ވަގުތީ ސަރުކާރެއްގެ ބަހުސް ހޫނުވެއްޖެ

މެންބަރު ރޮޒައިނާ އާދަމް -- ފޮޓޯ/ މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ވަގުތީ ސަރުކާރެއް ކަމަށް ބަޔަކު ބުނަމުން އަންނާތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާ ދެމެދު ހޫނު ޒުވާބެއް ކޮށްފި އެވެ.

ވަގުތީ ސަރުކާރެއްގެ ބަހުސް ފެށިގެން އައީ، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކައާ ގުޅިގެންނެވެ. މި މަހުގެ 22 ވަނަ ދުވަހު އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލިޑަރު ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވި އެވެ.

އެވާހަކައާ އެކު ބޮޑު ހިޔާނާތުގެ ވާހަކަ އަނެއްކާވެސް ވަނީ ބާރަށް ދެކެވެން ފަށައިފަ އެވެ. އަދި މެމްބަރު ރޮޒައިނާއަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް އަނެއްކާވެސް ވަނީ ތަކުރާރުވާން ފަށައިފަ އެވެ.

އެކަމާ ގުޅިގެން މި މަހުގެ 23 ވަނަ ދުވަހު ރޮޒައިނާ ކުރެއްވި ޓުވީޓެއްގައިި ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްއެމްޕީއާރްސީގެ މައްސަލަ ހުށަހެޅުއްވީ ވެސް އޭނާ ކަމަށާއި، އެމްއެމްޕީއާރްސީން ވައްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"މިހާރުވެސް މި އެދެނީ ވީހާވެސް އަވަހަށް މި މައްސަލަ ބަލާ ނިންމަން. ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ އިރަށް އެމްއެމްޕީއާރްސީ އޭ ކިޔާފައި ފަށައިގަތަސް ބިރެއް ނުގަނޭ، ނުގަންނާނެ،" ރޮޒަައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ ޓުވީޓާ ގުޅިގެން ބައެއް މީހުން ވަނީ ހިޔާނާތުގެ ފައިސާ ރައީސް ސޯލިހަށް ވެސް ލިބިފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުވެސް ތަކުރާރުކޮށްފަ އެވެ. އެމީހުންނަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ވީނުވީއެއް ނޭނގި ގެއްލުވާލައި، އަދި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެހެން ކަމުން އެ ވައުދު ފުއްދަން ޖެހޭނެ ކަމަށެވެ.

ނަޝީދުގެ ވާހަކަތަކާ ގުޅިގެން ރޮޒައިނާ އެކަމާ ނުރުހުންވެގެން އުޅެނީ ކަމަށް ވެސް ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ.

"އަޅުގަނޑު ނޫޅެން ރައީސް ނަޝީދާ އެއްވެސް މައްސަލައެއް އޮވެގެނެއް. އަޅުގަނޑު މި ދަންނަވަނީ ހަމަ މައްސަލަތައް ބައްލަވާށޭ. އަޅުގަނޑު ހިޔާލު ތަފާތުމިވީ ހަމަ އެންމެ ކަމަކާ. އެއީ މީ ވަގުތީ ސަރުކާރެކޭ ބައެއް ބޭފުޅުން ވިދާޅުވާތީ. އިތުރު މައްސަލައެއް ނެތް،" ރޮޒައިނާ ވިދާޅުވި އެވެ.

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، ރޮޒައިނާ އެމްޑީޕީއަށް ސޮއިކުރެއްވީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަަހު އެވެ.

މިހާރު އުފެދިގެން އުޅޭ ބަހުސްގެ ތެރެއިން، ރޮޒައިނާ ޑީއާރްޕީގައި އުޅުއްވި އިރު އެމްޑީޕީއަށާއި ރައީސް ނަޝީދަށް ފާޑުވިދާޅުވެ ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ވާހަކަތައް ވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.

ރޮޒައިނާ އަކީ "ރީނދޫ ކުލައަށް ބަދަލުވެގެން ހުރި ޑީއާރްޕީގެ ބޯވައެއް" ގެ ގޮތުގައި ވެސް ވަނީ ސިފަކޮށްފަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅިގެން ރޮޒައިނާ ވިދާޅުވީ ސިޔާސީ ގޮތުން ބުނަން ޖެހޭ އެއްޗެއް ބުނާނެ ކަމަށާއި އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން ކަމަށެވެ.

