ގައްދޫ މަސް ދޯންޏަކުން ޑައިވިންއަށް ފޭބި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫ --- ސަން ފޮޓޯ/ މުހައްމަދު ޝަފީއު

ގދ. ގައްދޫ މަސް ދޯންޏަކުން އެން ހިފަން ޑައިވިންއަށް ފޭބި މަސްވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެކަން ގައްދޫ ކައުންސިލުގެ އޮފިޝަލަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މަރުވި ޒުވާނާގެ ހަށިގަނޑު ލޯންޗެއްގައި ގައްދޫއަށް ވަނީ ގެނެސްފައެވެ. ހަށިގަނޑު މިހާރު އޮތީ ގައްދޫ ސިއްހީ މަރުކަޒުގައެވެ.

މަރުވީ އެ ރަށު ވެނަބުލީގޭ އަބްދުލްބާއިސް އަބްދުﷲ (21 އަހަރު)އެވެ.

ގައްދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އިބްރާހިމް ރިޔާޒު "ސަން"އަށް ވިދާޅުވީ، އެ ހާދިސާ ހިނގީ އެން ހިފަން ކުރި ޑައިވެއްގެ ތެރެއިން ކަމަށެވެ. އެ ޑައިވުގައި ހަތް މީހަކު ފޭބި ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޒުވާނާ ހަރަކާތް ހުއްޓިފައި އޮއްވާ ފެނުނީ ކަނޑުގެ 49 މީޓަރު އަޑިންނެވެ.

އަދި އެ ޒުވާނާ ލޯންޗުގައި ރަށަށް ގެނައި އިރުވެސް ދިރިހުރިކަމުގެ އަލާމާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

ގައްދޫ އަކީ ޑީކޯވުމާއި އެހެނިހެން ޑައިވިން އެކްސިޑެންޓު ދިމާވެފައި ތިބި މީހުން ގިނަ އަދަަކަށް ތިބި ރަށެކެވެ. "ސަން"އިން މި އަހަރު ގައްދުއަށް ކުރި ދަތުރުގައި އެ ރަށުގެ މަސްވެރިން ބުނީ، އެ ރަށުގައި މިހާރުވެސް ޑީކޯވެފައި ތިބި ވިއްސަކަށް މީހުން ތިބޭނެ ކަމަށެވެ. އަދި ފާއިތުވި ވިއްސަކަށް އަހަރު ތެރޭގައި ޑައިވިން އެކްސިޑެންޓުތަކުގައި ހަ ވަރަކަށް މީހުން މަރުވެފައިވާ ކަމަށެވެ.

https://sun.mv/131465

މަސްދޯނިތަކުގައި ޑައިވް ކުރާ މީހުންނަކީ އާންމުކޮށް ޑައިވިން ތަމްރީނުތައް ފުރިހަމަކޮށްފައި ތިބޭ މީހުންނެއް ނޫނެވެ. ޑައިވިން ދާއިރާގެ ތަޖުރިބާކާރުން ބުނާ ގޮތުން އެފަދަ ހާދިސާތައް ހުވަދު އަތޮޅުގައި އަދި ހާއްސަކޮށް ގައްދޫގައި ގިނައި އެހެންވެއެވެ.

މަސް ދޯނިތަކުގައި ޑައިވް ކުރަނީ 30 މީޓަރު ފުނަށް ޑައިވް ކުރަން ބޭނުން ކުރާ ފުޅި ހިފަައިގެންނެވެ. ނަމަވެސް އެ ފުޅި ބޭނުންކޮށްގެން 40 މީޓަރަށް އަދި 50 މީޓަރު އަޑިއަށްވެސް މަސްވެރިން އެން ހިފަން ޑައިވް ކުރެއެވެ.

comment ކޮމެންޓް