަރު އަދި ދަތުރު ކުރަމުން ގެންދަނީ އެޓްލާންޓިކް ކަނޑުގައެވެ. އެއިން ކޮންމެ ޓޭންކަރަކުން ވެސް އެއް މިލިޔަން ފީފާގެ ތެޔޮ ވެނެޒުއެލާއަށް ގެންދާނެއެވެ.

ވެނެޒުއެލާއަށް ތެޔޮ ފޯރުކޮށް ނުދިނުމަށާ އެކަމަށް ހުރަސްއަޅާނެކަމުގެ އިންޒާރު އެމެރިކާވަނީ އީރާނަށް ދީފައެވެ. ނަމަވެސް އީރާނުގެ އެއްވެސް ޓޭންކަރަަކާ ދެކޮޅަށް ކަނޑުފޭރޭން އަމަލެއް ހިންގަން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. ޓޭންކަރެއް ކަނޑުފޭރިއްޖެނަމަ ގަލްފުގައިޥާ އެމެރިކާގެ މަސްލަހަތުތަކަށް އަސްކަރީ ގޮތުން ރައްދު ދޭނެކަމުގެ އިންޒާރު އީރާނުންވަނީ ދީފައެވެ.

އީރާނަކީ ގަލްފުގައިޥާ އެމެރިކާގެ މަސްލަހަތުތަކަށް އަސްކަރީ ގޮތުން ރައްދު ދިނުމުގެ ގާބިލްކަން ހުރި ގައުމެއްކަން މިދިޔަ ޖަނަވަރީ މަހު އެމެރިކާއަށް ވަނީ އެނގިފަ އެވެ. އެއީ އީރާނުން އަމަލީގޮތުން އެކަން ސާބިތުކޮށްދިނުމުންނެވެ.

އެއީ އީރާނުގެ ޖެނެރަލެއްކަމަށްވާ ގާސިލް ސުލައިމާނީ އަވަރާކޮށްލުމަށް އިރާގުގައި އެމެރިކާ ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުންވަނީ އިރާގުގައިވާ އެމެރިކާގެ އަސްކަރީ ދެ މަރުކަޒަކަށް ބަލިސްޓިކް މިސައިލް ބޭނުންކޮށްގެން ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 100 އަށް ވުރެ ގިނަ ސިފައިން ޒަޚަމްވިއެވެ. ނަމަވެސް އިތުރަށް އީރާނަށް ހަމަލާދޭން އެމެރިކާއަށް ކެރިފައެއް ނުވެއެވެ. އީރާނުންވަނީ އެމެރިކާގެ އިތުރު ހަމަލާއެއް ދީފިނަމަ އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ އަދި އެމެރިކާއަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަމަށްވާ ޔޫއޭއީގެ ދުބާއި އަށް ވަރުގަދަ ހަމަލާތަކެއްދީ ދުބާއިގެ އިގްތިސާދު ހަލާކުކޮށްލާނެކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް