މާދަމާ ޓެލެކިލާސްތައް އަލުން ފަށަނީ

ޓެލެކްލާސްތަކެއްއް ކުދިން ބަލަނީ---ފޮޓޯ: ފާތިމަތު ޝަޒްވާ

ކޮވިޑް19 އާއި ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލުމަށްފަހު ގެނެސްދެން ފެށި ޓެލެކްލާސްތައް މާދަމާ ފަށަން ނިންމައިފިއެވެ.

ޓެލެކްލާސްތައް މެދުކަނޑާލީ މާލެއިން ކޮވިޑް19ގެ ކޭހެއް ފެނުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އޭޕްރީލް 15 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނީ ކިޔަވައިދިނުން ހުއްޓާލީ މި ދުވަސްވަރު ފިލާވަޅުތައް ގެނެސްދިނުމުގަިއ ތަފާތު ގޮންޖެހުންތައް ކުރިމަތިވެގެން ކަމަށެވެ. ޓެލެކްލާސްތައް ނަގައިދެމުން ކުރިން ދިޔައީ ޓީޗަރުން އެކި ޗެނެލްތަކުގެ ސްޓޫޑިއޯއަށް ވަޑައިގެން ޝޫޓްކޮށްގެންނެވެ.

އެހެންނަމަވެސް އަލުން ކްލާސްތައް ކުރިއަށް ގެންދަން ނިންމާ މާދަމާގެ ޝެޑިއުލް މިހާރު ވަނީ އާންމުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން އާންމުކޮށްފައިވާގޮތުގައި މާދަމާ ގްރޭޑް ހަތެއް އަދި އަށެއްގެ އިނގިރޭސި މާއްދާ، ގްރޭޑް9 އަދި 12 ގެ ބަޔޮލަޖީ، ގްރޭޑް10 އަދި 11 ގެ އިސްލާމް މާއްދާގެ އިތުރުން ގްރޭޑް ފަހެއްގެ ހިސާބުގަޑި އަދި ގްރޭޑް ތިނެއްގެ ގުރުއާން މާއްދާ ޔެސް ޓީވީ އިން ދައްކާނެއެވެ.

އަދި ފައުންޑޭޝަން ލެވެލްގެ ދިވެހި މާއްދާ ދިވެހި ޗެނަލް އިން ދައްކާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ ދެ މަސް ވާން މިހާރު ވަނީ ކައިރިވެފައެވެ.

ސްކޫލުތައްް ބަންދުކޮށްފައިވާއިރު މިއަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ކުރިން ބާއްވަން އޮތް އޯ ލެވެލް އިމްތިހާން އަންނަ އަހަރު މޭ ޖޫން އަށް ވަނީ ތާވަލު ކޮށްފައެވެ.

comment ކޮމެންޓް