ގަވައިދާ ހިލާފަށް އުޅޭ 1000 ބަންގްލަދޭޝް މީހުން ފޮނުވާލައިފިން: ފޮރިން މިނިސްޓްރީ

މެއި 17، 2020: މާލޭ ބޭރުމަގުގައި ބިދޭސީތަކެއް ބަސް ހުއްޓިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން އަނބުރާ ގައުމަށް ފޮނުވާލައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފްލައިޓްތަކުގަޔާއި، ރާއްޖެއަށް އަންނަ ބަންގަލަދޭޝްގެ އަސްކަރީ އަދި ޤައުމީ އެއަރލައިންގެ މަތިންދާބޯޓުތަކުގައި އެމީހުން އަނބުރާ ގައުމަށް ފޮނުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

އެ މަސައްކަތަށް ބަންގްލަދޭޝްގެ ސަރުކާރުން ވެދެން އޮތް އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަޤީންކަން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ވަނީ އަރުއްވައިފައެވެ. އަދި މިހާތަނަށް ފޮނުވާލެވުނު 1000 މީހުން ފޮނުވާލުމުގައިވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފަކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓްރީން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދާސީން ގަވައިދަށް ފެއްތުމަށްވެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެެ. އެ ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ ރަޖިސްޓްރީވެފައެެވެ.

comment ކޮމެންޓް