އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

އާލިޔާ ދޮރާާށި ތަޅުލާންވެގެން ގޮސް ދޮރު ހުޅުވައިލިތަނުން މޫނު ފޮރުވައިގެން ހުރި މީހަކު އެތެރެއަށް ދެމިގަތެވެ. ވަގުތަކަށް ބަލަ ބަލާ ފާރައަށް ހުރި މީހެއް ފަދައެވެ. އޭނަ ހަޅޭއްލެވިޔަސް ދޮންބެއަށްވެސް އަޑުއިވޭނެކަމެއް ނޭގެއެވެ.

"ކާކު..." އާލިޔާ ރުޅިއަތުވެއްޖެއެވެ.

"ކަލޭ ކޮން އަޑެއް ނެރޭކަށްތަ؟ " ކުއްލިއަކަށް އެމީހަކު އާލިޔާގެ މޫނުގައިވާ ފޮތިގަނޑުވެސް ދަމައިގެންފިއެވެ. އެހިސާބުގައި ދިއްލާފައިވާ ހޮޅިބުރީގެ ގަދަ އަލި އާލިޔާގެ މޫނަށް އެޅުނެވެ. ކިތަންމެ ރީއްޗަށްވެސް އެމީހަކަށް އޭނަގެ މޫނު ފެނިއްޖެއެވެ. އެމީހަކު ފަސްޖެހުމެއްނެތި ބުރުގާވެސް ދަމައިގެން އިސްތަށިގަނޑު ނިއުޅި އޭނަގެ އައުރަ ކަޝްފުވިއެވެ. ވަޅިން ހަމަލާދޭން އުޅުމުން ހުއްޓުވީ އެތަނަށް ދެން އައި މީހާއެވެ. އޭނަ އެދޭތެރެއަށް އަތް ލެއްވުމުން ވަޅީގެ ހަމަލާ އަތަށް އެރިގޮތަށް އިނގިލީގެ ބަދައެއް ވިއްސައިގެންގޮސް ދުރުގައި ޖެހުނެވެ. އެ މަންޒަރު ފެނުމުން އާލިޔާގެ ހެޔަށްވެސް ގޮތެއްވާން އުޅުނެވެ.

"ކަލޭ ދެން ދޭ.."މަހުދީ މާސްކު އަޅައިގެން ހުރި މީހާއަށް އަމުރުކުރުމުން އޭނަ ކިޔަމަންވިއެވެ.

"މަހުދީ...." އާލިޔާއަށް ބުނެވުނެވެ.

މަހުދީއަށް އޭރުވެސް ހުރެވުނީ ޝޮކެއްގައެވެ. ހަގީގަތުގައި އޭނަ އެހެންމީހަކު ލައްވާ އެ ހަމަލާ ދޭން ރޭވީ އަމިއްލަ އަގު ވައްޓާނުލަންވެގެންނެވެ. ވެރިން އެހާ ދަށު ދަރަޖައަކަށް ވެއްޓި ނުގަންނާނެއެވެ. އެފަދަ މަސައްކަތްކުރަން ޖެހޭނީ އެމީހުންގެ ދަށުން މަސައްކަތް ކުޓާ މުވައްޒަފުންނެވެ. އާލިޔާ ބިރުގަންނަވަ ޒަޚަމްކޮށް ކައިވެނި ހުއްޓުވަން އެމީހާގޮވައިގެން މަހުދީ އައުމުން އޭނަ ހައިރާންވެ ބުއްދި ލުހޭވަރުވިއެވެ. ވާނީ އެހެންނޫންހެއްޔެވެ؟ އާލިޔާގެ މޫނު ފެނުމާ އަދި ލޮލުގެ އެސްފިޔަ އަވަސް އަވަހަށް ޖަހައިލުމުން ހަމަ މީރާ ދިރިގެން އައިހެން ހީވިއެވެ. މީރާގެ ސިފަތައް އާލިޔާގެ މޫނުން ފެނުނެވެ. މިންކާގެ ބުޅި އިސްތަށިގަނޑެވެ. އެމޫނު ފެނުމުން ކުރި އަސަރާއި ލޭގައި ހިނގައިގަތް އަސަރަކީ މީރާމަތިން ހަދާން ވުމުން ކަމެއް ނޫނީ އެހެން އިހުސާސެއް ކަމެއް ނޭގުނެވެ.

އާލިޔާ ފަތެއްގެ މަތީ އޮތް އިނގިލީގެ ބަދަ ގެނެސް މަހުދީގެ އަތުގެ އިނގިލީގައި ޖެއްސިއެވެ. ވަރަށް ހިތްވަރު ކުރަން ޖެހުނެވެ. ފިލްމުތަކުން މިފަދަ ބިރުވެރިކަމެއް ފެނުނަސް ލޮލުން ފެނުމުން ވާ އުދަގޫތަކާއި ބިރުގަތްވަރު ދުލުން ބުނެލަން ނުކުޅަދާނައެވެ. އޭނާ ހުރީ ބުރުގާ އަޅަންވެސް ނޭގިފައެވެ.

"ސުބުހާނަﷲ ހާދަ ވަރަށޭ ލޭ އަންނަނީ....."

"އިޓްސް އޯކޭ. އަހަރެން އައީ ކާރުގައި...އާލިޔާ......" މަހުދީ އެއްޗެކޭ ބުނަން އުޅުނެވެ.

"ތޭންކްސް......ފޯ ސޭވިން މީ.." އާލިޔާއަށް ހުރީ ރަގަޅަށް އޮޅިފައެވެ.

މަހުދީ އިތުރު އެއްޗެކޭ ނުބުނެ ހިނގައިގަތީ ކުށްވެރި އިހުސާސްތަކާއި އެކު ލަދުގެންފައެވެ. ކުޑަ ނާޒުކް އަންހެންކުއްޖަކަށް ހަމަލާދޭން ބޮޑެތި ފިރިހެނުން އައުމުން ފިރިހެންވަންތަކަމަށް ހުތުރެވެ. އިނގިލީގައި އަޅަމުން ދިޔަ ގަދަ ވޭނަށްވުރެ ހިތަށް ކުރި އަސަރު ބޮޑެވެ.

ހޮސްޕިޓަލަށް ގޮސް ފަރުވާއަށްފަހު ގެއަށް އައި މަހުދީ ހުރީ މިންކާއާއި އެކަނި ދިމާނުވެގެންނެވެ. މިންކާ އޭނަ ގައިގާ ބައްދަައިލިގޮތަށް ޖަޒުބާތީވެގެން ރޯންފެށިއެވެ.

"ދޮންބެ ޔޫ އާ އެ ހީރޯ..."

"ކީއްވެ" މަހުދީ އެހިއެވެ.

"އާލިޔާ ބުނީ އެގެއަށް ވަނީޔޯ މާސްކް އަޅާފައި ހުރިމީހެއް. އޭނަ ވަންތަން ފެނިފައި ކަން ނޭގެޔޯ ދޮންބެ އެހެން ދަމުން ވަދެލީ. އަދި އޭނަ ސަލާމަތްކޮށްދިނީ. ދޮންބެގެ އިނގިލިވެސް ގުރުބާންކޮށްލީނު. ޔޫ އާ އެ ޖެންޓްލްމޭން. އެ ސޭވިއާ..." މިންކާ މަހުދީގެ ކޯތާފަތަށް ބޮސްދިނެވެ.

"މިންކާ. އަހަރެންގެ ސުވާލަށް ދޮގުނަހަދާ ޖަވާބު ދީފާނަންތަ؟" މަހުދީ އެހިިއެވެ. "އާލިޔާއަކީ ކާކު؟ އާލިޔާގެ މަންމައަކީ ކާކު؟ އައި ސޯ ހާރ ފޭސް. މީރާއާއި މިންކާގެ މިކްސްއެއް ފެނުނީ. މިންކް ދޮގު ނަހަދާ ބުނާތި....."

މިންކާއަށް މަހުދީގެ ލޮލުން ފެންނަން ހުރި ސީރިޔަސްކަމާއި ޔަގީންކަމުން ދޮގުހަދައިގެން ސަލާމަތްނުވާނެކަން އެނގުނެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް މަޑުމަޑުން ކޯތާފަތުން ތިރިއަށް ދެމެންފެށިއެވެ.

"އާނ ދޮންބެ. އާލިއާއަކީ މަންމަގެ ދަރިއެއް...."

"ގޯޑް......"

"ހޫމް އެވާހަކަ ނުބުނަން ކަމަށް ހުރީ. އެކަމަކު މަންމަގެ ފޮޓޯ އެގެއިން ފެނުމަށްފަހު އެކަން ޔަގީންވި. އާލިޔާ މަންސޫރު ކިޔާކަން އެނގުނީ ވަރަށް ފަހުން..." މިންކާ އަޔާޒް ބައްޕަގެ މައުލޫމާތު ހޯދަން އުޅުމުން އޭނަ ބައްޕައަށް އޮޅުވާލައިގެން އެ މައްސަލަ ކޯޓާއި ހަމަޔަށް ގެންގޮސްފައިވާ ކަމުގައި ބުންޏެވެ. ހުރިހާ ވާހަކަތަކެއް އަހަން މަހުދީ ހުރީ ހުއްޓުން އަރާފައެވެ.

"މާމަގެ ހުރޭ ޑިމެންޝިއާ. އެކަނިވާ ވަގުތުގައި މަންމަގެ ވާހަކައެހިން. މަންމަގެ އެންމެ ފަހު ދުވަސްކޮޅު އޮޅުން ފިލުވަން މަސައްކަތްކުރިން. މާމައަކަށް އެކައްޗެއްވެސް ނޭގޭ. ހަމަ ބޭބީއެކޭ ތަފާތެއް ނެތް. އާލިޔާގެ ޓްވިންއެއް ހުރި. އިއާންއެއް. އެކުއްޖާ މަރުވީކަމެއް ނޫންކަމެއް އަދިވެސް އޮޅުން ނުފިލާ...ދޮންބެ. އާލިއާ އަހަރެމެން އާއިލާގެ ގޮތުގައި ބަލައެއް ނުގަންނާނެ. އެނގިއްޖެއްޔާ ހޭޓް ކުރާނީ. ބައްޕަދެކެ ރުޅިއަންނަވަރު އޭނަގެ ވާހަކަތަކުން އެނގޭ. މަންމަ ޕްރެގްއިރު ނިކަމެތިކޮށްލާފައި ދޫކޮށްލީއޭ. އެއީ ތެދެއްތަ؟މަންމަ މިގެއިން ދާން ޖެހުނީ އެ ނުލަފާ އަފްރީނާއާއި ހެދިތަ؟ބައްޕަ މަންމައަށް ބޭވަފާތެރިވެ މަންމަ ދޫކޮށްލީތަ؟އެހެންވެއްޖެއްޔާ ބައްޕަވެސް ހާދަ ގޯހޭ. އެހުރިހާކަމެއް ނުހިނގިނަމަ މަންމަ އަދިވެސް އަހަރެމެންނާއެކު ވާނެ. އާލިޔާވެސް އަހަރެމެންނާއެކު ވާނީ.. އާއިލާ ރޫޅުމުގެ ޒިންމާ އުފުލާނީ ކާކު؟ އަހަރެން ކުށްވެރިކުރާނީ އެ އަފްރީނާ. ދެމަފިރިއެއްގެ ދޭތެރެއަށް ވަދެ ހުރިހާ ފަންޏެއް ހެދި މީހަކީ އެއީ......" މިންކާ ބުނަމުން ދިޔައެވެ.

"ބައްޕައާއި ވާހަކަދައްކާލަން ބޭނުން..."

"ނޫން ދޮންބެ...މިހާރަކު ނޫން." މިންކާ މަހުދީގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.

"އޯލްރެޑީ ލަސްވެއްޖެ. ތިބުނީނު އާލިޔާ މެރީކުރަން ބައްޕަގެ ވަލީބޭނުންވާނެއޭ. ވީމަ މިކަންތައް ނިންމަން ހިނގާ. އާލިޔާ ބައްޕަދެކެ ނަފްރަތުކުރުމާއި ނުކުރުން އެއީ އާލިޔާގެ ކަމެއް. އަދި އޭނައަށް އެ ހައްގު ލިބިގެންވޭ ދޯ. ބައްޕަވެސް ކޯޓަށް މައްސަލަ ގެންގޮސް ސީރިޔަސް ކްރައިމްއެއްގެ ގޮތުގައި އެ ދެކުނީ ހަމަ ރަގަޅަށް. ބައްޕަވެސް އަމިއްލަ ދަރިއަކަށް ނުވެ ބޮލުގައި އެޅުވިއްޔާ ހިތްހަމައެއް ނުޖެހޭނެ. މިންކްވެސް ކުރީ ކުށެއް. ފްރެންޑެއްގެ ސާމްޕަލް ދީގެން ނުވާނެއްނު. އެނީވޭސް ހުރިހާ ކަމެއް ކްލިއާ ވީމަ ދެން ވާގޮތެއް ވެދާނެ..އާދޭ..." މަހުދީ ގެ ވާހަކައިން މިންކާއަށްވެސް އިތުރަށް ބުނާނެ އެއްޗެއް ނޭގުނެވެ.

މަންސޫރު ހުރިހާ ވާހަކަތަކެއް އަހަން ހިމޭނުން އިނެވެ. ފެންކަޅިވެފައެވެ.

"ބައްޕަ ވަލީ ދީފާނަން. ކުށެއްނެތް ފުރާނައެއް ދުނިޔެއަށް ގެނެސްފަ އިހުމާލުވުމަކީ ބައްޕަގެ ކުށް. ހަގީގަތަކީ ދަރިފުޅުމެންގެ މަންމަ މައުސޫމްކަން. އެއްވެސް ކުށެއްނެތި ބައްޕަ މަންމަ ދޫކޮށްލީ....." މަންސޫރުގެ ޖުމްލައާއެކު މަހުދީގެ މޫނުމަތި ރަތްވެގެން ދިޔައީ ރުޅީގެ އަސަރުތަކުންނެވެ. ނަމަވެސް އޭނަވެސް ކެތްތެރިވިއެވެ. ޝަކުވާއާއި ރުޅިންގޮސް އެތެރެހަށި ފުރުނަސް ހަގީގީ ކުށްވެރިއަކީ އަފްރީނާ ކަމުގައި އޭނަވެސް ނިންމިއެވެ. މިންކާ ފަދައިންނެވެ. އަފްރީނާގެ ރީތިކަމާއި ޒުވާންކަމުގެ ދަލުގައި ޖައްސާލައިގެން ބައްޕައަށް މަގު އޮޅުވައިލީއެވެ.

***

މަންސޫރު ކޮޓަރިއަށް ވަދެފައި ވަގުތުން އަޔާޒުއަށް ގުޅިއެވެ. ވަގުތުން ބައްދަލު ކުރަން ބޭނުންވާކަމުގައި ބުނެލިއެވެ. އަޔާޒް އާއެކު ރެސްޓޯރެންޓެއްގެ އެންމެ މަތީބައިގެ އެކަހެރި ކަނެއްގައި ތިބެ މަންސޫރު އަޔާޒުއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މިންކާގެ ފަރާތުން ހަގީގަތް ހާމަވެއްޖެ ކަމަށާއި އޭނަ އަލިޔާއާއި ބައްދަލުކުރަން ބޭނުން ކަމުގައި ބުނެލިއެވެ. މާފަށް އެދުނެވެ. އަޔާޒު ބުނީ މާފަށް އެދެން ޖެހޭނީ ހިރާއާއި އާލިޔާގެ ގާތުން ކަމަށެވެ. މަންސޫރުއާއިމެދު ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް އޭނަ ވާހަކަދެއްކީ ރީތިކޮށެވެ. މާފުކުރުމާއި މާފަށް އެދުމަކީ ދީނުގައި ރީތި ސިފައެކެވެ. އިންސާނުންނަށް ކުށެއް ކުރެވިދާނެއެވެ. މާފަށް އެދުމުން މާފުކޮށްދޭން އެނގޭނީ އެމީހެއްގެ ހުރި އީމާންތެރިކަމަކާއި ވަރުގަދަ ކަމަކުންނެވެ. މަންސޫރުއަށް ހެޔޮ ވިސްނުނުއިރު ހިރާ ވަނީ ދުނިޔެއާއި ވަކިވެގެން މާ ދުރަށް ގޮސްފައެވެ. ނަމަވެސް ދަރިފުޅު ދުނިޔޭގައި އެބަހުއްޓެވެ.

"ޕްލީޒް ލެޓް މީ ސީ ހާ...." މަންސޫރު އެދުނެވެ.

"ޔަގީން...." އަޔާޒު ތެދުވެ ސަލާމްކޮށްލިއެވެ.

***

އާލިޔާ ފެންވަރާލާ ތާޒާވެލިއެވެ. ފިޔާތޮށިކުލައިގެ އަތްދިގު ޓީޝާޓަކާއި ފްލޯރަލް ހަރުވާޅެއް ލުމަށްފަހު އިސްތަށިގަނޑު ނުހިކޭތީ ވިހުރުވާލައިގެން ނުކުތީ މޫނުގައި މޮއިސްޗަރައިޒާއެއް އުގުޅަމުންނެވެ. އޭރު މާމަ ތަންތަނުގައި ހިފަމުން ލަސް ހިނގުމެއްގައި އިއާން ގެއްލިގެން ހޯދަން އުޅެއެވެ.

"އެކުއްޖާ ކޮބާ ކޮންތާކަށް ދިޔައީ......ކޮންމެވެސް ތާކު އުޅޭނެއްނު...އިއަން. އިއާން......" މާމަގެ އަޑު ތަންކޮޅެއް ހަރުވިއެވެ. އާލިޔާ މާމަގެ ފަހަތުން މަޑުމަޑުން ދިޔައެވެ. މާމަ ދޮރު ހުޅުވިއެވެ. "އަނހަ އެއުޅެނީނު މޫދުކައިރީ. އަަވަހަަށް އެތަނަށް ދާންވީ...ނޫންނޫން އިއަން އެއޮތް ގެނބެނީ. އިއާން ނަގާބަލަ....."

އާލިޔާ ގޮސް މާމަގެ ގައިގާ ހިފަހައްޓާލާފައި އެތެރެއަށް ގެންދާން އުޅުނެވެ.

"މާމާ. އިއާން އެތަކު ނެތް. މޫދެއްވެސް ނެތް. އެންމެން މިތިބީނު ގޭތެރޭގައި. މިއީ މާމަގެ އާލިޔާ. ދޮންބެ ވެސް އިރުކޮޅަކުން ދުރުވާނެ.. "އާލިޔާ މާމަ މަސަލަސްކޮށްފައި ގެންގޮސް ސޯފާގައި ބޭންދިއެވެ. މާމަ ހަަމަ ނުޖެހޭ ވާހަކަތައް ދައްކާތީ ދެރަވިޔަސް ބައެއްފަހަރު ހެވޭކަހަލަ އެއްޗެއް ބުނުމުން ހެވެއެވެ. މާމައަތަށް ޓެބްލެޓް ދިނުމުން ހައްޖު ކުރާ މަންޒަރު ބަލަން އުފާވެފައި އިނެވެ. އާލިޔާ ސޯފާގެ އަތްގަނޑުގައި އިސްތަށިގަނޑު ފަތުރާލައިގެން ކައުޗްގައި ހަމަޖެހިލީ އިސްތަށިގަނޑު ހިއްކާށެވެ. އަޔާޒް ސަލާމް ގޮވައިލުމުން ޖަވާބު ދީފައި އާލިޔާ ބުނީ މާމަ އިއާން ހޯދަން ނުކުތް ވާހަކައެވެ. މާމަ އެންމެން މަތިން ހަދާން ނެތުނުއިރުވެސް އިއާން މަތިން ހަދާން ނުނެތޭކަމުގައެވެ.

"އާލިޔާ. ކޮއްކޮއާއި ބައްދަލުކުރަން މިހުންނެވީ ޚާއްސަ ފަރާތެއް.." އަޔާޒުގެ އަޑަށް ސޯފާއިން ފުންމައިގެން ތެދުވުނުގޮތަށް ދޮރުމަތީގައި ހުރި ފިރިހެނަކަށް ބަލަން ހުރެފައި ހޯދާލެވުނީ ބުރުގާއެއް އޮތްތޯއެވެ. އޭނަ ގާތު ނުބުނެ ދޮންބެ ފިރިހެނަކު ގެއަށް ގެނައުމުން ޝަކުވާ އުފެދުނެވެ،

"މިއީ ދުރުމީހެއް ނޫން. އާލިޔާގެ ބައްޕަ......މަންސޫރު.."

