މިއީ ފަތުރުވެރިން އަތުން އިތުރު ޓެކްސް ނަގަންވީ ވަގުތެއް ނޫން: އަލީ ވަހީދު

މިއއަދުގެ ވެބިނާގައި މިނިސްޓަރު ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މި ވަގުތަކީ ފަތުރުވެރިން އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫން ކަމަށާއި މިއީ ހެޔޮ ހިތަކައިގެން ފަތުރުވެރިންނަށް މަރުހަބާ ކިޔަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (ޔޫއެން ޑަބްލިއުޓީއޯ) އިން އިންތިޒާމުކޮށްގެން ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ކުއާ އަސަރާ ގުޅޭ ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މިއަދު ވިދާޅުވީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެއަށް އޮތް ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށާއި، މާތްﷲގެ އިރާދަފުޅާއެކު ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ އެ އިތުބާރާއެކު ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައިވަނީ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.

ރާއްޖެ ޓޫރިޒަމަށް އަލުން ހުޅުވާލާ އިރު ކޮވިޑް ޓެކްސްގެ ގޮތުގައި، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން އަށް ޑޮލަރު ނެގުމަށް ޓޫރިޒަމް މިނިސްޓްރީއަށް ލަފާ ދިނުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ނިންމާފައެވެ.

https://sun.mv/137204

މިނިސްޓަރު ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަގު ނުކުރެވޭފަދަ ގެއްލުންް ލިބެމުންދާ ކަމަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމާއި އިގްތިސޯދު މުޅިން ހުއްޓިފައިވާ ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް ރާއްޖެއިންވެސް މިހާރު ތައްޔާރުވަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިގްތިސޯދު އަލުން ހުޅުވާލުމަށް ކަމަށާއި ނަމަވެސް މިހާރު ހުރިހާ ގައުމަކުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ، އެއާޕޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގައި ބައިނަލްއަގުވާމީ އެއް މިންގަނޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއިން ފަތުރުވެރިންނަށް މަރުހަބާ ކިޔާނީ ހެޔޮހިތުން ކަމަށެވެ.

ފަތުރުވެރިކަން އަލުން ހުޅުވާލާއިރު، އަމަލު ކުރާނެ ގައިޑްލައިންއެއް އެކުލަވާލާ އެއަށް ދާއިރާގެ ސްޓޭކް ހޯލްޑަރުންގެ ހިޔާލަށް ވަނީ ހުޅުވާލައިފައެވެ.

comment ކޮމެންޓް