މިއަދު 24 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1،395 އަކަށް އަރައިފި

މާލެ މަގުމަތި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ކޮވިޑް ޖެހިފައިވާ 24 މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއާއެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،395 އަކަށް އަރައިފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑް ރޯގާއަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 20 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ، ބަންގަލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.

މިއަދު މިހާތަނަށް 24 ކޭސް ފެނުނު އިރު، އިއްޔެ ފެނުނު ކޭސްތަކުގައި އަދަދަކީ، 58 އެވެ. ހޮނިހިރު ދުވަހު 39 ކޭސް ފެނުނު އިރު، ހުކުރު ދުވަހު ފެނިފައި ވަނީ 58 ކޭސްއެވެ.

އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ 30-40 އާ ދެމެދު ހިފެހެއްޓިފައިކަމަށެވެ.

މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް މީގެ ކުރިން ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6،000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، ފެންނަ ކޭސްތައް މަދުވާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހު 28 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،395 އަށް އަރާފައިވާއިރު، 144 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ.

comment ކޮމެންޓް