މިއަދު 39 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 1313 އަށް އަރައިފި

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް 19 އަށް މިއަދު 39 މީހަކު ޕޮސިޓިވްވެ، ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ 1313 އަށް އަރައިފި އެވެ.

ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ކޮވިޑް ރޯގާއަށް ޕޮސިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 23 ބިދޭސީން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ބަންގަލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ހަތް މީހެއް އަދި ސްރީލަންކާގެ މީހެކެވެ.

މިއަދު މިހާތަނަށް 39 ކޭސް ފެނުނު އިރު، އިއްޔެ ފެނުނު ކޭސްތަކުގައި އަދަދަކީ، 59 އެވެ.

ރޭ އެންއޯއީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑރ. އިބްރާޙިމް އަފްޒަލް ވިދާޅުވީ، މިހާރު ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު ވަނީ 30-50 އާ ދެމެދު ހިފެހެއްޓިފައިކަމަށެވެ.

މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ކޮވިޑް19 ސާޖަކަށް ދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި އެދުވަހު ރާއްޖޭގައި ވައިރަހަށް ޕޮޒިޓިވް 6000 އަށް ވުރެ ގިނަ މީހުން ތިބޭނެ ކަމަށާއި، ހޮސްޕިޓަލްތަކަށް ބާރުބޮޑުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ.

ނަމަވެސް އާންމުންގެ އެއްބާރުލުން ލިބި، މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، ފެންނަ ކޭސްތައް މަދުވާނަމަ، މާލެ ސަރަހައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފުރަބަންދުގެ މުއްދަތު ހަމަވާނީ މިމަހު 28 ވަނަ ދުވަހުއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 1،313 އަށް އަރާފައިވާއިރު، 104 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައިި މަރުވެފައެވެ.

comment ކޮމެންޓް