ޕްރިމިއާ ލީގުގެ ކުލަބުތަކަށް "ކޮންޓެކްޓް" ޓްރެއިނިން ހެދުމުގެ ހުއްދަ ދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ޖެހި ލަނޑަކަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ: އެ މެޗުން ލިވަޕޫލް މޮޅުވީ 4-0 ލަނޑުގެ ނަތީޖާއަކުން ---

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތަކަށް ކުޅުންތެރިންގެ ގްރޫޕްތަކުގައި، އެކަކު އަނެކަކާ ގާތްވެގެން ޕްރެކްޓިސް ކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކޮޅަށް ލަނޑެއް ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ މި މަހުގެ ކުރީކޮޅު ދީފައިވާ އިރު އިނގިރޭސި ކުލަބުތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ދީފަ އެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން މިއަދު ނެރުނު ގައިޑްލައިންގައި ބުނެފައިވަނީ މީގެ ކުރިން ކުޅުންތެރިން ވަކި ވަކިން ފަރިތަކުރުން އަންގާފައި އޮތް ނަމަވެސް މިއަދުން ފެށިފެން ދެވަނަ ސްޓޭޖެއްގެ ފަރިތަކުރުންތައް ކުލަބުތަކަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

"ކުޅިވަރުތައް އަލުންް ފެށުމަށްޓަކައި ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގައި ސްޓޭޖް ދެޔަކަށް އަމަލު ކުރުމުގެ ހުއްދަ ދީފިން. އެގޮތުން ސްޓޭޖް ދޭއްގެ ހުއްދައާ އެކު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާ ކައިރިވެ، ވާދަވެރި ފަރިތަކުރުންތަކެއް ކުރިއަށް ގެންދެވޭނެ،" އިނގިރޭސިވިލާތުގެ ސަރުކާރުން އާއްމުކުރި ގައިޑްލައިންގައި ބުނެފައިވެ އެވެ.

އެ ގައިޑްލައިންގައި ވާގަޮތުން ޓީމް ޓްރެއިނިންގްތައް ކުރިއަށް ގެންދިއުމުގައި ވެސް ތިން ސްޓޭޖެއް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފުރަތަމައިން ފަށާއިރު 2-3 ކުޅުންތެރިންގެ ގްރޫޕުތަކުން ފަރިތަކުރުން ފަށާއިރު އެއަށްފަހު ހަތަރު ކުޅުންތެރިންނާއި 12 ކުޅުންތެރިންނަށް އިތުރު ކުރެވޭނެ އެވެ. އަދި އެ އަދަދަށް ފަރިތަކުރުންތައް މައްސަލައެއް ނުޖެހި ގެންދެވިއްޖެ ނަމަ ފުލް ޓީމް ޓްރެއިނިންގް ހެދުމަށް ހުއްދަ ލިބޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ފަރިތަކުރުންތައް ނިމުމަށްފަހު ބޭރުތެރޭގައްޔާއި، އެހެން ހުރިހާކަމެއްގައި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭ ކަމަށް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ.

މިހާރު މަޝްވަރާ ކޮށްފައިވާ ގޮތުން ނަމަ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާނީ އަންނަ މަހުގެ 12 ނުވަތަ 13 ވަނަ ދުވަހު އެވެ. އެކަމަކު ހާލަތަށް ބަލައި އެއަށްވުރެން ފަސްކުރަން ޖެހޭ ނަމަ އެކަން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް އެގައުމުގެ ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް