މިއަހަރުގެ އޯ ލެވެލް އިމްތިހާން އަންނަ އަހަރު ޖޫންއަށް ތާވަލުކޮށްފި

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރު އޮކްޓޯބަރު ނޮވެމްބަރުގައި ކުރިން ބާއްވަން އޮތް އޯ ލެވެލް އިމްތިހާން އަންނަ އަހަރު މޭ ޖޫން އަށް ތާވަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ބަދަލާއެކު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ހަދަމުންދާ ޝަހާދާ ސާނަވިއްޔާ އިމްތިހާންތައްވެސް މިއަހަރު ނޯންނާނެކަމަށާއި، ދެން އެ އިމްތިހާންތައްވެސް އޮންނާނީ ހަމަ އަންނަ އަހަރު މޭ ޖޫން ގައި ކަމަށެވެ.

މިއަހަރުގެ މޭ ޖޫންގައި ކުރިން ބާއްވަން އޮތް އެ އިމްތިހާންތައް ފަސްކުރީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެންނެވެ.

ކޮވިޑްއާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗްމަހުއެވެ. އޭގެ ފަހުން އޮންލައިންކޮށާއި ޓެލެކްލާސްތައް ނަގައިދިން ނަމަވެސް މިދިޔަ އޭޕްރީލް މަހު މެދުތެރެއިން މާލެއިން ކޮރޯނާ ވައިރަސް ފެތުރުމުން ޓެލެކްލާސްތައްވެސް ވަނީ މެދުކަނޑާލައިފައެވެ.

އެކަމާ ގުޅިގެން ގިނަ ދަރިވަރުންތަކެއްގެ ފިލާވަޅުތަކެއް އޮތީ މެދުކެނޑިފައެވެ.

އިމްތިހާންތައް އަންނަ އަހަރު މޭ/ޖޫން އަށް ފަސްކުރި ނަމަވެސް މިހާރު އަރަބިއްޔާ އަދި އިނގިރޭސި މީޑިއަމްތަކުގައި ކިޔަވައިދޭ ގްރޭޑް 10 އެއްގައި ކިޔަވަމުންދާ ދަރިވަރުން އަންނަ އަހަރުވެސް އެ ސްކޫލްތަކުގެ ދަރިވަރުންގެ ގޮތުގައި ދެމިތިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭއެސް ލެވެލް އިމްތިހާނު މިއަހަރުގެ އޮކްޓޯބަރު، ނޮވެމްބަރަށްވެސް އޮތީ ފަސްކޮށްފައެވެ.

comment ކޮމެންޓް