ސްކޫލުތައް ހުޅުވާނީ ދަރިވަރުންނަށް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު: މިނިސްޓަރު

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ކޮވިޑް 19 އާ ގުޅިގެން ފުރަބަންދަށް ފަހު ސްކޫލްތައް އަލުން ހުޅުވާނީ، ދަރިވަރުންނަށް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ މާޗްމަހުން ފެށިގެން ސްކޫލްތައް އޮތީ ބަންދުކޮށްފައެވެ. ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިމަހުގެ ފަހުކޮޅަށް މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވަމުން ލުއިތަކެއްދީ ސްކޫލްތައް ހުޅުވުމުގެ ވިސްނުން އެބަހުރި ކަމަށެެވެ.

ސަރުކާރުން މީގެ ކުރިން ބުނީ ސްކޫލްތައް އަލުން ހުޅުވާނީ އަންނަ މަހު 16 އިގެ ފަހުން ކަމަށެވެ. ނަމަވެސް ސީދާ ވަކި ދުވަހެއް ހާމައެއް ނުކުރެއެވެ.

ކޮވިޑާ ގުޅޭ ގޮތުން ރާއްޖެ ޓީވީން މިރޭ ގެނެސްދިން ހާއްސަ ކަވަރޭޖްގައި މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވިޔަސް ކޮވިޑް-19 ފެތުރިދާނެތީ ބެލެނިވެރިން ކަންބޮޑުވެފައިތިބިކަން އެނގޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަރިވަރުން ކިޔެވުމާ އެހާ ގިނަ ދުވަހު ތިބެން ޖެހުމުން ކިޔެވުމަށް އޮންނަ ޝައުގުވެރިކަން ގެއްލިގެންދާކަމަށް ބޭރުގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުންވެސް ހާމަވާ ކަމަށެވެ. އެގޮތުން އެބޯލާ ފަދަ ބަލިތައް ފެތުރުނު ދުވަސްވަރު އެގައުމުތަކުގެ ދަރިވަރުން ސްކޫލްތަކުން ވަކިވާ މިންވަރު އިތުރުވެ ސްކޫލަށް ވައްދާ މިންވަރު މަދުވެފައިވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ބެލެނިވެރިންނަށާއި ދަރިވަރުންނަށްވެސް ސޯޝަލް ސައިކޯ ތެރެޕީ ބޭނުންވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށް ފަހު ވީހާވެސް އަވަހަކަށް ދަރިވަރުންގެ ކިޔެވުމުގެ ކަންތައްތައް ފަށައިގަނެ ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ މައިގަނޑު ވިސްނުންކަމަށް އޭނާ ވިދާޅުވިއެވެ.

" ދަރިވަރުންގެ ސިއްހަތު އެއީ އަޅުގަނޑުމެންގެ އެންމެ މުހިންމުކަމަކީ. ބެލެނިވެރިންގެ ކަންބޮޑުވުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އަންޑަސްޓޭންޑްވޭ. ދަރިވަރުންނަށް ސްކޫލްތަކަކީ ސޭފް ތަންތަނަށް ނުވާހާ ހިނދަކު އެތަންތަނެއް ނުހުޅުވާނަން. އަޅުގަނޑުމެން ކަށަވަރުކުރާނަން ސޭފްކަން. އަދި ބަލިމަޑުކަން އެރަށެއްގައި ނުފެތުރޭކަން ސްކޫލްތައް ހުޅުވުމުގެ ކުރިން. " މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް