މިނިސްޓަރު ނަހުލާ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި

މިނިސްޓަރު އައިޝަތު ނަހުލާ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވި މަޖިލީހަށް ހާޒިރުކުރެއްވުމަށް އެދިފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ---

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، މަގާމުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވެވި ސިޓީއެއްގައި މެމްބަރު ޖާބިރު ވިދާޅުވެފައިވަނީ ރާއްޖޭގެ އަރާ ފޭބުމުގެ ދަތިކަން ނައްތާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށާއި ރަށްރަށުގައި ހެދިފައިވާ ބަނދަރުތަކަށް އަރާ ފޭބުމުގައި އެއްވެސް ހަމައެއް ލަމައެއް ނެތް ކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ މަސްދޯނި ފަހަރުގައި ބިދޭސީން މަސައްކަތްކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެއީ މަނާ ކަމެއް ކަމަށް ޖާބިރު ފާހަގަކުރައްވާފައިވެއެވެ.

ޖާބިރު ވިދާޅުވީ އެގޮތައް ކަންތައް ވަމުންދަނީ ރަށްރަށުގެ ބަނދަރުތައް ބޭނުންކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީއިން ހަދަން ޖެހޭ ގަވާއިދާއި އުސޫލުތައް ފުރިހަމަ ނުވުމުން ކަމަށެވެ.

އެހެންކަމުން އެކަންތައްތަކުގައި މިނިސްޓަރު ނަހުލާ ޒިންމާ އަދާކުރެވިފައި ނުވާތީ އޭނާ ކޮމިޓީއަށް ހާޒިރުކުރައްވާ ސުވާލުރައްވަން ބޭނުންވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ މިވަގުތު ހުންނެވީ ރިސޯޓުގައެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންއަކަށް ގެންގޮސްފައިވާ ވަނިކޮށް މިނިސްޓަރު ނަހުލާ ރިސޯޓަކަށް ވަޑައިގެންނެވި ކަމަށް ބުނެ ތަފާތު ވާހަކަތަކެއް ވަނީ ދާދި ފަހުން ދެކެވިފައެވެ.

އެހެންނަމަވެސް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފައިވަނީ މިނިސްޓަރު ނަހުލާ ރިސޯޓަށް ވަޑައިންނެވީ ސިއްހީ ހާލަތާ ގުޅިގެން އަމަލު ކުރާ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

comment ކޮމެންޓް