ކޮވިޑް-19 ޖެހޭތާ 11 ދުވަސް ފަހުން ބަލި ނުފެތުރޭ: ދިރާސާ

ކޮވިޑް-19 ޖެހޭތާ 11 ދުވަސް ފަހުން ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް އެމީހުންގެ ފަރާތުން ބަލި ނުފެތުރޭ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ -- ފޮޓޯ: ރޮއިޓާސް

ސިންގަޕޫރު (މެއި 25): ކޮވިޑް-19 ޖެހޭ މީހުން 11 ދުވަސް ފަހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ނަމަވެސް އޭގެ ފަހުން އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ނުފެތުރޭ ކަމަށް ސިންގަޕޫރުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ސިންގަޕޫރުގެ ނެޝަނަލް ސެންޓާ ފޯ އިންފެކްޝަސް ޑިޒީސެސް (އެންސީއައިޑީ) އާއި އެކެޑެމީ އޮފް މެޑިސިންއިން ގުޅިގެން އެ ދިރާސާ ހަދާފައި ވަނީ އެގައުމުގައި ބަލި ޖެހުނު 73 މީހަކު ހިމަނައިގެންނެވެ. އޭގެ ތެރޭގައި ބަލީގެ އަލާމާތްތައް މަދުން ފެނުނު މީހުންނާއި ހާލު ސީރިއަސްވި މީހުންވެސް ހިމެނުނެވެ.

އެ ދިރާސާގައިވާ ގޮތުން އެ އެންމެންނަށްވެސް ބަލި ޖެހުނުތާ 11 ދުވަސް ފަހުން އެމީހުންގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުން ވައިރަސް އެކަހެރިކޮށް، އާލާ ނުކުރެވެ އެވެ. އެހެންކަމުން އެމުއްދަތަށް ފަހު އެ މީހުންގެ ފަރާތުން ވައިރަސް ފެތުރޭ ކަމަށް ނުބެލެވެ އެވެ.

"ސައިންޓިފިކްކޮށް ބުނާ ނަމަ، އަޅުގަނޑަށް ވަރަށް ޔަގީން 11 ދުވަސް ފަހުން ބަލި މީހުންގެ ފަރާތުން ވައިރަސް ނުފެތުރޭ ކަން ދޭހަވާ ވަރަށް ހެކި މިހާރު އެބަހުރިކަން،" ޕްރޮފެސަރު ލިއޯ ވިދާޅުވި އެވެ.

މީގެ އިތުރުން ވައިރަހަށް މީހަކު ޕޮޒިޓިވްވި ނަމަވެސް އެ މީހެއްގެ ފަރާތުން ވައިރަސް ފެތުރޭކަން އަދި ހަށިގަނޑުގައި ވައިރަސް އާލާވަމުންދާކަން ޓެސްޓުން ޔަގީން ނުވާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އަދި ޓެސްޓުތަކުން ދެނެގަންނަނީ ވައިރަހުގެ ޖެނެޓިކް މެޓީރިއަލް ކަމަށާއި އޭގެ ތެރޭގައި ހަށިގަނޑުގައި އިތުރަށް އާލާ ނުވާ ވައިރަހުގެ ބައިތައް ދެނެގަނެވިދާނެ ކަމަށް ބުނެފައިވެ އެވެ.

އެ ދިރާސާ ހެދުމުގައި ބައިވެރިވި މާހިރުން ވަނީ އެ އާ މައުލޫމާތަށް ބިނާކޮށް، ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ހާލު ސީރިއަސް ނުވާ މީހުން 11 ދުވަސް ފަހުން ހޮސްޕިޓަލުން ދޫކޮށްލާ ގޮތަށް ގަވާއިދުތައް ބަދަލު ކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސިންގަޕޫރުގައި މިހާތަނަށް 31،900އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 14،876 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ. އެގައުމުން ބަލީގައި މަރުވެފައި ވަނީ 23 މީހެކެވެ.

comment ކޮމެންޓް