އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ފަސް އަހަރަށް ޖަލަށް ލާފައިވާ ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދަވައިފިއެވެ.
ގަރާރު އަނބުރާ ގެންދެވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީގައި ވިދާޅުވީ ގަރާރު އަނބުރާ ގެންދިޔުމަށް ނިންމީ، މި މައްސަލައަކީ މިހާރުވެސް މަތީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައަކަށްވުމުން، މަޖިލީހުގައި އެފަދަ ބަހުސެއް ހިންގުުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށް ނުފެންނާތީ ކަމަށެވެ.
ނަމަވެސް ޖާބިރު ވަނީ ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް، އެމަނިކުފާނަށް ވީހާވެސް އަަވަހަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލައިފައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ޖާބިރު މަޖިލީހަށް ހުށަހެޅުއްވީ، މިހާރު އޮތް ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހުއްޓި އިގުތިސާދު ހީނަރުވެ ރައްޔިތުން ބިކަ ހާލުގައި ޖެހުމުގެ ފުރުސަތު އޮތް ދަނޑިވަޅަކަށް ވެފައިވާތީ ރައީސް ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށް ވިދާޅުވެއެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ފަހު، އެމަނިކުފާނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީއެއް ހޯދެއްވުމަށް އެ ގަރާގުގައި ވަނީ ގޮވާލާފަ އެވެ.
އެ ގަރާރުގައި އިތުރަށް ވިދާޅުވެފައިވަނީ މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި އެމަނިކުފާނާއެކު މަޝްވަރާކުރެއްވުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ސައުދި އަރައްބިއްޔާ އާއެކު ވަރަށް ގާތް ގުޅުމެއް އޮތީތީ، އެ ދެގައުމުގެ އެހީތެރިކަން މިވަގުތުގައި ރައީސް ޔާމިނަށް ހޯއްދައިދެވޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް އެ ގަރާރުގައި ވިދާޅުވެފައިވެ އެވެ. އެހެންކަމުން ހުރިހާ ރައްޔިތުން އެއްގަލަކަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ގައުމީ ރޫހެއްގައި ކަންތައް ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ފަސް އަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ވެގެންނެވެ.