ކޮވިޑް ފުރަބަންދުގައި އެންމެ މަގުބޫލު ޝޯއަކީ ފްރެންޑްސް

ފްރެންޑްސްގެ ކާސްޓުން ---

ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ ގިނަ ގައުމުތައް ލޮކްޑައުންއަށް ގެންގޮސް ގެތަކުގައި އެންމެން މަޑުކުރަން ޖެހުމާއެކު ވަގުތު ހޭދަކުރީ ފިލްމުތަކާއި ޝޯތައް ބަލައިގެންނެވެ. މުޅިން އާ ޝޯތަކާއި ފިލްމުތައް ކޮންމެ ހަފްތާއަކު ނެރުނު ނަމަވެސް މުޅި ދުނިޔޭގައިވެސް މި ކޮވިޑް-19 ގައި އެންމެ ގިނައިން ބަލާފައިވަނީ އެއް ޝޯއެކެވެ. އެއީ ކޮމެޑީ ސީރީޒް ފްރެންޑްސް އެވެ.

މީގެކުރީން ނެޓްފްލިކްސް އިން ބެލެން ހުރި ފްރެންޑްސް ސީރީޒް މިހާރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ތިބެ ނުބެލެއެވެ. ނެޓްފްލިކްސް އަށް ފްރެންޑްސް ދެއްކުމުގެ ލައިސެންސް ހަމަވެފައިވާއިރު އެ ގައުމުތަކުން ފްރެންޑްސް ޑައުންލޯޑުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށް ބައެއް އޮންލައިން ޓްރެފިކް ތަކުން ދައްކައެވެ.

އެމެރިކާގެ ކޭބަލްޓީވީ.ކޮމް ނަމަކަށް ކިޔާ ކުންފުންޏަކުން ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކާގޮތުގައި އެމެރިކާގެ 11 ސްޓޭޓެއްގައި އެންމެ މަގުބޫލު ޝޯއަކީ އަދިވެސް ފްރެންޑްސް އެވެ.

މީގެ 25 އަހަރު ކުރީން ދައްކަން ފެށި ކޮމެޑީ ސީރީޒް ފްރެންޑްސްގެ އެންމެ ފުރަތަމަ އެޕިސޯޑު އަޅުވާފައިވަނީ 22 ސެޕްޓެމްބަރު 1994ގައެވެ. އެއަށްފަހު ޖުމްލަ 10 ސީޒަން އާއެކު އެ ސީރީޒް ނިންމާލާފައިވަނީ 2004 ވަނަ އަހަރުގައެވެ.

އެ ޝޯއަކީ މިހާރުގެ ޒުވާނުންގެ މެދުގައިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއެކެވެ.

ނެޓްފްލިކްސް އަށްފަހު ފްރެންޑްސްގެ ރައިޓްސް ނަގާފައިވަނީ އެޗްބީއޯއިންނެވެ. އެޗްބީއޯއިން "އެޗްބީއޯ މެކްސް"ގެ ނަމުގައި އާ ސްޓްރީމިންގް ހިދުމަތެއް މި އަހަރު ރިލީޒްކުރަން ތައްޔާރުވަމުން ދާ އިރު، އެ ސާވިސްގެ ތެރެއިން ސްޓްރީމްކުރެވޭނެ ޝޯތަކުގެ ތެރޭގައި ފްރެންޑްސް ހިމެނޭނެއެވެ.

comment ކޮމެންޓް