ބޮޑު ދެ ބޮންޑެއް ދައްކަން ޖެހޭ މުއްދަތު ތިން އަހަރަށް ފަސްކޮށްފި

ފިނޭންސް މިނިސްޓަރު އަމީރު --- ފޮޓޯ: އެންއީއޯސީ

ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 350 މިލިއަން ޑޮލަރުގެ ދެ ބޮންޑެއްގެ މެޗުއަރިޓީ ނޫނީ ދެއްކުމުގެ މުއްދަތު ތިން އަހަރު ދުވަހަށް ފަސްކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، 2022 ވަނަ އަހަރަށް 250 މިލިއަން ޑޮލަރުގެ ބޮންޑެއް ދައްކަން ޖެހޭ މުއްދަތު ހަމަވާއިރު، 2023 ވަނަ އަހަރު 100 މިލިއަން ޑޮލަރުގެ ޕްރައިވެޑް ޕްލޭސްޑް ބޮންޑެއްވެސް ދައްކަން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން ޔޫއޭއީ އާއި ބޮންޑު އިޝޫކޮށްފައިވާ ފަރާތާ ވާހަކަ ދައްކައިގެން އެ ފައިސާ ދެއްކުން އިތުރު ތިން އަހަރު ދުވަހަށް ލަސްކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އައިސްފަ އިތުރު ތިން އަހަރަކަށް އެ މެޗޫރިޓީ ވާނީ އިތުރުކޮށްފައި، އޭގެ މާނައަކީ 2026 ވަނަ އަހަރު މިހާރު މެޗުއާ ވާނީ. އެއީ އަޅުގަނޑުމެން ޔޫއޭއީގެ ފަރާތްތަކާ ވާހަކަ ދައްކައިގެން އެ ލުއި މިހާރުވެސް ހޯދާފައި ވާނީ،" މިނިސްޓަރު ވިދާޅުވި އެވެެ.

މިނިސްޓަރު އަދި ވިދާޅުވީ ޑެޓް ސަސްޓެއިނަބިލިޓީ އެނަލިސިސް ހެދިގެން އަންނައިރު އައިއެމްއެފް އިން އެކަމަށް ރިއާޔަތް ކުރާނެ ކަމަށާއި ޑެޓް ސަސްޓެއިނިބިލިޓީ ރަނގަޅު ވާނެ ކަމަށެވެ.

މި ސަރުކާރު އައި އިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގައި 98 މިލިއަން ޑޮލަރު ހުރި ކަމަށާއި މިހާރު އެ އަދަދު 190 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ ފަންޑްސް ހުންނާނެެ މިހާރުވެސް އެކި އެކި ކަންކަމަށް އިންވެސްޓުކޮށްފައި. މެޗުއާ ވާ ވަރަކަށް، 2022 ވަނަ އަހަރާ ހަމައަށް ދާންވާއިރަށް އަޅުގަނޑުމެންގެ ފަންޑުގައި ލިކުއިޑް ބެލެންސް ބޮންޑު ދެއްކޭނެ ވަރަށް ހުންނާނެހެން ރޭވެމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް