ރާއްޖޭގައި ތިބި ޗައިނާގެ 274 މީހުން އެނބުރި ގައުމަށް

ރާއްޖޭގައި ތިބި ޗައިނާގެ ރައްޔިތުންގެ ތެރެއިން ބަޔަކު ފުރުވާލުން -- ފޮޓޯ: އެމްއޭސީއެލް

ރާއްޖޭގައި ތިބި ޗައިނާގެ ރައްޔިތުންގެ ތެރެއިން 274 މީހަކު އެނބުރި ގައުމަށް ފުރުވާލައިފިއެވެ.

އެމްއޭސީއެލް އިން ބުނީ މިރޭ ފުރުވާލި މީހުންގެ ތެރޭގައި ހިމެނެނީ ވޫހާންގެ 138 މީހުންނާއި ޖޮންގް ޖޯ އަށްދާ 136 މީހުން ކަމަށެވެ.

މި މީހުން ފުރުވާލާފައިވަނީ ޗައިނާ އީސްޓާންގެ ހާއްސަ ރެޕެޓްރިއޭޝަން ދެ ފްލައިޓުގައެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް މެދުކަނޑާލާފައިވާއިރު ޗައިނާ އާއި ރާއްޖެ އާއި ދެމެދު ކުރާ ދަތުރުތައް ހުއްޓާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހުއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އެކި ގައުމުތަކުގެ މީހުން ގައުމަށް ފުރުވާލުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. މީގެ ކުރިންވެސް ޔޫރަޕާއި ތައިލެންޑް، ސައުތުއެފްރިކާ، އިންޑިއާ، ފިލިޕީންސް، އިންޑޮނޭޝިއާ އަދި އިންޑިއާ ފަދަ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފްލައިޓުތައް ވަނީ ބާއްވައިފައެވެ.

މީގެ އިތުރުން ރާއްޖޭގައި އުޅޭ ބިދޭސިންގެ ގައުމަށް ފޮނުވާލުމަށް ދިވެހި ސަރުކާރުންވެސް ވަނީ ޗާޓާޑް ދަތުރުތަކެއް ބާއްވައިފައެވެ.

comment ކޮމެންޓް