ކޮވިޑް ޖެހިފައިވާ 25 ދިވެހިންނާ އެކު މިއަދު 58 ކޭސް

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖެއިން ކޮވިޑް-19ގެ 58 ކޭސްއެއް ފެނިފައިވާ އިރު، އޭގެ ތެރޭގައި 25 ދިވެއްސަކު ހިމެނޭކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

މިއީ މިފަހުން އެއް ދުވަސް ތެރޭ މިހާ ގިނަ އަދަދަކަށް މި ބައްޔަށް ދިވެހިންތަކެއް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި 25 ދިވެހިންގެ އިތުރުން ދެން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ތެރޭ ހިމެނެނީ، 13 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ 14 މީހުން އަދި ނޭޕާލްގެ ހަ މީހުންނެވެ.

މިރޭ 11:30އާ ހަމައަށް ޕޮޒިޓިވްވި މި ކޭސްތަކާ އެކު ރާއްޖެއިން ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 1،371 އަށް އެރީ އެވެ.

އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވީ، 39 މީހުންނެވެ. އެހެން ކަމުން މިއަދު 58 މީހުން ޕޮޒިޓިވް ވުމާ އެކު މިއަދު ފެނުނު ބަލީގެ ކޭސްތަކުގެ އަދަދު މި ވަނީ، އިއްޔެ އާ އަޅާ ބަލާއިރު 48.7 ޕަސެންޓް އިތުރުވެފަ އެވެ.

އެންއޯއީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވީ، ވަނީ މިހާރު ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ 30-50 އާ ދެމެދު ހިފެހެއްޓިފައިވާކަމަށށް ވިދާޅުވެފައެވެ.

މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، ފެންނަ ކޭސްތައް މަދުވާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހު 28 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު1371 އަށް އަރާފައިވާއިރު، 128 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ.

comment ކޮމެންޓް