އައްޑޫ ސިޓީގައި 1031 ފަގީރުން، ޒަކާތުގެ ފައިސާ ބަހާ ނިންމައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު އައްޑޫ ސިޓީގައި ފަގީރުންގެ ގޮތުގައި ޖުމްލަ 1031 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އޭގެ ހައްގުވެރިންނަށް ބަހާ ނިންމާފައިިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވަނީ މި އަހަރު އެ ސިޓީން 12،494 މީހުން ޒަކާތުގެ ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި ޒަކާތުގެ ގޮތުގައި 349،079.37 ރުފިޔާ ލިބިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ، ޒަކާތުގެ ފައިސާ ފަގީރުންގެ ބޭންކް އެކައުންޓުތަަކަށް ޖަމާކޮށްދީ ނިންމާފައިވާ ކަމަށެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަގީރުން ރަޖިސްޓްރީކޮށްފައި ވަނީ ހިތަދޫންނެވެ. ހިތަދޫ އިން ފަގީރުންގެ ގޮތުގައި 541 މީހަކު ރަޖިސްޓްރީކޮށްފައި ވާއިރު، އެ އަވަށުން 6348 މީހަކު ވަނީ ޒަކާތުގެ ގޮތުގައި 182،430.61 ރުފިޔާ ދައްކައިފައެވެ.

ހިތަދޫގައި ތިބި ފަގީރުންނަށް، ބޮލަކަށް ޖެހިފައި ވަނީ 337.21 ރުފިޔާއެވެ.

ފޭދޫ އިން 2118 މީހަކު ޒަކާތުގެ ގޮތުގައި 63132.69 ރުފިޔާ ވަނީ ދައްކާފައެވެ. ފޭދޫން 111 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވާއިރު ބޮލަކަށް ޖެހިފައި ވަނީ 568.76 ރުފިޔާ އެވެ.

މަރަދޫން ޒަކާތް ދައްކާފައި ވަނީ 1554 މީހުންނެވެ. ޒަކާތުގެ ގޮތުގައި ލިބުނު 42403.68 ރުފިޔާ، އެ އަވަށުގައި ރަޖިސްޓްރީވެފައި ތިބި 72 ފަގީރުންނަށް ބެހެމުން ބޮލަކަށް ޖެހިފައި ވަނީ 588.94 ރުފިޔާ އެވެ.

މީދޫން 1074 މީހަކު، ޒަކާތުގެ ގޮތުގައި 24783 ރުފިޔާ ވަނީ ދައްކާފައެވެ. މީދޫގައި ފަގީރުންގެ ގޮތުގައި 109 މީހަކު ރަޖިސްޓްރީވެފައި ވާއިރު، ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހިފައި ވަނީ މީހަކަށް 227.37 ރުފިޔާ އެވެ.

މަރަދޫފޭދޫ އިން 840 މީހަކު ޒަކާތުގެ ގޮތުގައި 21494.39 ރުފިޔާ ވަނީ ދައްކާފައެވެ. އެ އަވަށުން 62 މީހަކު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވާއިރު ބޮލަކަށް ޖެހިފައި ވަނީ 341.18 ރުފިޔާ އެވެ.

ހުޅުދޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބީ 136 މީހުންނެވެ. އެ އަވަށުން 560 މީހަކު ޒަކާތުގެ ގޮތުގައި 14835 ރުފިޔާ ދައްކާފައި ވާއިިރު، ބޮލަކަށް ޖެހިފައި ވަނީ 109.08 ރުފިޔާ އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު އައްޑޫ ސިޓީގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުން ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު އައްޑޫގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބީ 893 މީހުންނެވެ.

އައްޑޫ ސިޓީގެ އާބާދީ 33،690 އަށް އަރާއިރު، އެއީ ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ.

comment ކޮމެންޓް