"އިދިކޮޅުގައި ހުންނަ އިރު އަނެއް މީހާގެ ބަލި ފައިގައި ހިފާނެ. ކޮންމެ މީހަކާ ގުޅިގެން ވެސް ދައްކާނެ ރަނގަޅު ވާހަކައާ ގޯސް ވާހަކަ ހުންނާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ހޯއްދަވަން ނުކުމެވަޑައިގަތީ މެނިފެސްޓޯއެއް ހިފައިގެން ކަމަށާއި، ރައްޔިތުން ވޯޓު ދިނީ އެ މެނިފެސްޓޯއަށް ކަމަށެވެ. އަދި ރައީސް މަސައްކަތް ކުރައްވަނީ ވެސް އެ މެނިފެސްޓޯގައި ހުރި ކަންކަން ހާސިލްކޮށްދެއްވުމަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"ޕޮއިންޓަކީ މީގަ [މެނިފެސްޓޯގައި] ވަގުތީ ސަރުކާރެއްގެ ވާހަކައެއް ނެތްކަން. އެމްއެމްޕީއާރްސީގެ ވައްކަމާ ދެން ހުރި ވައްކަމާ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ޔަގީނުން ވެސް ބަލަންޖެހޭ. އަދި އިރާދަކުރެއްވިއްޔާ ރައީސް އެކަން ކުރައްވާނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ ޓުވީޓާ ގުޅިގެން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ ބަހުސްގެ ތެރެއަށް ވަދެފަ އެވެ. ރޮޒައިނާގެ ޓުވީޓު ރީޓުވީޓުކުރައްވައި އިމްތިޔާޒް ވިދާޅުވީ ވޯޓު ހޯދަން އެންމެން ވެސް ވިއްކީ "ޖަޒީރާ ރާއްޖެ" ކަމަށެވެ.

"ހޮވުނު އެންމެން ހޮވުނީ ނިތްކުރީގަައި ވެސް ޖަޒީރާ ރާއްޖެ ޖަހައިގެން. އެ ނޫން އެކައްޗެއް ވެސް ނުވިއްކާ. އެހެން ޕާޓީއެއްގެ މެނިފެސްޓޯއެއްގެ ފޮޅުވަތެއް ވެސް ވޯޓު ހޯދި އިރު ކިޔާލި ދުލެއް ނެތް،" އިންތި ވިދާޅުވި އެވެ.

އިންތިގެ ވާހަކައަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ވޯޓެއް ހޯދަން ވަގުތީ ސަރުކާރެއްގެ ވާހަކަ ދުވަހަކުވެސް ދައްކަވާފައި ނުވާނެ ކަަމަށެވެ.

"ހަމަ ޔަގީނުން ވެސް ވޯޓެއް ހޯދަން ރިޔާސީ އިންތިހާބުގައި ވެސް މަޖިލިސް އިންތިހާބުގައި ވެސް ވަގުތީ ސަރުކާރެއްގެ ވާހަކަ އަޅުގަނޑު ދައްކާފައެއް ނޯންނާނެ. އަޅުގަނޑުގެ ދާއިރާ ވަގުތީ ސަރުކާރަކާ ދެކޮޅު،" ރޮޒައިނާ ވިދާޅުވި އެވެ.

މިއީ އެމްޑީޕީ ސަރުކާރެއް ނޫން ކަމަށާއި، މިއީ ރައީސް ސޯލިހުގެ ކޯލިޝަން ސަރުކާރެއް ކަމަށް ބުނާ މީހުންނަށް ވެސް ރޮޒައިނާ ވަނީ ރައްދު ދެއްވައިފަ އެވެ.

"ސިޔާސީ ޕާޓީއަކީ އެކްސްކްލޫސިވް ކްލަބަކަށް ވަންޏާ ގޭޓުތައް ތަޅުލާ. އަޅުގަނޑު އައީ ޑިމޮކްރަސީއަށް މަސައްކަތް ކުރުމަށް. ފެންނަ ފެނުމަށް ހީވަނީ "މައުމޫނިޒަމް" އަކީ ހަމައެކަނި [ރައީސް] މައުމޫންގެ އެއްޗެއް ނޫން ހެން. އެމްޑީޕީ ތެރޭގައި ވެސް އެކަން އެބަ އޮތް. ތަފާތީ ހަމައެކަނި ނަން،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާގެ ވާހަކަތަކަށް ގިނަ ބަޔަކު ވަނީ ތާއީދުވެސް ކޮށްފަ އެވެ. އަދި ވޯޓު ދިނީ ރައީސް ސޯލިހުގެ ސަރުކާރަށް ކަމަށާއި، ވަގުތީ ސަރުކާރަކަށް ނޫން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.

މި ސަރުކާރު ވެރިކަމަށް އައިސްފައި ވަނީ އެމްއާރްއެމް، ޖުމްހޫރީ ޕާޓީ، އަދި އަދާލަތު ޕާޓީއާ ކޯލިޝަން ހަދައިގެންނެވެ. ނަމަަވެސް ކޯލިޝަން ދަމަހައްޓަން އެމްޑީޕީން ބޭނުމެއް ނޫނެވެ. އެމްޑީޕީގެ މެމްބަރުން އަންނަނީ ކޯލިޝަން އެހެން ޕާޓީތަކުގެ ވަޒީރުން ވަކިކުރަން ޖެހޭ ކަމަށާއި، ކެބިނެޓު އެއްކޮށް އެމްޑީޕީއަށް ލިބެންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

ސަރުކާރުން ބައެއް ކަންކަމުގައި ގެންގުޅޭ ސިޔާސަތު ދޯހަޅި ކަމަށް ވިދާޅުވެ، އެގޮތަށް އެކަން ދާނަމަ މަޖިލީހުން ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު، މަޖިލީހުގެ ރިޔާސަތުން ވެސް ވަނީ ދީފަ އެވެ.

comment ކޮމެންޓް