މައްސަލަތައް ބަލާނެކަމަށް އިމްރާން ދެއްވި ޔަގީންކަމަށް ނަޝީދުގެ ޝުކުރު!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ - ފައިލް ފޮޓޯ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައާއި ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭގޮތަށް މަރާލާފައިވާ މީހުންގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފިއެވެ.

އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެ ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް މި ސަރުކާރުން ވައުދުވެފައިވާ ކަމަށާއި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ގްރޫޕެއްގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުންވެސް ކުރަން ވައުދުވި ކަންކަން ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މައްސަލަތައް ނުނިމި ދިގުލައިގެން ދާތީ ނަޝީދު ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާނާ ފޯނުން ގުޅުއްވައި ވާހަކަދެއްކެވި ކަމަށެވެ.

"މިނިސްޓަރު ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަން އަދި މަރުތަކުގެ މައްސަލަތައް ކުރިއަށް ގެންދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މިނިސްޓަރު އިމްރާން ދެއްވި ޔަގީންކަމަށް ޝުކުރުއަދާކުރައްވައިފައެވެ.

އެ މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބު ސާފުނުވާ ކަމަށް ބުނެ، މަޖިލީހުން އެކަން ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.

މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެވެ. އެ މައްސަލަ މިހާރު ވަނީ ޖުޑީޝިއަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް ފޮނުވައިފައެވެ.

comment ކޮމެންޓް