މަންސޫރުވެސް ހުރީ ޝޮކެއްގައެވެ. އޭނައަށް މިކުއްޖާ ފެނުމާއެކު ޑީއެންއޭ އަކަށް ބޭނުންނުވާހާ ވަރަށް އަމިއްލަ ދަރިއެއްކަމުގެ އިހުސާސް ކުރެވުނެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ މިންކާގެ އިސްތަށިގަނޑެވެ. މީރާގެ ދެލޮލެވެ. ލޮލުގެ ކުލަ ތަފާތުވިޔަސް އެ މޫނުމަތިން މީރާގެ ސިފަތައް މިހިރީ ފެންނާށެވެ. މަންސޫރުގެ ހިތުގައި އުފެދިގަތް ޖަޒުބާތުތައް ލޮލުން ކަރުނަ ހިލުވައިލިއެވެ. މީރާގެ ހަނދާންތަކާއެކު އާލިޔާ މިގޮތަށް ފެނުމުން ހިތަށް ކުރި ފުން އަސަރުތައް ބަޔާން ކުރަން ދަތްޗެވެ.

"އިށީންނަވާ..." އަޔާޒު އެދުނެވެ.

"މިއީ އަޅުގަނޑުގެ މަންމަ...." އަޔާޒު ކޮންމެވެސް ވަރަކަށް ދެބަފައިންގެ ނުތަނަވަސްކަން ފިލުވައިލަން އޭނަގެ މަންމަވެސް މަންސޫރަށް ތައާރަފުކޮށްދިނެވެ." މަންމައަށް މިއީ މަންމަގެ ދަނބިދަރިއެކޭ ބުންޏަސް މިއަދަކު ނޭގޭނެ."

"މަންމަ ހިރާ އަޅުގަނޑާއި ކައިވެނި ކުރަން ގަބޫލެއްނުވި. އެކަމަކު އެއީ ހަމަ ރަގަޅަށް. މަންމައެއްގެ އިންސްޓިންކްޓް ދޮގަކަށް ނުވާނެ. އަހަންނަށް ހިރާއާއިމެދު ކަންތައް ކުރެވުނީ ރަގަޅަކަށް ނޫން. މިއަދު މަންމައަކަށް އަހަރެން ވަކިކުރާކަށް ނޭގޭނެ. އާލިޔާ. އެނގޭ އާލިޔާ ގާތުގައި ބައްޕައަކީ ކުށްވެރިއެއްކަން. މާފުކުރަން ފަސޭހަ ނުވާނެކަން. ބައްޕަގެ ދަރިއެއް ހުންނަކަން އެނގުމުން ވަގުތުން ބައްދަލުކުރަން ބޭނުންވީ. އިތުރު ޓެސްޓްތަކެއް ނެހެދިޔަސް އާލިޔާ ފެންނައިރަށް އަހަރެންގެ ދަރިއެއްކަން އެނގިއްޖެ. އަޔާޒު، އަހަރެން ވަލީދޭނަން. ވަރަށް އުފާވެއްޖެ އަހަރެންގެ ދަރިފުޅާއި ބައްދަލުވީމަ. މި ވަގުތުކޮޅު ހިތުން ނުފިލާނެ.." އެންމެ ފަހު ޖުމްލަ ވީ މަންސޫރުގެ ހިތުގައެވެ. "އަޔާޒު. ވަރަށް ބޮޑަށް ޝުކުރިއްޔާ.."

"އާލިޔާ ނައިސް ޓު މީޓް ޔޫ...." މަންސޫރު ސަލާމްކުރަން އަތް ދިއްކޮށްލިއެވެ.

އާލިޔާ ހުވަފެނުގައިވާ ކުއްޖެއް ފަދައިން އަތް ދިއްކޮށްލިއެވެ. ރޮބޮޓެއް ހެންނެވެ. އެމޫނުމަތިން އެއްވެސް ޝުއޫރެއް ނުފެނުނެވެ. ލޮލުން ހުސްކަމެވެ. ކުރިމަތީގައި ސްމާޓްކޮށް ހެދުން އަޅައިގެން ހުރި މީހާއަކީ ބަައްޕަކަމަށް ދޮންބެ ބުންޏަސް ހިތަކަށް ނަގައެއް ނުގެނެވުނެވެ. ބައްޕައެއްގެ ލޯބި އޭނައަށް ލިބިފައެއް ނެތެވެ. ބައްޕައެއްގެ މަގާމުގައި ހުރީތީ އަދަބުވެރިވާން އޭނަ ކަންތައްކުރީ ރީތިކޮށެވެ. ނަމަވެސް ސިކުނޑިއަށް އެވަގުތުކޮޅު އޭނަގެ މަންމަ ވެރިވިއެވެ.

"މިންކާ މަންސޫރުގެ ބައްޕަ އާލިޔާގެ ބައްޕައަށް ވުމަކީ އިމްޕޮސިބްލް ކަމެކޭ އާލިޔާ ބުނީމެއްނު..." އަޔާޒު ހަދާން ކޮށްލަދިނެވެ. "އެކަމަކު......ފޯ ﷲ ނަތިން އިޒް އިމްޕޮޒިބްލް..."

"ލައްބަ.." އާލިޔާ ބުނެލިއެވެ.

"ނައިސް ޓު މީޓް ޔޫ ޓޫ...." އާލިޔާ ތުން ތަޅުވައިލިއެވެ.

ނަސީބަކުން މަންސޫރު އަދި އާލިޔާވެސް "ޑްރެމެޓިކް" ނުވެ ހިތުގައިވާ ޝުއޫރުތައް ވަންހަނާ ކުރަމުން މަޑުމަޑުން ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އާލިޔާ މެރީ ކުރަނީ ކާކާތަ؟ "

އާލިއާ ކަންބޮޑުވެފައި ބަލައިލީ އަޔާޒުގެ މޫނަށެވެ.

"މާޒިންއާ....."

"އޯ މައި ގޯޑް....."

"ވަރަށް ގިނަ ކަންތައް އިއްތިފާގުން ހިނގާ، ދުނިޔެއަކީ އެކަހަލަ ތަނެއް. ނޭގިވެސް މާޒިން ކުރިން އިންނަން އުޅުނު ކުއްޖާ މިވީ އާލިޔާގެ ދައްތައަށް. އަދި އަޅުގަނޑުގެ ދައްތަގެ ދަރިއެއް ލޮލަށް ނުފެނި ނިޔާވިކަން އެއީވެސް ހިތާމަކުރާ ކަމެއް. ވަރަށް މިކްސްޑް ފީލިންގްސްތަކެއް ގައިމު މި ރިލޭޝަންތަކުގައި އެބަ އާދޭ. އަދި މާޒިންއަކަށްވެސް އެ ހަގީގަތް ނޭގޭނެ. އެ އާއިލާއަކަށްވެސް އެކަން އެނގިފައެއް ނުވާނެ. ޔަގީނުންވެސް މާޒިންގެ ފެމިލީއަކުން ކުރިއަކުން މި ކައިވެންޏާ ގަބޫލެއް ނުވާނެ. ސަބަބަކީ ފެމިލީ ސްޓެޓަސް.....އެކަމަކު މަންސޫރުގެ ދަރިއެއްކަން އެނގުނީމަ އެއްގޮތުން ނަސީބެއް. ސަބަބަކީ އެމީހުންވެސް އާލިޔާ ބަލައިގަންނަން ފަސޭހަ ވާނެތީ. އެމީހުންގެ ފެންވަރުކަމަށް ގަބޫލުކުރާނެތާ...." އަޔާޒު ބުނެލިއެވެ.

"ކިހިނެއް އަޅުގަނޑު ހަދަންވީ؟ " އާލިޔާ ކަންބޮޑުވިއެވެ.

"ތިބުނީ.." އަޔާޒު އެހިއެވެ.

"ދޮންބެ ތިބުނީ މީރާއަކީ.........." އާލިޔާ ހިންދިރުވައިލިއެވެ.

"ނޭގުމުގެ ތެރޭ އެފަދަ ކަމެއް ހިނގާފާނެ. ޝީޒް ނޯ މޯ.. ދެން އެންމެ ރަގަޅު، މާޒިންއަށްވެސް ހަގީގަތް ކިޔާދެމާ. އޭނަ ކޮމްފޮޓަބްލް ނޫނިއްޔާ ހުއްޓާލާފާނެތާ. އޮޅުމެއްގެ ތެރޭ ބަހައްޓާފައި ކައިވެނި ކުރުމުގެ މާނައެއްނެތް. މީރާއާއި އާލިޔާއަކީ ސިސްޓާސްއިންކަން މާޒިންއަށް އެނގެންވާނެ.." އަޔާޒުގެ ވާހަކައަށް މަންސޫރުވެސް އެއް ބަސްވިއެވެ.

"އަޅުގަނޑު ދިޔަސް އެންމެ ރަގަޅުތޯ؟ "އާލިޔާ މަންސޫރާއި ހަތަރުކަޅި ހަމަނުކުރިޔަސް އޭނަގެ ސުވާލު އަމާޒުވީ މަންސޫރަށް ކަން ޔަގީނެވެ.

"އޯކޭ...."

އާލިޔާ ސަލާމް ގޮވާލާފައި އެތަނުން ދާން ހިނގައިގަތެވެ.

"އަސްލު އާލިޔާ އެހެރީ ޝޮކެއްގައި. އެހެންވާނެތާ. ކުއްލިއަކަށް ހިތަށް ނާރާ ގޮތަކަަށް ހިތަށް ނާރާ ބައްޕައަކާއި ދިމާވީ. އެކަން ބަލައިގަންނަން ޓައިމް ނަގާފާނެ. އެކަމަކު ވަލީދޭން އާލިޔާގެ ބައްޕަ ދުރުވުމަކީ އަޅުގަނޑުގެ ކަންބޮޑުވުމަށް ލިބުނު ހައްލެއް. އަލްހަމްދުލިﷲ....." އަޔާޒު ބުނެލިއެވެ.

***

އާލިޔާ އޭނަގެ މަންމަގެ އަލްބަމް ނަގައިގެން މޭގައި ޖައްސާ ބާރުކޮށްލައިގެން ރަޖާދަށުގައި ފޮރުވިގެން އޮތެވެ. ފޯނުން އެފްބީ ހުޅުވާލައިގެން މީރާއާއިމެދު ކުރި ޕޯސްޓްވެސް ކިޔައިލިއެވެ. މީރާގެ ފޮޓޯތައް ބެލިއެވެ. މީރާގެ އެފްބީގައި އަދިވެސް އޭނައާއި މާޒިންގެ ފޮޓޯތައް މިހިރީ ފެންނާށެވެ. މިއީ އޭނައަށް ނޭގިވެސް އޭނަގެ ދައްތައެކެވެ. އޭނަގެ އާއިލާއެވެ. އޭނަ ކައިވެނިކުރަން މިއުޅެނީ ދައްތައެއްގެ "އެކްސް"އާއެވެ. ދުވަހަކު ދިމާވެފައި ނެތަސް ގުޅުމެއް ނެތްކަމުގައިވިޔަސް ލޭގެ ގޮތުން ގުޅުން އެބައޮތެވެ. އެއްބަނޑު އެއްބަފާ ކުއްޖެވެ. ވީމަ މާޒިންއާއި ދޭތެރޭ ހިތުގައި މިފަދަ އިހުސާސެއް އުފެދޭތީ އަމިއްލަ ނަފުސް ކުށްވެރި ކުރެވުނެވެ. މާޒިންއަށް މި ސިއްރު އެނގޭއިރަށް އޭނަވެސް ވަކިވާނީކަން ނޭގެއެވެ. ދެން ހުރީ މިންކާއާއި މަހުދީއެވެ. އާލިޔާ އިސްތަށިގަނޑުގެ ބުޅިކޮޅުތަކާއި ކުޅެލިއެވެ. މިންކާގެ ބުޅި އިސްތަށިގަނޑެއް އޮތޭ ކިޔާފައި ތިމާގެ ވެދާނެކަމަށް އޭނަ ހީކުރަންވީވެސް ކީއްވެހެއްޔެވެ؟ ބުޅި އިސްތަށިގަނޑުވެސް ކިތަންމެ ބަޔަކަށް ލިބިފައިވޭ ނޫންހެއްޔެވެ؟މަހުދީގެ އަތުގެ އިނގިލި ވަކިވީ އޭނަ ސަލާމަތް ކުރަން ހަދައިގެންނެވެ. މިއީވެސް އިއްތިފާގުތަކެވެ. އޭނަގެ ދިރިއުޅުމަށް އޭނަގެ އާއިލާ މިއައީ އެއްގޮތުން ބަލާއިރު އެންމެ ބޭނުންވި ދަނޑިވަޅުގައެވެ. މީރާ ހުރި ނަމައެވެ. މަންމަ ހުރި ނަމައެވެ.

"އާލިޔާ ހަނދާން ނެތުނީތަ؟ ދިރިއުޅުމަކީ ވަގުތީ ފާލަމެއް. ހުރިހާ ކަމެއް ފުރިހަމައެއް ނުވާނެ. "ނަމަ" އެ ލަފުޒު ބޭނުންނުކޮށް ލިބިފައިވާ ނިއުމަތަށް ޝުކުރުކުރޭ...."

ހިތާމައާއި ހިތްދަތިކަމެއް ކުރިމަތިވުމުން އޭނަ އަބަދުވެސް ކުރާކަމަކީ ނަމާދުކުރުމެވެ. ދުޢާކުރުމެވެ.

ތެދުވެގެންގޮސް މުސައްލަމަތީގައި އިށީދެ ނަމާދުކޮށްގެން ދުޢާކުރުމުން ހިތަށް ތަސައްލީއެއް ލިބުނެވެ.

އާލިޔާ ތެދުވުނުތަނާހެން އަޔާޒު އައެވެ. މިރޭ އެގެއަށް ތަރާވީސްދަމަށް އަންނަން މަންސޫރު ދައުވަތު ދިންކަމުގައި ބުނުމުން އަނގަޔަށް ގޮތެއް ހަދައިގެން ހުރެވުނެވެ.

"ތުންކޮޅު އޫނުކޮށް ބައްޕަގެ ދައުވަތު ގަބޫލުކުރަންވީނު..."

