ތައިލެންޑް ކުންފުންޏަކުން ކޮވިޑް ޓެސްޓް ހަދާ މެޝިނެއް ރާއްޖެއަށް ހަދިޔާކޮށްފި

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތުގައި އެހީތެރިވުމަށް ތައިލެންޑްގެ މައިނާ ހޮޓެލް ގްރޫޕުގެ ފަރާތުން ރާއްޖެއަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފިއެވެ.

ތައިލެންޑްގެ މައިނާ ހޮޓެލް ގްރޫޕަކީ ރާއްޖޭގައި ހިންގާ އަނަންތަރާ ދިގު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް ހިންގާ މައި ކުންފުންޏެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ރޭ ބުނީ ޕީސީއާރު މެޝެނެއްގެ އިތުރުން އެ ކުންފުނީގެ ފަރާތުން ރާއްޖެއަށް 100 ގެލޫން (ގާތްގަނޑަކަށް 400 ލީޓަރު) ގެ ހޭންޑް ސެނިޓައިޒާވެސް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މިއީ މިވަގުތު ރާއްޖެއަށް ކޮންމެހެން މުހިއްމު ސިއްހީ ޒަރޫރީ ސާމާނު ކަމަށާއި މިތަކެތި ހަދިޔާ ކުރިކަމަށްޓަކާ މައިނާގްރޫޕަށް ޝުކުރު އަދާކުރާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ޕީސީއާރު މެޝެނަކީ ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ މެޝިނެވެ. މިހާރު މި ބައްޔަށް ޓެސްޓު ކުރުމަށް ބޭނުންކުރަނީ އައިޖީއެމްއެޗުގެ ލެބޯޓްރީގައި ހުންނަ މެޝެނާއި ފުލުހުންގެ ފޮރެންސިކް ލެބްގައި ހުންނަ މެޝެނެވެ. އާދިއްތަ ދުވަހުން ފެށިގެން އޭޑީކޭ އިންވެސް ބައްޔަށް ޓެސްޓު ކުރަން ފަށާނެއެވެ.

ޕީސީއާރު މެޝެނާއެކު ރާއްޖޭގައި ބައްޔަށް ޓެސްޓު ކުރެވޭ ކެޕޭސިޓީ އިތުރުވެގެން ދާނެއެވެ.

ރާއްޖޭގައި މިހާތަނަށް 1274 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައިވަނީ ހަތަރު މީހެކެވެ.

comment ކޮމެންޓް