ސްކޫލްތަކަށް ދަރިވަރުން ވަނުމުގެ ކުރިން ފިނިހޫނުމިން ބަލާނެ

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަބަންދަށްފަހު ސްކޫލްތައް އަލުން ހުޅުވާއިރު ދެން ދަރިވަރުންނަށް ސްކޫލްތަކަށް ވަދެވޭނީ އެ ދަރިވަރުންގެ ފިނިހޫނުމިން ބެލުމަށްފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅޭގޮތުން ރާއްޖެ ޓީވީން މިރޭ ގެނެސްދިން ހާއްސަ ކަވަރޭޖްގައި މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ނިންމާފައިވަނީ ސްކޫލްތަކަކީ ހުރިހާ ދަރިވަރުންނަށްވެސް ރައްކތެރި ތަނަކަށް ހެދުން ކަމަށެވެ.

" އެގޮތުން ހުރިހާ ކުދިންނަށް އަތް ދޮވެވޭނެ އިންތިޒާމާ ހުރިހާ ކުދިންނަށް ސާފުތާހިރުކަމާއެކު ދަރިވަރުންނަށް އުޅެވޭނެ އިންތިޒާމްތައް، އެކަމަށް މަސައްކަތްތައް ކުރެވެމުން އެބަދޭ." މިނިސްޓަރު ވިދާޅުވިއެވެ.

ކޮރޯނާ ކަހަލަ ބޮޑު ބައްޔެއް ފެތުރޭތީ ބެލެނިވެރިންނަށާއި މުދައްރިސުންގެ އިތުރުން ދަރިވަރުންނަށްވެސް "ސައިކޯސޯޝަލް" ސަޕޯޓް ބޭނުންވާ ކަމަށާއި އެހެންކަމުން ސްކޫލްތަކުގައި މިހާރު ތިބި ކައުންސެލަރުންގެ ކެޕޭސިޓީ އިތުރުކުރުމަށް ރާވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ނިއު ނޯމަލްގެ ދަށުން ސްކޫލްތައް ހުޅުވިގެންދާއިރު އަޅުގަނޑުމެން ޗެކްކުރާނަން ދަރިވަރުންގެ ޓެމްޕަރޭޗާ( ފިނިހޫނުމިން)ވެސް ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން. އެކަމަށްވެސް އިންތިޒާމްތަކެއް މިހާރު ކުރެވެމުންދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުވޭއިރު އާންމުކޮށް ދަރިވަރުން އަތްލާ ހަދާނެ ތަންތަން ޑިސްއިންފެކްޓްކުރާނެ ގޮތްގޮތާއި އެކަންކަން ކުރާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއވެެ.

comment ކޮމެންޓް