"އެކަމަކު. ދޮންބެ ކިހިނެއް؟ މަންމައަށް އެގެއެއްގެ ތެރޭ ނުހުރެވުނު ގެއެއްގައި ގޮސް ކިހިނެއް އެންމެ މިނިޓަކަށްވެސް ހުންނަން ހިތް ރުހޭނީ. ބައްޕައަށްވީމަ އަދަބުވެރިވިން. ވާހަކަދެއްކީ ރީތިކޮށް. އެކަމަކު އައި ޑޯންޓް ނީޑް އެ ފާދާ. ބައްޕައަކަށް މަންމައަކަށް ބޭނުންވީ ދުވަހު އެ މަގާމުގައި ހުރީ ދޮންބެ. އެހެންވީމަ ދެން ނުދިޔަސް އޯކޭވާނެ...." އާލިޔާ ރީތިވާ މޭޒުމަތީގައި ހުރި ސެންޓު ފުޅިއެއް ނަގާފައި ބޭރު ކިޔަންފެށިއެވެ.

"ދޮންބެ ހީނުކުރަން ކޮއްކޮ ތިހާ ބިޓާ ވެދަނެކަމަށް.. މާފު ނުކުރާނީތަ؟ "

"ނޭގޭ....." އާލިޔާ ގޮސް ސޯފާއަށް އަރާ ކުޝަން ނަގާ މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"ދޮންބެ ބުނެފާނަން ވާހަކައެއް. ހިތް ބުރަކޮށްގެން އެކަކު އަނެކަކަށް ހިތް ހަމަ ނުޖެހިފައި ތިބޭވަރަށް ވުރެ ދިރިއުޅުމަކީ ކުރު އެއްޗެއް. އެއީ އާލިޔާގެ ފެމިލީ. ބައްޕައާއި ބޭބެ އަދި ދައްތަ. ހަޔާތުގެ ވަރަށް ބޮޑުބައި ފެމިލީއާއި ވަކިން އުޅެވިއްޖެ. ބާކީ އޮތް ބައި ހަމަ ރީތި މެމޮރީސްތަކެއް ހެދިދާނެ. މާފުކުރުމަކީ ދީނުގައި ވަރަށް ރީތި ސިފައެއް. ކޮއްކޮ ދޮންބެއަށް ފޮނުވި ވީޑިއޯއެއް ހަދާންވޭ. އިރާން މަންމައަކު އޭނަގެ ފިރިހެންދަރިފުޅުގެ ގާތިލް ދަންޖައްސަން ވާގަނޑު ކަރަށް މަހާފައި ހުއްޓާ ގޮސް އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލާލާފައި އެކަމަކު މާފު ދިނީ. އެ ބަލާފައި ޔޫ ކްރައިޑް. ކޮއްކޮއަށް ފެންނަ ގޮތަކަށް ހަދާ...." އަޔާޒުގެ ނަސޭހަތްތައް ކަނުލާ އަހަން އާލިޔާ އިނެވެ.

އެހާ ފަސޭހައިން ބައްޕައަށް މާފު ދީފިއްޔާ މަންމަގެ ރޫހަށްވެސް ކުރެވޭ މަލާމާތަކަށް ވެދާނެއެވެ.

ކޮންމެގޮތެއް ވިޔަސް ބައްޕަވީމަ ދައުވަތު ގަބޫލުކޮށްގެން އޭނަ ދާނީއެވެ. ލަދުގަންނަވާލާކަށް ނުވާނެއެވެ. ބައްޕަގެ އަންހެނުންގެ ކުރިމަތީގައި ބައްޕަގެ ގަދަރު ހިފަހައްޓާ ކުއްޖަކަށް އޭނަ ވާން ޖެހޭނެއެވެ. ހިތާ ދެކޮޅަށް ތައްޔާރުވެ އޭނަ އަބާޔާ ލާ މޫނުފޮތިކޮޅުވެސް އެޅިއެވެ. އޭނަ ބަލާ އައީ މިންކާއެވެ. ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް މާފަށް އެދިފައި އާލިޔާގެ ގައިގާ ބައްދައިލިއެވެ.

"އަދިވެސް ގަބޫލުކުރަން ނޭގިފައި މިހިރީ. އެކަމަކު އަލްހަމްދުލިﷲ. އެންމެ ގާތް އެކުވެރިޔަކަށް ވި ކުއްޖާ ދައްތައަކަށްވީ...." އާލިޔާ ހިނިތުންވެލަމުން މިންކާގެ ގައިގާ ހިފެހެއްޓިއެވެ.

"ހިނގާ ދޮންބެއާއި މީޓްކޮށްލަން. ސިޓިންރޫމްގައި މަޑުކޮށްލައިގެން އެބައިން..."

"ދޮންބެއާއި ދިމާވެފައި ހުރީ. އެކަމަކު...ސުބުހާނަﷲ. ވަރަށް އޯކްވާޑް...." އާލިޔާ މިންކާއާއިއެކު ހިނގައިގަތެވެ. ބޭރަށް ނުކުމެފައި މަހުދީއާއި އާލިޔާ ސަލާމްކޮށްލިއިރުވެސް ރަސްމީގޮތެއް ހުއްޓެވެ. އާލިޔާ ފަދައިން މަހުދީވެސް ހުރީ އަދިވެސް މިކަން ބަލައިގަންނަން އުދަގޫވެފައެވެ. ކާރަށް އެރިއިރު ނިކަން ފިންޏެވެ. ރީތި ލަވައެއް ޖަހާފައި ހުރުމުން މިންކާ މަހުދީ ކައިރީ ބުނީ ދީނުގައި ހަރާމް ކަންތައް އާލިޔާ ހުއްޓާ ނުކުރުމަށެވެ.

"އޯ....އެހެންވިއްޔާ މި އޮފްކޮށްލީ...ސޮރީ ސިސް.."މަހުދީއަށް މަޖާވިއެވެ.

"ކުރިން މިނިވަން ފިކުރުގެ ސިސްމެން ތިއްބަސް މިހާރު މިއައީ ދޮންބެ އިސްލާހު ކުރަން އައި ކޮއްކޮއެއް. އެކަން ދަނެގެން މިހާރުއްސުރެ ދޮންބެ ހުރުން ބުއްދިވެރި. އެކްސްޓްރީމިސްޓުންނާއި ދިމާލަށް އެއްޗެހި ގޮވަނިކޮށް ފެމިލީ ކުދިންވެސް އެންމެފަހުން އެގޮތަށް ކަން ނޭގޭ ވާނީ ދޯ އާލިޔާ.." މިންކާ ހިނިގަނޑެއް ޖަހައިލިއެވެ. ސްކައިޕެލެސް ކައިރިއަށް ކާރު މަޑުކޮށްލާފައި ބަރުގޮނު އެެޅުމުން އާލިޔާ އަދި މިންކާވެސް ކަންބޮޑުވެފައި އެގެއަށް އައި ސަބަބެއް މަހުދީ ކައިރިން އެހިއެވެ.

"މާޒިންއަށްވެސް ބައްޕަ ދައުވަތު ދެއްވި...."

"ސުބުހާނަﷲ ލަދުން މަރުވާނެ.." އާލިޔާ ހިތާހިތުން ކިޔައިލިއެވެ.

އިރުކޮޅެއްނުވެ މާޒިން ކާރުގެ ދޮރު ހުޅުވައިލިއެވެ. ކުރިއަށްވުރެ މީރުވަހެއް ކާރުތެރޭ ހިފައިލިއެވެ. އާލިޔާއަށް މާޒިންކަން އެނގުމުން ހިތަށް ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. މާޒިންވެސް ކާރު ތެރޭ ދެ އަންހެން ކުދިން ތިބިތަން ފެނި ހައިރާންވިއެވެ. އާލިޔާއަށް ދައުވަތު ލިބުނުކަމެއް އޭނަ ނުދެނެ ހުއްޓެވެ. މަހުދީއަށް އިތުބާރުކޮށްފައި އޭނައާއެކު އެގެއަށް އަޔާޒު އާލިޔާ ފޮނުވުމަކީވެސް ހިތުގައި ސުވާލު އުފެދުނުކަމެކެވެ.

"ހައި އާލިޔާ މިންކާ. ދެކުދިން ކިހިނެއްތަ؟ "

"އަޅުގަނޑުމެން ހަމަ ރަގަޅު. ޒިން މީރާ މަތިން ހަދާން ވެއްޖެދޯ......" މިންކާ އަހައިލިއެވެ.

"މީރާގެ ވާހަކަ ދެން ނުދައްކަބަލަ....." މާޒިން އެދުނެވެ.

"އަސްލު މީރާވެސް މަރުވީ ދާން ނުޖެހޭ ތަންތަނަށް ދިޔައީމައޭ..." މިންކާ ފެށި ވާހަކައަކުން މާޒިންގެ މޫޑު ވަރަށް ގޯސްވިއެވެ. ރުޅިއަންނަގޮތްވެސް ވިއެވެ. ހިތުގައި ލާފައި ހުރި ޒަޚަމް އަލުން ރޯކޮށްލަން މިންކާ އުޅެނީ ކީއްވެހެއްޔެވެ؟

"ޕްލީޒް މިންކް...." މަހުދީވެސް އެދުނެވެ.

"ނޫން. ހަގީގަތަކީ މިއުޒިކް ޝޯތަކާއި ނައިޓްކްލަބްތަކަށް ދިޔުމަކީ ހުއްދަކަމެއްނޫން..."

"އެހެން ބުނީ ކާކުތަ؟ " މާޒިން އެހިއެވެ.

"އަޅުގަނޑު އެހެން ބުނީ..." އާލިޔާ ބުނެލިއެވެ.

"މިންކާ ކައިރީ އެކަހަލަ ކަންތައްތައް ދީނުގައި އޮތް ހުކުމް ބުނެދިނިން. މިއުޒިކާއި ބެހޭގޮތުން އަޅުގަނޑު ނޫނީ މިންކާ ބުނާ އެއްޗެއްނޫން ބަލަން ޖެހޭނީ. ގުރުއާނާއި ހަދީސް އަދި ތަފްސީރުން އެކަންތައް އޮޅުން ފިލާނެ. ދީނީ އިލްމްވެރިން ބުނާގޮތެއްވެސް ބަލަންވާނެ. ދީނީ އިލްމުވެރިންވެސް މިއުޒިކް ހަރާމްކަމަށް ބުނަނީ. މާޒިންއަށްވެސް އެފްބީޕޭޖުގައި ހުންނަ ޕޯސްޓުތަކާއި ލެކްޗާސްތައް ފެންނާނެ...."

"މައިކް......އާލިޔާގެ ވިސްނުން ކުޑަކޮށް އެކްސްޓްރީމް ވާނެ. އަދި އެކަންތައް ރަގަޅުވާނެ ހެހެ.." މާޒިން ހީކުރީ މަހުދީ ރުޅިއައިސްގެން އާލިޔާގެ ގައިގާ ޖަހާފާނެކަމަށެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އާލިޔާގެ އެ ވާހަކަތައް ޚުދު މާޒިންވެސް ގަބޫލެއް ނުކުރެއެވެ. އޭނައަށްވެސް އާލިޔާގެ ދަރުސްތަކުން ބޮލަށް އުދަގޫއެބަވެއެވެ. އަދި މަހުދީ އެކަމާ ކެތްކުރާނީ ކިހިނެއްހެއްޔެވެ؟ ކޮއްކޮގެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ ކޮއްކޮގެ ސިކުނޑި ދޮވެލަންޏާ މަހުދީ މައިތިރިވެގެން ނުހުންނާނެއެވެ. ނަމަވެސް މަހުދީ އާއި މާޒިންގެ ނަޒަރު ބައްދަލުވިހިނދު ރުޅީގެ ބަދަލުގައި އެލޮލުން އެހެން ކަހަލަ ވިދުވަރެއް ފެނުނެވެ.

މަހުދީ ހާދަ "ކޫލް" މީހަކަށް ވެއްޖެއެވެ. ވަގުތަކީ ހިތްތަކަށް ލިބޭ ފަރުވާއެކޭ ބުނަނީ ތެދެކެވެ. މަހުދީ އެހާ މައްސަލަ ޖައްސާ ޕޭޖް ނަގަން މަޖުބޫރުކުރުވިމީހާ މިއީ ހަމަޖެހިލައިގެން އާލިޔާ ދައްކާ ވާހަކަތައް އަޑުހައިގެންނެވެ. އެންގްރީބާޑް މިންކާގެ ސިނގު ރުޅިދެކެ މަހުދީވެސް ބިރުގަންނަން ފެށީ ކަމަށް ވެދާނެއެވެ.

"މަށަށް ހީވަނީ މާޒިންހެން އާލިޔާއާއި ޖެހި އިސްލާހުވާނީ.." މިންކާ ހިނިގަނޑެއް ޖަހައިލިއެވެ.

"ދެމީހުންކުރެ ސްޓްރޯންގް މީހަކަށް ކާމިޔާބުވާނެ.." އާލިޔާވެސް ހީލިއެވެ.

މަންސޫރުއާއި އަފްރީނާ އެކުދިންނަށް މަރުހަބާކީއިރު އަފްރީނާ އާލިޔާދެކެ ފޫހިވެފައި ހުރި މިންވަރު މޫނުމަތިން ފެނުނެވެ. އޭނަ ހުރީ އާލިޔާ ދެރަކޮށްލަން އެހާ ވާހަކަ ނުދައްކަން ނިންމައިގެންނެވެ. އޭނަ ހީކުރީ އާލިޔާ އެގެއަށް އައީ މިންކާގެ ދައުވަތަކަށް ކަމަށެވެ. މާޒިންއަށް ހުރިހާ ސަމާލުކަން ދީ ބާކީކޮށްލައިގެން ހުރިއިރު ލިބެން އޮތް ޚަބަރުގެ ބިރުވެރިކަމެއް އޭނައަަކަށް ރޭކާނުލިއެވެ. ކާކޮޓަރިއަށް ގޮސްފައި ހަމަޖެހިގެން އާލިޔާ މޫނު ނެގުމުން އަފްރީނާ ސިހުނުވަރުން އަތުގައި ހުރި ޖޫސްތަށިވެސް ވެއްޓުނީ އުނގަށެވެ. އާލިޔާގެ ރީތިކަމާއެކު ދިއްލިފައިވާ ދޮންކުލައާއި ކަޅީގެ ރީތިކަން އެކަންޏެއް ނޫނެވެ. މީރާ އަދި މިންކާއާއި ވައްތަރުވެސް ވިއެވެ.

"އަފްރީނާ މަންމަ...ޝޮކަކަށް ކިރިޔާ ނުދިޔައީ ؟ހެހެ އަސްލު އާލިޔާ ނިގާބުގައި ހުއްޓާ ފެނުނީމަ އަހަންނަށްވެސް އިމޭޖިންކުރެވުނީ މުސްކުޅި އަޖޫޒެއްގެ ގޮތުގައި އެކަމަކު.....ދެން އަފްރީނާ މަންމަ ހައިރާންވާނީ މިގެއަށް އާލިޔާ އައީ ކޮން ހައިސިއްޔަތަކުން ކަން އެނގުނީމަ. ބައްޕާ. އަވަހަށް އެ ސިއްރުވެސް ހާމަކޮށްދެއްވާ...." މިންކާގެ ވާހަކަތަކުން މާޒިންއަށްވެސް ހައިރާންކަމެއް ލިބުނެވެ.

މަންސޫރު ފެށީ އޭނަގެ ދިރިއުޅުމުގެ ވާހަކައެވެ. މާޒީއެވެ. އޭނައާއި ހިރާ ވަކިވިއިރު ދަރިއަކަށް ބަލިވެއިން ކަން ނޭގޭކަމުގައެވެ. އެކަން އެނގުނުނަމަވެސް އޭނަގެ ޚިޔާލު ބަދަލުކުރާނެ ކަމުގައި މަންސޫރު ބުނެލިއެވެ. މަންސޫރުގެ ވާހަކައިގެ ވަކި ހިސާބަކުން އާލިޔާ މަންސޫރުއަކީ މަންސޫރުގެ ދަރިއެއްކަން މާޒިން ދެނެގަތެވެ. އަފްރީނާ އިނީ ޝޮކެއްގައެވެ. ޚާއްސަކޮށް މަންސޫރުގެ ދަރިއަކު ހަރުކަށި ފިކުރަކަށް ނިސްބަތްވާއިރު އެމީހުންނާއި ގުޅިގެން އެކީ އުޅެން ފަސޭހަވާނެހެއްޔޭ ހިތުގައި ސުވާލު އުފެދުނެވެ. މިންކާވެސް ބަދަލުވެ ބުރުގާ އަޅާ ދީނީވާން ފެށީ މިކުއްޖާއައި ހެދިއެވެ. ދެން އެ ފިކުރަށް ތަބާވާނީ މަހުދީ އާއި މަންސޫރެވެ. އަފްރީނާގެ ހިތުގައި އާލިއާއާއިމެދު ހަސަދައާއި ރުޅިވެރިކަމުގެ އޮއިވަރެއް ހިގާލި ނަމަވެސް އެކަން ބޭރުފުށުން ދައްކައެއް ނުލިއެވެ. އޭނަ އާލިޔާއަށް މަރުހަބާ ކިއެވެ.

"މީރާގެ ކޮއްކޮކަން އެނގުމުން އާލިއާއާއި ކައިވެނި ކުރަން މާޒިން ބޭނުންތަ؟ " މަންސޫރު އަހައިލިއެވެ.

"ލައްބަ. އެއީ މައްސަލައެއްކަމަކަށް އަޅުގަނޑު ނުދެކެން....." މާޒިންއަށް ބުނިލެއް އަވަސްކަމުން އެހެންމީހުންނަށް ޝައްކު ނުވާނެ ބާވައޭވެސް ހިތަށް އެރިއެވެ. އޭނަ އާލިއާއާއި ކައިވެނި ކުރަނީ އޭނަގެ އަމިއްލަ ބޭނުމެއްގައެއް ނޫނެވެ. އާލިޔާ އަދި އިންނާނީ އަރްސަންއާއެވެ. އާލިއާ މީރާއާއި ވައްތަރުކަމުން މީރާގެ ހަދާނާއި ވަކިވުން ފަސޭހައެއް ނުވާނެއެވެ.

"މީރާ ދުނިޔޭގައި ނެތަސް އެންމެ އެދޭނީ މާޒިން އާލިއާއާއި ކައިވެނި ކުރުން. ސޯ ރަގަޅަށްތާ މިދިމާވީ...މާޒިން ތިގޮތަށް ނިންމީމަ އަޅުގަނޑުވެސް ވަރަށް އުފާވެއްޖެ.." އަފްރީނާ ގަދަކަމުން ތުންފަތަށް ވެރިކޮށްލި ހިނިތުންވުން ލޮލާއި ހަމަޔަކަށް ނުފޯރާ ނިކަން އަވަހަށް ގެއްލިއްޖެއެވެ.

އުފާވެރި މާހައުލެއްގައި ކެއުމުގެ ކަންތައް ކުރިއަށް ދިޔައިރު އާލިޔާއިނީ ތަންކޮޅެއް ބަސްމަދުވެފައެވެ. މަންސޫރުގެ ސުވާލުތަކަށް ޖަވާބުދޭއިރު އިހުތިރާމް ކުރުމާއި ގަދަރުކުރުން ފެނުނެވެ. ރަގަޅުގޮތުގައި ހިރާ އެކުއްޖާ ތަރުބިއްޔަތުކޮށްފައިވާކަން އަފްރީނާވެސް ފާހަގަކުރިއެވެ. އަނެއްކޮޅުން މާޒިންވެސް ވިސްނަމުން ދިޔައީ މީރާއާއި އާލިޔާ ތިމާގެވީމަ އެކަމާއެވެ. އާލިޔާއަކީ ކޮއްކޮކަން އެނގުނުނަމަ މީރާވެސް ފޫހިވާނެކަން ޔަގީނެވެ. އޭނަވެސް ވަކި އާލިޔާއަށް އިހުތިރާމް ކުރާކަށް ނުޖެހޭނެއެވެ. މީރާ ދުނިޔޭގައި ހުރިއިރު އަދި އާލިއާއާ ދިމާވެ ގުޅުމެއްވެސް އޮތީއެއް ނޫނެވެ. މާޒިން އެކަހަލަ ގޮތަކަށް އަމިއްލަ ނަފުސަށް ވިސްނައިދީ ހިތްހަމަ ޖައްސައިލިއެވެ.

***

އީދުވިލޭރޭ މާޒިންއާއި އާލިޔާގެ ކައިވެނި ކުރެވުނީ އެކުދިން ރޭވިގޮތަކަށް ނޫނެވެ. ދެފަރާތު އާއިލާއިން ސިއްރުން އެކައިވެނި ހީނުކުރާހަ ކުލަގަދަކޮށް ބޭއްވިއެވެ. އާލިއާއަކީ ދީނީ ކުއްޖަކަށްވީމަ އަންހެނުންނާއި ފިރިހެނުންނަށް ވަކިން ތިބެވޭގޮތަށް ރިޒޯޓްވެސް އޮތީ ތައްޔާރުކޮށްފައެވެ.

ނުނިމޭ

comment ކޮމެންޓް