ކޮވިޑް-19 އަށް ވެކްސިން އީޖާދު ކުރަން ޗައިނާ ކުރާ މަސައްކަތަށް އެމެރިކާ ފާޑުކިޔައިިފި

ޗައިނާގެ ލެބޯޓްރީ އެއް : ކޮވިޑް-19 އަށް ވެކްސިން އެއް އިޖާދުކުރުމަށް ޗައިނާ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން

ވޮޝިންޓަން (23 މޭ 2020) : ކޮރޯނާވައިރަސް "ކޮވިޑް-19" އާ ދެކޮޅަށް ވެކްސިނެއް އީޖާދު ކުރުމަށް ޗައިނާކުރާ މަސައްކަތަށް އެމެރިކާ ފާޑުކިޔައިފިއެވެ.

ޗައިނާއިން އުފެއްދި ވެކްސިނަކަށް ރައްދު ދެއްވަމުން އެމެރިކާ ގެ ސިއްހަތާބެހޭ މަސްއޫލުވެރިއަކު ވަނީ އެއީ ފުރިހަމަ ނޫން މައުލޫމާތެއްކަމަށް ވިދާޅުވެ މަލާމާތުގެ ރާގެއްގައި ޗައިނާއަށް ފާޑު ވިދާޅުވެފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އާ ހަވާލާދީ ދަ ލާންސެޓް މަޖައްލާ ބުނާގޮތުން ޗައިނާވަނީ ކޮވިޑް-19 އާ ދެކޮޅަށް ފަސް ވެކްސިނެއް އުފައްދައި އެ ވެކްސިންތައް އިންސާނުންގެ ހަށިގަނޑަށް ޖަހައިގެން ޓެސްޓް ކުރުމުގެ މަރުހަލާ ފަށާފައެވެ. ޗައިނާގެ އެ ފަސް ވެކްސިން ޖުމްލަ 2،575 ވޮލަންޓިއަރުންގެ ގަޔަށް ޖަހާފައިވާއިރު ކަންބޮޑުވާވަރުގެ ގޯސް ރިއެކްޝަނެއް އެއްވެސް ވެކްސިނަކުން ނުފެނުމުން އުންމީދު އާވެފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

ނަމަވެސް ތަޖްރިބާގެ ފުރިހަމަ ނަތީޖާ ލިބޭނީ އަންނަ ޖުލައިމަހުގައި ކަމަށާ އެއަށްފަހު ދެވަނަ މަރުހަލާގެ ތަޖްރިބާ ފަށާނެކަމަށް ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން އާ ހަވާލާދީ ދަ ލާންސެޓް ބުނެއެވެ.

ދަ ލާންސެޓް ގެ އެންމެ ފަހުގެ އަދަދުގައި ޗައިނާއިން ޝާއިޢުކޮށްފައިވާ ވެކްސިނާބެހޭ ތަހުލީލީ ރިޕޯޓެއް ބުނާގޮތުން މީގެތެރެއިން އެއް ވެކްސިން އަކީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީސް އުފައްދާކަން އިބްތިދާއީ ކްލިނިކަލް ތަހްލީލުތަކުން ކަށަވަރުވެފައިވާ ވެކްސިންއެކެވެ.

މި ރިޕޯޓް ބުނާގޮތުން މިދެންނެވި ޗައިނާގެ ވެކްސިން އުފައްދާފައިވަނީ އެގައުމުގެ ދެ ކުންފުންނި ކަމަށްވާ "ކެންސިނޯ ބައޮލޮޖިކަލް އިންކް" އާއި ބެއިޖިންގް އިންސްޓިޓިއުޓް އޮފް ބަޔޮޓެކްނޮލޮޖީ" ގެ ސައެންޓިސްޓުން ގުޅިގެންނެވެ. އެ ވެކްސިން ތަޖްރިބާ ކުރުމުގައި ބައިވެރިކޮށްފައިވަނީ ދެޖިންސުން 18 އަހަރާއި 60 އަހަރާ ދެމެދުގެ 108 މީހުންނެވެ.

މި 108 މީހުންނަށް ކުޑަ ޑޯޒަކާއި މެދުމިނުގެ ޑޯޒަކާ އަދި ހައި ޑޯޒެއް ދީފައިވާއިރު މި މީހުންގެ ފަރާތުން ފެނިފައިވަނީ އާދައިގެ ހުމާއި ވަރުބަލިކަމެއްގެ އިތުރުން އާދައިގެ ބޮލުގެ ރިހުންފަދަ އެހެން ވެކްސިންތައް ޖެހުމުންވެސް ކުރިމަތިވާ ސައިޑް އިފެކްޓްތަކެކެވެ. މިއީ ކަންބޮޑުވާވަރުގެ ސައިޑް އިފެކްޓްތަކެއް ނޫން ކަމުން މިއީ އެ ވެކްސިން ކާމިޔާބުވާނެކަމުގެ އުންމީދު ބޮޑުވެގެންދާ ކަމެއްކަމަށް ޗައިނާގެ ރިޕޯޓް ބުނެއެވެ.

މި ރިޕޯޓަށް ފާޑުވިދާޅުވަމުން އެމެރިކާގެ ސިއްހަތާބެހޭ މަސްއޫލުވެރިއެއްކަަމަށްވާ ޕޯލް އޮފިޓް ވިދާޅުވީ ޗައިނާގެ ތަހުލީލީ ރިޕޯޓްގައިވާ ވާހަކަތައް ބަލައިގަންނަން ދަތިކަމުގައެވެ. އޮފިޓް ވިދާޅުވީ އެ ރިޕޯޓްގައި ވެކްސިންގެ ސަބަބުން ކޮވިޑް-19 ގެ ވައިރަސް މަރާލެވޭފަދަ އެންޓިބޮޑީސްތައް އެވެކްސިން ޖެހިމީހުންގެ ހަށިގަނޑުގައި އުފެދިފައިވާކަން ޗައިނާގެ ސައެންސްވެރިންނަށް ސާފުކޮށް ދެވިފައިނުވާތީ ޗައިނާގެ މަސައްކަތަކީ މާބޮޑު ކުރިއެރުމެއްގެ ގޮތުގައި ސައެންޓިފިކް ގޮތުން އަދި ނުބެލެވޭނެކަމުގައެވެ. އަދި ތަޖްރިބާ ކުރުމުގެ ގޮތުން ޗައިނާއިން ދިން ވެކްސިންގެ ޑޯޒްތައް މާ މަތިކަމަށްވެސް އޮފިޓް ވިދާޅުވިއެވެ.

މި ދެންނެވި ވެކްސިންއަށް ކޮށްފައިވާ ތަޖްރިބާގެ ނަތީޖާ ލިބޭނީ އަންނަ ޖުލައިމަހުގެ ތެރޭގައި ކަމަށާ އެކަށީގެންވާ ވަރަށް އެންްޓި ބޮޑީސް އުފެދުނުކަން ނުވަތަ ނޫންކަން އެނގޭނީ ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ކަމަށް ޗައިނާގެ ރިޕޯޓް ބުނެއެވެ.

ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް ކުރާ މަސައްކަތުގައި ދުނިޔޭގައި މިކަމަށް ގާބިލް ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު މިކަމުގައި ކުރީގައި އުޅެނީ އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ، އަދި ޗައިނާ ފަދަ ގައުމުތަކެވެ. (ދަ ލާންސެޓް)

comment ކޮމެންޓް