ރައީސްގެ ދެކަނބަލުން މިއަދު އެންމެ ބޮޑަށް ހަނދާންވީ އީދު ނަމާދާއި އާއިލާގެ މަތިން

ރައީސް ސޯލިހު އަދި ފަސްޓްލޭޑީ ފަޒްނާ އަހުމަދު --- ފޮޓޯ/ ރައީސް އޮފީސް

ލޮކްޑައުންގައި ހޭދަ ކުރަން ޖެހިފައިވާ މި އީދު ދުވަހުގައި އެންމެ ބޮޑަށް ހަނދާންވީ އީދު ނަމާދު ކުރުމާއި، އާއިލާއާއެކު ހޭދަ ކުރާ ވަގުތުތައް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ރައީސްގެ ދެކަނބަލުން ވަނީ ރާއްޖެޓީވީއަށް ކުރެއްވި ވީޑިއޯ ކޯލެއްގައި އީދުގެ ތަހުނިޔާ ވިދާޅެފައެވެ. މި އީދުގައި އެންމެ ބޮޑަށް ހަނދާންވީ ކޮން ކަމެއްތޯ ސުވާލު ކުރުމުން ރައީސް ސޯލިހު އެންމެ ފުރަތަމަ ފާހަގަކުރެއްވީ، ގޭގެ ކުދިވެރިންނާއެކު އީދު ނަމާދަށް ދިޔުމެވެ. އަދި އީދު ދުވަހު އާއިލީ ގެތަކަށް ޒިޔާރަތްކޮށް ކައި އުޅޭ ހަނދާންވެސް ވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އިހްތިފާލެއް އެއީ އީދު ނަމާދަށް ދިޔުން. ހާއްސަކޮށް އީދު ނަމާދަށް ދާއިރުގައި އަޅުގަނޑުމެން ދަނީ ކުދިވެރިންނާއެކީގައި ގޭގައި ތިބި. އެކަން ވަރަށް ބޮޑަށް މިސްވޭ،"

ރައީސް ވިދާޅުވީ، އީދު ދުވަސްތަކުގައި ހެނދުނުގެ ފަރިއްކޮޅު އޮންނާނީ ފަޒްނާގެ މަންމާފުޅުގެ ގެކޮޅުގައި ކަމަށެވެ. މެންދުރުގެ ފަރިއްކޮޅު އޮންނާނީ ރައީސް ސޯލިހުގެ މަންމާފުޅު ގެކޮޅުގަ އެވެ. މި އަހަރު އެ ކަންކަން ނުކުރެވޭތީ ވަރަށް ދެރަވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ކަމެއްހެ ފަހަތުގައިވެސް ފޮރުވިފައި އޮތް ރަނގަޅު ކަމެއް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ފަޒްނާއާ ކައިވެނިކޮށްގެން އުޅުނު އިރު، އީދު ދުވަހެއްގައި ފުރަތަމަ ފަހަރަަށް ފަޒްނާމެން ގޭގައި ފަރިކުޅުއްވި ގޮތުގެ ހަނދާނެއްވެސް ރައީސް ހިއްސާކުރެއްވިއެވެ.

"އަޅުގަނޑަކީ ހެނދުނު ސައިބޯ މީހެއް. އެ ގޭގައި ހުރީ ކާން ހަދާފައި. ދެން އަޅުގަނޑަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު. އަޅުގަނޑު ހިތަށް އެރި ހެނދުނު ހެނދުނު ހަމަ ބަތް ކާންވީބާ އޭ؟ ދެން އެ ދުވަހު އިނދެފައި ކުޑަ ގޮތެއް ހެދީ. އޭގެ ފަހުން މިހާރު ކޮންމެ އީދެއްގެވެސް ހެނދުނު އަޅުގަނޑަށް ލިބޭ ރޮށި،"

މިއަދު އެންމެ ބޮޑަށް ހަނދާންވަނީ ކޮން ކަމެއްތޯ ސުވާލު ކުރުމުން ފަސްޓްލޭޑީ ފަޒްނާ ވިދާޅުވީ، އީދު ދުވަހު ހެނދުނު އާއިލާ އެންމެން މަންމަ ގެއަށް ދިޔުމާއި، ފަހުން ބޮޑުދައިތައިންގެ ގޭގެއަށް ޒިޔާރަތް ކުރުން ހަނދާންވާ ކަމަށެވެ.

"މިއަދު ހެނދުނު ތެދުވީމަ އެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްވި ވަރަށް ދެރަވެސްވި އެކަމާ. މަންމަ ގެއިން އަޅުގަނޑުމެން ދެން ދަނީ ބޮޑުދައިތައިންގެ ގޭގެއަށާއި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިން ގޮވައިގެން އެކި ގޭގެއަށް ޒިޔާރަތް ކުރަނީ. ފަތިހު ހޭލާފައި ވަރަށް ދެރަވި އެކަމާ،" ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، މި އީދަކީ މާލެ އެންމެ ފަޅުކޮށް އޮތް އެއް އީދެވެ. ގެއިން ބޭރަށް ދެވެން ނެތަސް މީހުން ވީޑިއޯ ކޯލުކޮށްގެންނާއި އެކު އާއިލާތަކަށް އީދު ސަލާން ކިޔެވެ.

comment ކޮމެންޓް