މިދަނޑުވަޅުގައި މުވާސާލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުން ބަދަހި ކުރައްވާ: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19އިން ރައްކާތެރިވުމަށް ގައިދުރުކަން އިސްކުރަން ޖެހިފައިވާ މިދަނޑިވަޅުގައިވެސް މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި ގުޅުން ބަދަހި ކުރުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފި އެވެ.

ރަައީސް ސޯލިހު އެހެން ވިދާޅުވީ ރައްޔިތުންނަށް އީދު ތަހުނިޔާ ކިޔައި، ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން، އިޖުތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވީނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައި އެބަ އޮތް ކަމަށެވެ. އެެހެންކަމުން މިފަހަރު އީދުގައި އެންމެންވެސް މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ގުޅުން ބަދަހިކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"އެކުގައި ދިރިއުޅޭ މީހުންނާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކުގައިވެސް، މުވާސާލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދަކީ އުފާވެރިކަމާއި ހިތްހެޔޮކަމާއި ރަޙްމަތްތެރިކަމާއެކު، އަޅުގަނޑުމެންގެ ގުޅުންތައް އާލާކުރަންވީ ދުވަސް ކަމަށެވެ. އަދި ތިމާގެކަމުގެ ގުޅުންތައް ދިރުވައި، ރަޙްމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުންތައް އާލާކުރަން މިއަދަކީ ވަރަށް މުނާސަބު ދުވަހެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"ވަކިން ހާއްސަ ގޮތެއްގައި އެއްބަނޑުއެއްބަފާކަމުގެ ގުޅުންތަކާއި، މައިންބަފައިންނާއި ދަރީންގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މިއީ ވަރަށް އެކަށީގެންވާ ދުވަހެއް ކަމުގައި ދެކެން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ގޭ ބަންދުގައި ތިބެންޖެހޭ މި ދަނޑިވަޅުގައި މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނުވަންވީ ދުވަސްކޮޅެއްގެ ގޮތުގައި ރައީސް ސިފަ ކުރެއްވިއެވެ. އަދި އާއިލާއާއެކު ފައިދާހުރި ވަގުތުތަކެއް ހޭދަކުރުމަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ރައީސް ނަސޭހަތްތެރިވިއެވެ.

ރައީސްގެ މެސެޖްގައި އިތުރަށް ވިދާޅުވީ، ޢީދުގެ އުފާ ފާޅުކުރުން އޮންނަން ވަނީ މުޖުތަމައުގައި ތިބި ތަފާތު ފަންތިތަކާއި ތަފާތު ގިންތިތަކުގެ މީހުންގެ މެދުގައި، އެއްވެސް ތަފާތުކުރުމެއް ނޯންނާނެ ގޮތުގެ މަތީން ކަމަށެވެ. އަދި މިދަނޑިވަޅުގައި ނިކަމެތިންނަށްވެސް އަޅާލުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"ކޯވިޑް-19ގެ ސަބަބުންވެސް، ތަފާތު ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖުތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަ މި އުފާވެރި ފިތުރު އީދުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

އިގްތިސާދުވެސް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި ކެތްތެރިވުމާއި އިސްރާފު ނުކުުރުމަށް އަމަލުތައް ބެހެއްޓުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ އަދި ރަމަޟާން މަހުގައި އަޅުގަނޑުމެން ހާސިލުކުރި އެފަދަ ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ތަޙައްމަލް ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައިވެސް، އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެއްބާރުލުން. އަދި މި ހާލަތުން އަރައިގަތުމަށް މިކުރާ މަސައްކަތުގައި، މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފައިވާ ހުރިހާ ކާމިޔާބެއްގެ ފަހަތުގައިވަނީ، މާތް ﷲގެ ދީލަތިވަންތަކަމާއި، ސުއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމާއި، ރައްޔިތުންގެ މެދުގައި އޮތް އެކުވެރިން،" ރައީސް ސޯލިހް ވިދާޅުވިއެވެ.

comment ކޮމެންޓް