300 އެނދުގެ ކޮވިޑް ވިލެޖްގެ މަސައްކަތް ނިންމާ ހަވާލުކޮށްފި

ހުޅުމާލޭގައި ގާއިމްކުރާ ކޮވިޑް ވިލެޖުގެ މަސައްކަތް ނިންމާ އައިޖީއެމްއެޗާ ހަވާލުކޮށްފި އެވެ.

މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ހުޅުމާލޭގައި ގާއިމް ކުރި ފެސިލިޓީއަކީ ސަރުކާރުން 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި 300 އެނދުގެ ފެސިލިޓީއެކެވެ. އެ ފެސިލިޓީއަށް ހަރަދު ކުރާ 40 މިލިއަން ރުފިޔާގެ ތެރެއިން 12 މިލިއަން ރުފިޔާ އަކީ ކޮންސްޓްރަކްޝަނަށް ކުރާ ހަރަދެވެ. އަދި ބާކީ 28 މިލިއަން ރުފިޔާ އަކީ އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް ހަރަދު ކުރާ ފައިސާ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތިން ހުރި އިމާތާތް ކޮވިޑަށް ފަރުވާދޭނެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގައި ސިފައިންނާއި ސަރުކާރު އަދި އަމިއްލަ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

ކޮވިޑް ވިލެޖު އައިޖީއެމްއެޗާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީސް މަސައްކަތް ކުރިއަށްގެންދިޔައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކަމަށާއި މިމަސައްކަތް ލީޑްކުރި މުއައްސަސާގެ ވަޒީރެއްގެ ހައިސިއްޔަތުން މި ނިންމާލެވުނީ ވަރަށް ބޮޑު މަަސައްކަތެއް ކަމުގައި އިހުސާސް ކުރެއްވޭ ކަމަށެވެ.

މިމަސައްކަތް ކުރިއަށްދިޔައިރު ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވިކަމަށާއި މިގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވި ކަމަކީ މަސައްކަތްތުގައި ހަރަކާތްތެރިވި ބައެއް ސިފައިން ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އެފަރާތްތަކަށް އެކަހެރި ކުރުމުން މަސައްކަތަށް އައި ހީނަރުކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޕޮޒިޓިވްވި ސިފައިންނާއި އެފަރާތްތަކުގެ އާއިލާތަކާއި އަމިއްލަފުޅަށް ގުޅުއްވި ކަމަށާއި އެފަރާތްތަކުގެ ބަހަކަށްވީވެސް ގައުމު ގޮވާލި މިދަނޑިވަޅުގައި އެންމެ ފަހު ވަގުތާއި ޖެހެންދެންވެސް މަސައްކަތުގައި ދެމިހުރުން ކަމުގައި ކަމަށެވެ. މިވަބާގެ ނުރައްކާތެރިކަން ވިސްނިވަޑައިގަންވާތީ އެފަރާތްތައް މަސައްކަތާއި އެކަހެރި ކުރަންޖެހުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ފުރާނަ އަތްމައްޗަށް ލައިގެން ހުޅުމާލޭ ކޮވިޑް ވިލެޖުގެ މަސައްކަތް ކުރި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.

ކޮވިޑް ވިލެޖްގެ މަސައްކަތް ފަށާފައިވަނީ އޭޕްރީލް އެއްވަނަ ދުވަހުއެވެ. އޯވަރޯލް އިންޗާޖެއްގެ ގޮތުގައި މަސައްކަތް ރާވާ މެނޭޖްކުރުމުގައި އެމްއެންޑީއެފުން މަސައްކަތް ކުރި ނަމަވެސް ފެނަކަ ކޯޕަރޭޝަން، ޕްލޭނިންގ މިނިސްޓްރީ، ލިއޯ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ވެފައިވެއެވެ.

ސާޅީސް ފަސް ދުވަހުގެ ތެރޭގައި ނިންމި، ކޮވިޑް ވިލެޖުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަރާތުން އަމަލީ ގޮތުން އިސްކޮށް ހަރަކާތްތެރިވީ މިލިޓްރީ އިންޖިނިއާސްއާއި އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްގެ އިތުރުން ސިގްނަލްސްއެވެ.

ކޮވިޑް ވިލެޖުގައި ފަސް ބުލޮކް ހިމެނެއެވެ. މިގޮތުން ހަތަރު ބުރި ހިމެނޭ ބުލޮކް އޭ އިމާރާތް ތަރައްގީކޮށްފައިވަނީ 222 އެނދު ހިމެނޭ ގޮތަށެވެ.

އަދި އެއްބުރި އިމާރާތެއްގެ ގޮތުގައި ހަދާފައިވާ ބުލޮކް ބީ ގައި 68 އެނދު ހިމެނޭއިރު ބުލޮކް ސީ ބިލްޑިން ތައްޔާރުކޮށްފައި ވަނީ ހެލްތު ކެއާ ވޯކާސްގެ އެކޮމޮޑޭޝަން އިމާރާތެއްގެ ގޮތުގައެވެ. އަދި ބުލޮކް ޑީ ސާވިސް ބިލްޑިންއެއްގެ ގޮތުގައި ތަރައްގީކޮށްފައިވާއިރު މި ބިލްޑިންގައި ހިމެނެނީ ލޯންޑްރީއާއި އޮފީހާއި މީޓިން ރޫމެކެވެ.

ކޮވިޑް ވިލެޖުގެ ފަސްވަނަ ބުލޮކް، ބުލޮކް އީ ގައި ހިމެނެނީ ހިނަވާ ގެޔަކާއި އޮޓޯކްލޭވް މެޝިނެވެ.

ކޮވިޑް ވިލެޖުގެ މަސައްކަތުގައި ސިފައިންގެ 350 މީހުން 24 ގަޑިއިރު މަސައްކަތްކޮށްފައިވެއެވެ.

އެޕްރީލް 25 ވަނަ ދުވަހު މިތަނުގެ މަސައްކަތް ކުރި ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން 76 ސިފައިން މި ފެސިލިޓީގައި ކަރަންޓީނު ވެގެންވެސް މަސައްކަތް ކުރިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މަސައްކަތް ކުރިއަށްދިޔައިރު ސަރުކާރުގެ ވުޒާރާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާއި އެޗްޑީސީގެ އިތުރުން ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީ އަދި ވެމްކޯގެ އެހީތެރިކަން ލިބުނުކަން އެމްއެންޑީއެފް އިން ފާހަގަކުރެއެވެ.

comment ކޮމެންޓް