ބެންކޮކް އެކްސިޑެންޓުގައި އަނިޔާވި މީހާ ހޭނާރާ އޮވެ މަރުވެއްޖެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެ ހާލު ސީރިއަސްވި ދިވެހި މީހާ، މަރުވެއްޖެއެވެ.

އެކްސިޑެންޓުގައި ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވީ ސ. ހުޅުދޫ އަހްމަދު ސައީދު އެވެ.

ދެހާސް ނަވާރަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެކްސިޑެންޓު ހިނގާފައި ވަނީ ސައީދު އާއެކު އިތުރު ދެ މީހަކު ތައިލެންޑްގެ ސުވަރްނަބޫމީ އެއާޕޯޓުން އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ޑްރައިވަރަށް ނިދިޖެހިގެންނެވެ. އެކްސިޑެންޓުގައި ކާރު ކޮންކްރީޓް ބްލޮކަކަށް އެރުމުގެ ސަބަބުން ފުރޮޅާލީއެވެ.

ކާރުގައި އެވަގުތު ތިބި އަނެއް ދެމީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބުނު ނަމަވެސް، ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

އެކްސިޑެންޓުގައި ސައީދުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވުމާ ގުޅިގެން އޮޕަރޭޝަނެއް ވެސް ކުރިއެވެ. ނަމަވެސް ހާލު ސީރިއަސްވެ، ސައީދު ކޯމާއަކަށް ދިޔައެވެ.

އެކްސިޑެންޓު ހިނގިތާ ފަސް މަސް ފަހުން، މިއަދު ހެނދުނުގެ ވަގުތެއްގައި ސައީދު މަރުވީ ވެސް ހޭނާރާ އޮވެއެވެ.

comment ކޮމެންޓް