ތައްޔާރީ ހާލަތެއްގައި އޮތް ނަމަވެސް ޕްރިމިއާ ލީގު ފެށޭނެ ކަމުގެ ޔަގީންކަމެއް ނެތް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލަށް ކޮޅަށް ލަނޑެއް ޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ކޮރޯނާ ވައިރަސް، ކޮވިޑް-19 ގެ ސަބަބުން ހުއްޓުމަކަސް އައިސްފައި އޮތް އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމަސް ކުލަބުތަކުން ތައްޔާރުވަމުން އައި ނަމަވެސް ލީގު އަލުން ފެށޭނެ ކަމުގެ ޔަގީންކަމެއް އަދިވެސް ނުލިބޭކަމަށް ލީގު އިންތިޒާމް ކުރާ ބޯޑުން ބުނެފި އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށްފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ. އަދި މި މަހު ފަހު ކޮޅު ނުވަތަ ޖޫން ފެށޭހާ ތަނުގައި ލީގު އަލުން ފެށޭވަރު ވާނެކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ނަމަވެސް ވައިރަސް ފެތުރުން އަދިވެސް ކޮންޓްރޯލް ނުވެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތުމާއެކު ޕްރިމިއާ ލީގު ފެށިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ގިނަބަޔަކަށް އެކަމުގައި ޝައްކުތަކެއް އުފެދުނީ މިދިޔަ ހަފުތާގެ ތެރޭގައި ވައިރަހަށް ޓެސްޓް ކުރި ޕްރިމިއާ ލީގުގެ ހުރިހާ އޮފިޝަލުންނާއި، ކުޅުންތެރިން ޓެސްޓް ކުރުމުގައި ހަ މީހަކު ވައިރަހަށް ޕޮޒިޓިވް ވުމުންނެވެ.

"ޕްރިމިއާ ލީގު އަލުން ފެށުމަށްޓަކައި، ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ކުލަބުތަކުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް މިކުރަނީ، މިކަމުގައި ރިސްކް އޮތް ނަމަވެސް ވީހާވެސް ރައްކާތެރިގޮތަކަށް ކަންކަން ކުރުމަށް ބާރު އަޅައިގެން ކުރިއަށް ގެންދިއުމަށް ހުރިހާ ކުލަބަކަށް ވެސް ވާނީ އަންގާފަ." ޕްރިމިއާ ލީގުގެ އިންތިޒާމީ ކޮމިޓީގެ މެމްބަރަކު ބުނެފައިވެ އެވެ.

ޕްރިމިއާ ލީގުގެ ކުލަބުތަކަށް މިހާރު ޓްރެއިނިންގް ފެސިލިޓީޓައް ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ އިރު ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު ފެށޭވަރު ވާނެ ކަމަށް އެގައުމުގެ ބޮޑު ވަޒީރު ބޯރިސް ޖޯންސަން ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އެކަމަކު މިފަހުން ކުރި ޓެސްޓްތަކުގެ ނަތީޖާތަކަށްފަހު ބައެއް ކުލަބުތަކާއި، ކުޅުންތެރިން ވަނީ މިހާލަތުގައި ޕްރެކްޓިހަށް ނުކުންނަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

"ލީގު ފެށޭނެ ކަމުގެ އުންމީދު އެބައޮތް. އެކަމަކު ޔަގީންކަމެއް ނެތް. ކޮންމެ ހާލަތަކަށް ވެސް ތައްޔާރުވަމުން މިއަންނަނީ." ޕްރިމިއާ ލީގުގެ އިންތިޒާމީ ކޮމިޓީން ބުނެފައިވެ އެވެ.

comment ކޮމެންޓް