އެމެރިކާގައި ކޮވިޑް މަރުތައް ލައްކައަކާ ގާތަށް

އެމެރިކާގައިި ކޮވިޑް ޖެހިގެން މަރުވާ މީހުން ވަނީ ލައްކައަކާ ގާތް ކޮށްފައި --- ފޮޓޯ: އަލްޖަޒީރާ

އެމެރިކާގައި ކޮވިޑް-19 ގެ ޝިކާރައަކަށް ވެގެން މަރުވި މީހުންގެ އަދަދު ލައްކައަކާ ގާތް ކޮށްފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ޗައިނާގެ ވޫހާންއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ ފެތުރެން ފެށި ވައިރަހުގެ އަސަރު މިހާތަނަށް އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާގައި އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ހުރީ ގާތްގަނޑަކަށް 99،000 ގައެވެ.

އެ ގައުމުގެ 1.6 މިލިއަން މީހުންނަށް މިހާރު އެ ބަލި ޖެހިފައިވާ އިރު އަދިވެސް ވައިރަސް ހުއްޓުމަކަށް ގެނެވޭނެ ދުވަހެއް ނޭންގެ އެވެ.

އޭގެތެރޭގައި އެންމެ ގިނަ ބަޔަކު ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ ނިއުޔޯކް ސިޓީއިންނެވެ. އެ ސިޓީއިން މިހާތަނަށް 371,033 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު މިއަދު އެކަނި ވެސް 1,377 އަށް ވުރެން ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ބަލީގައި މިއަދު 119 އަށް ވުރެން ގިނަ މީހުން މަރުވެފައިވާ އިރު ޖުމުލަ ނިއުޔޯކް ސްޓޭޓުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 29,231 އަރައިފަ އެވެ.

އެމެރިކާއިން ދެވަނައަށް އެންމެ ގިނަ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ނިއު ޖާޒީގެ 617 މީހަކު މިއަދު ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 51 މީހަކު މިއަދު ވަނީ މަރުވެފަ އެވެ. އެކަމަކު ތިންވަނައަށާއި ހަތަރުވަނައަށް އެންމެ ގިނަ ކޭސް ފެނުނު އިލިނޮއީ އަދި ކެލިފޯނިއާގައިި މިއަދު ކޮވިޑް-19 ގައި މީހަކު މަރުވިކަމަށް ރިޕޯޓެއް ނުކުރެއެވެ.

އެގައުމުގައި ކޮވިޑް ޖެހިގެން މިއަދު މީހުން ގިނައިން މަރުވި އިތުރު ސްޓޭޓުތަކަށް ބަލާއިރު ފްލޮރިޑާ، މެރީލެންޑް އަދި އޮހާއިއޯގެ އިތުރުން ޕެންސީލްވޭނިއާ ހިމެނެ އެވެ.

އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިނވަރު މަދުކުރުމުގެ ގޮތުން، ދަތުރުފަތުރު ކުރާ މިންވަރު މަދުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސްކުރެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކޮވިޑް-19 އަކީ ޕެންޑެމިކެއްގެ ގޮތުގައި ކަނޑައެޅިތާ ފަސް ދުވަސް ފަހުން، މާޗު 16 ވަނަ ދުވަހުއެވެ.

އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުންނާއި ސިއްހީ އޮފިޝަލުން ހައްދަވާފައިވާ ޕްރޮޖެކްޝަންތައް ބުނާ ގޮތުން، އެގައުމު ފުރަބަންދުކުރުމުގެ ފިޔަވަޅު ކުރިން އެޅިނަމަ ބަލި ފެތުރުން މަދުކުރެވި، ގާތްގަނޑަކަށް 36،000 އެއްހާ މީހުންގެ ފުރާނަ ސަލާމަތްކުރެވުނީހެވެ.

comment ކޮމެންޓް