ފުރަތަމަ ތިންމަހު އެންމެ ގިނައިން އެތެރެކުރީ މާސްކު

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރީ ފެސްމާސްކު ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖެނުއަރީ އިން މާޗުގެ ނިޔަލަށް ރާއްޖެއަށް 4.9 މިލިއަން ފޭސް މާސްކު އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 1179 ޕަސެންޓުގެ އިތުރުވުމެކެވެ. މިގުގެ ގޮތުން ބަލާނަމަ މިއީ 17 މިލިއަން ރުފިޔާގެ ފޭސް މާސްކެވެ.

ކޮވިޑް19 އާއި ގުޅިގެން ފޭސް މާސްކުން ޑިޔުޓީ ކަނޑާލާފައިވާއިރު، ކޮވިޑް 19 އާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބޭނުންކުރާ އެހެން ސާމާނުތަކުންވެސް ވަނީ ޑިއުޓީ ކަނޑާލައިފައެވެ.

ދެން އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ކުކުޅުގެ ބާވަތްތަކެވެ. މި މުއްދަތުގައި 3،462 ޓަނުގެެ ކުކުޅު ރާއްޖެ އެތެރެ ކުރިއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 61 ޕަސެންޓް އިތުރު އަދަދެކެވެ.

ދެން އެންމެ ގިނައިން ރާއްޖެ އެތެރެ ކޮށްފައިވަނީ ކާޑުގެ ބާވަތްތަކެވެ. 19،376.2 ޓަނުގެ ކާޑު މި މުއްދަތުގެ ތެރޭގައި ރާއްޖެ އެތެރެކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 34 ޕަސެންޓުގެެ އިތުރުވުމެކެވެ.

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު ބިސް އެތެރެކުރި މިންވަރު މިމަހުގެެ ފުރަތަމަ ތިންމަހު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭ 47.39 މިލިއަން ބިސް ރާއްޖެ އެތެރެކޮށްފައިވެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެއަށް ކައްކާ ގޭސް އެތެރެކުރި މިންވަރު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 21 ޕަސެންޓް ދަށަށް ގޮސްފައެވެ. މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖެ އެތެރެކޮށްފައިވަނީ 3575 ޓަނުގެ ކައްކާ ގޭހެވެ. ނަމަވެސް މި މުއްދަތުގައި ޕެޓްރޯލު އެތެރެކުރި މިންވަރު މިދިޔަ އަހަރަށްވުރެ 14 ޕަސެންޓް އިތުރުވެފައިވާއިރު މިއަހަރުގެ ފުރަތަމަ ތިންމަހު 24،427 ޓަނުގެ ޕެޓްރޯލު ރާއްޖެ އެތެރެކޮށްފައިވެއެވެ.

މީގެ އިތުރުން 157،093 ޓަނުގެ ޑީސަލް އެތެރެކޮށްފައިވާއިރު މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ތިންމަހު ރާއްޖެއަށް އެތެރެކުރި ފިޔަލުގެ އަދަދު ހުރީ މިދިޔަ އަހަރާ އަޅާބަލާއިރު އެއްވަރެއްގައެވެ. އެގޮތުން 3080 ޓަނުގެ ފިޔާ ރާއްޖެ އެތެރެކޮށްފައިވެއެވެ.

ކުޑަކުދިންގެ ނެޕީ އާއި ސެނިޓަރީ ނެޕްކިންސް ރާއްޖެ އެތެރެކުރި މިންވަރުވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ވަނީ ދަށްވެފައެވެ. އެގޮތިން ނެޕީ އެތެރެކުރި މިންވަރު ފަސް ޕަސެންޓް އަދި ސެނިޓަރީ ނެޕްކިންސް އެތެރެކުރި މިންވަރު 16 ޕަސެންޓް ވަނީ ދަށްވެފައެވެ.

comment ކޮމެންޓް