އެހެން މަންޒަރެއް، ގިނަ މީހުންގެ ޕެންޝަން ފަންޑް ލަކައަކަށް ވެސް ނާރާ!

މޭ، 23، 2020 - ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް އަދި މާލިއްޔާއަށް ކުރާ އަސަރާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕެންޗަން އޮފީހުގެ އެކްޓިން ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ އެންއީއޯސީ

ރާއްޖޭގެ ޕެންޝަން ފަންޑުގައި ބައިވެރިވެފައިވާ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންގެ އެކައުންޓްގައި އެއް ލައްކައެއްހާ ރުފިޔާ ވެސް ނެތް ކަމަށް ޕެންޝަން އޮފީހުން މިއަދު ހާމަކޮށްފި އެވެ.

މިއަދު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ މިހާތަނަށް ޕެންޝަން ފަންޑުގައި 154،385 މީހަކު ބައިވެރިވެފައިވާ އިރު ރަނގަޅު އަދަދެއްގެ ބެލެންސެއް ހުރީ އެންމެ ދެ ޕަސެންޓް މީހުންގެ އެކައުންޓްގައި ކަމަށެވެ. އެއީ 450،000 ރުފިޔާގެ ބެލެންސެކެވެ.

"ވަކިވަކިން އެކައުންޓްތަކުގެ ބެލެންސަށް ބަލާ ކަމަށް ވަންޔާ 10،000 ރުފިޔާއިން ދަށުގައި 19 ޕަސެންޓް މީހުންގެ ބެލެންސް މިހުރީ. ފަންޑުގައި ތިބި ޖުމްލަ އެކައުންޓްގެ ތެރެއިން 50 ޕަސެންޓް ބޭފުޅުންގެ އެކައުންޓް ބެލެންސް މި އުޅެނީ 100،000 ރުފިޔާއަށް ވުރެ ދަށުގައި،" ސުޖާތާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ، ފަންޑުގައި ތިބި 50 ޕަސެންޓް މީހުންނަކީ 45 އަހަރަށް ވުރެ ދަށުގެ މީހުން ކަމަށް ވާތީ، ޕެންޝަން ލިބެން ވާއިރަށް ކުރިއަށް އޮތްތަނުގައި އެ މީހުންގެ ޕެންޝަން އެކައުންޓަށް ރަނގަޅު އަދަދެއް ޖަމާވުމުގެ ފުރުސަތު އޮންނާާނެ ކަމަށެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑުގައި ހުރި ފައިސާ އިންވެސްޓުކޮށްގެން 3.9 ބިލިއަން ރުފިޔާގެ ފައިދާ އެއް ލިބިފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ޕެންޝަން ފަންޑުން އިންވެސްޓުކޮށްގެން ލިބޭ ފައިދާ ހުރީ ފަސް ޕަސެންޓަށްވުރެ ދަށް ނޫން އަދަދެއްގައި ހިފެހެއްޓިފައި ކަމަށް ސުޖާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެންޝަން ފަންޑުގެ ހައްގުވެރިންނަށް އެންމެ ފައިދާ ބޮޑުވާނެހެން އެންމެ ފައިދާ ރަނގަޅު ތަންތަނުގައި އިންވެސްޓު ކުރަމުންދާ ކަމަށެވެ. މީގެ ބޭނުމަކީ ޕެންޝަނަށް ރައްކާކުރާ ފައިސާ އިތުރުކޮށް އޭގެ އަގު ހިފަހައްޓާ، ފަންޑުގެ މެންބަރުންނަށް ލިބޭ ފައިދާ އިތުރުކުރުން ކަމަށް ސުޖާތާ ވިދާޅުވި އެވެ.

ފެންޝަނަށް ރައްކާކުރާ ފައިސާއިން އެހެން ކަމެއް ކުރުން ރަނގަޅު ނޫން ކަމަށާއި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ އުސޫލު ނޫންކަމަށް ސުޖާތާ ވިދާޅުވި އެވެ.

"ނަމަވެސް އިތުރު ކޮންޓްރިބިއުޝަނެއް ލައިގެން އެހެންކަންތައްތަކަށް ސޭވްކުރުމަކީ ހަމަ ކުރެވިދާނެ ކަމެއް. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރަމުން އަންނަކަމެއް. ޕެންޝަން ކޮންޓްރިބިއުޝަނުން ފައިސާ ނެގުމަކީ އެހާ ރަނގަޅުކަމެއް ނޫން." ސުޖާތާ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ވޯލްޑް ބޭންކުގެ އެހީގައި ދިރާސާއެއް ހަދަމުންދާ ކަމަށެވެ. އަދި އިތުރު ބެނެފިޓް ސްކީމްތައް ތައާރަފުކޮށް ފަންޑު ފުޅާކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން މަސައްކަތުގައި އުޅެނިކޮށް ލިބޭ އަނިޔާއެއްގެ ސަބަބުން އާމްދަނީ ލިބޭނެ ގޮތެއް ނެތް ހާލަތުގައި ފައިސާ ލިބޭނެ ސްކީމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މަސްވެރިންނާއި ދަނޑުވެރިންނަށް ހާއްސަ ސްކީމެއްގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް