ޖަލުތަކަށް ކޮވިޑް ނުވަނީ ކުރިއާލާ އެޅުނު ފިޔަވަޅުތަކުގެ ސަބަބުން: ކޮމިޝަނަރު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު -- ފޮޓޯ/ ހޯމް މިނިސްޓްރީ

ވައިރަސް ރާއްޖެއިން ފެނުމާއެކު އެޅި ހަރުދަނާ ފިވަޅުތަކާއެކު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ އެއްވެސް ޖަަލަކުން ކޮވިޑް19 މިހާތަނަށް ފެނިފައި ނުވުމަކީ ލިބޭ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

އަހްމަދު މުހައްމަދުފުޅު މިގޮތަށް ވިދާޅުވީ، މިއަދު ފާހަގަ ކުރައްވަމުންދާ ފިތުރު އީދުގެ ތަހުނިޔާ ވިދާޅުވެ، ފޮނުއްވި ވީޑިއޯ މެސެޖެއްގަ އެވެ.

ކުރު ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވީ، ރާއްޖެއިން ކޮވިޑް19 ފެނުމާއެކު އެ މުއައްސަސާގެ އެންމެ ބޮޑު އަމާޒަކަށްވީ، ޖަލުތަކަށް ވައިރަހުގެ އަސަރު ނުފޯރާނެ ގޮތަށް ކަންކަން ރޭވުން ކަމަށެވެ. އެގޮތުން ގައިދީންނާއި އޮފިސަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ވަރަށް ކުރީކޮޅު ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެ މުއައްސަސާއިން ދެމުން އައި ހިދުމަތްތައް އޮންލައިންކޮށް، މާލެ ފުރަބަންދުކުރި ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލުތަކެއް ވަނީ އެލާޓް ހާޅަތަކަށް ގެނެވި ބަންދު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހުރިހާ ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން މާތްﷲ ވާގިފުޅާއެކު، މިއަދާ ހަމައަށް އެއްވެސް ޖަލެއްގައި މި ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމީ އަޅުގަނޑުމެންނަށާއި ބަންދު މީހުންނަށާއި ގައިދީންނަށް އަދި އެމީހުންގެ އާއިލާތަކަށް ލިބިެގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އަމާޒަށް މަސައްކަތް ކުރުމަށް ވަރަށް ގިނަ ފަރާތްތަކާއި އެ މުއައްސަސާގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

"ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް އާއިލާއާ ދުރުގައި، ހަމައެކަނި ވަޒީފާ އަދާކުރާ ތަނުގައި ތިބެން ޖެހުމަކީ ވަރަށް ބޮޑު ގުރުބާނީއެއް. އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް އުފަލާއެކު ޝުކުރު ދަންނަވަން. ވަކިން ހާއްސަކޮށް މި ސާވިސްގެ އޮފިސަރުން ޖަލުގައި ތިބެ ކުރި މަސައްކަތަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އަހްމަދު މުހައްމަދުފުޅު ވިދާޅުވި އެވެ.

ކަރެކްޝަންސް ބެލުގެ ދަށުގައި ހަތަރު ޖަލެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލާއި، ހިންމަފުށީ ޖަލާއި، ހުޅުމާލެ ޖަލާ އަދި މާލެ ޖަލެވެ. އެ ހުރިހާ ޖަލުތަކުގައިވެސް ވައިރަސް ނެތްކަން ޔަގީން ކުރުމަށް ވަނީ ރެންޑޮމް ސާމްޕަލްތަކެއް ނަގާފަ އެވެ. އޭގެތެރެއިން މިހާރު ނަތީޖާ ނުލިބެނީ އެންމެ ފަހުން ސާމްޕަލް ނެގި ހުޅުމާލޭ ޖަލުގެ ސާމްޕަލްތަކެވެެ. އެހެން ހުރިހާ ޖަލުތަކުން ނެގި ސާމްޕަލްތައް ވަނީ ވައިރަހަށް ނެގެޓިވްވެފަ އެވެ.

ރާއްޖޭގެ ރިސޯޓުތަކުން ވައިރަސް ފެނުމާއެކު ކަރެކްޝަންސް އިން ވަނީ އާއިލީ ބައްދަލުވުންތައްވެސް ދިނުން ހުއްޓާލާފަ އެވެ. އެއާއެކު އޭރު ގައިދީންގެ މެދުގައި ހިތް ނުތަވަސްކަމެއް ވެސް އުޅުނެވެ. އޭގެ އިތުރުން ޖަލުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައްވެސް ކުރި އެވެ.

comment ކޮމެންޓް