ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 30 މީހަކު ޝަރުތުތަކާ އެކު ދޫކޮށްލަން ޕީޖީއިން އެދިއްޖެ

ކުރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުންގެ ކާރެއް ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ޖަލުތަކުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 30 މީހަކު ޝަރުތުތަކަކާ އެކު ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކުގައި އެދިއްޖެ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު "ސަން"އަށް ވިދާޅުވީ، ޖަލުތަކުގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ރިވިއުކޮށް، އޭގެ ތެރެއިން އެއްވެސް ގޮތަކުން ލުޔެއް ދެވެން ހުރި މީހުންގެ ބަންދަށް ލުޔެއް ދެއްވުން އެދި ހޯމް މިނިސްޓްރީން ޕީޖީއަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެ ސިޓީއާ ގުޅިގެން މިވަގުތު ޝަަރީއަތް ނިމެންދެން ބަންދުގައި ތިބި އެންމެންގެ މައްސަލަތައް އަލުން ބަލާފައިވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ނަމަވެސް، ބަދަލު ގެނެވޭތޯ ބަލާފައި ވާނީ އޭގެތެރެއިން ކުޑަކުދިންނާމެދު ބަދުއަހްލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، މަސްތުވާތަކެތީގެ ނެޓްވާކުތަކަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި، މީހުން މެރުމާއި ނުރައްކާތެރި މާރާމާތީތަކާއި ގޭންގު ކުށްތަކުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މީހުން ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް ކަމަށް ޝަފީއު ވިދާޅުވިއެވެ.

"އެ މަސައްކަތް ކުރިއަށް ގެންދިއުމަށްފަހު ތިރީހަކަށް މީހުން، ޝަރުތާއެކު ބަންދުން ވީއްލުމަށް ކޯޓުގައި އެދިފައިވާނެ،" ޝަފީއު ވިދާޅުވިއެވެ.

ޝަފީއު ވިދާޅުވީ، އެއްވެސް މީހަކު އެއްކޮށް ބަންދުން ދޫކޮށްފައެއް ނުވާނެ ކަމަށާއި، ދޫކޮށްފައިވާނީ ޝަރުތާއެކު ކަމަށެވެ. އެ ޝަރުތުތަކުގެ ތެރޭގައި މާލެއިން ފުރައިގެން ނުދިއުމާއި، ކޯޓަށް ހާޒިރުވުމާއި، އިތުރު ކުށެއް ނުކުރުން ހިމެނެއެވެ.

"އެއިން މީހަކު އިތުރު ކުށެއްގައި ތުހުމަތު ވެގެން ހައްޔަރު ކޮށްފިނަމަ، އަލުން ބަންދަށް ގެންދެވޭނެ،" ޝަފީއު ވިދާޅުވިއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އޭގެ ތެރޭގައި ބަންދު އަޑުއެހުންތައްވެސް ހިމެނެއެވެ. މިހާރުވެސް ބަންދު އަމުރު ރިވިއުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުން ދޫކޮށްލާފައިވެއެވެ.

comment ކޮމެންޓް