އިންޓަ މިލާނުގެ ކުރީގެ ކޯޗު ގިގީ ސިމޯނީ މަރުވެއްޖެ

އިންޓަ މިލާނުގެ ކުރީގެ ކޯޗު ގިގީ ސިމޯނީ ---

ނުވަދިހަ އަށެއްގެ ޔޫއެފާ ކަޕު ކާމިޔާބުކޮށްދިން އިންޓަމިލާނުގެ ކުރީގެ ހެޑްކޯޗް ގިގީ ސިމޯނީ މަރުވެއްޖެ އެވެ.

އިންޓަ މިލާނުން ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޓްރެބަލް ކާމިޔާބު ކުރި ސީޒަނަށް 10 އަހަރު މިއަދަށް ފުރުނު އިރު އެ ކުލަބުގެ މި އުފާވެރި ދުވަހަށް ހިޔަނި އެޅިގެންދިޔައީ ކުލަބުގެ ލެޖެންޑަރީ ކޯޗު ސިމޯނީގެ މަރުގެ ހިތި ހަބަރާ އެކު އެވެ. އުމުރުން 81 އަހަރުގެ ސިމޯނީ މިއަދުގެ ވަގުތެއްގައި މަރުވިކަން އެކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖެހުނު ސްޓްރޯކަކަށްފަހު ހާލު ދެރަވުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ އަހަރެއްހާ ދުވަސްފަހުން ސިމޯނީ މަރުވެފައިވާ އިރު އޭނާ އަކީ އިޓާލީގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާގެ ދިގު ކޯޗިންގް ކެރިއަރުގައި ސިމޯނީ ވަނީ ދެވަނަ ޑިވިޝަނުގައި އުނދަގޫ ހާލަތެއްގައި އޮތް ހަތް ޓީމެއް ކޮޅަށް ނަގައި، ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީފަ އެވެ.

ސިމޯނީގެ އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކޮށްލެވެނީ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ، ހަވިއާ ޒެނެޓީ ފަދަ ކުޅުންތެރިންތަކެއް ގޮވައިގެން ގޮސް ޔޫރޮޕުގެ ތަށި އުފުލާލުމެވެ.

ޕެރިހުގައި އޮތް ފައިނަލުގައި އޭނާގެ ކުރީގެ ކުލަބު ލާޒިއޯ ބަލިކޮށް އިންޓަ މިލާނަށް 1998 ވަނަ އަހަރުގެ ޔޫއެފާ ކަޕު ކާމިޔާބު ކޮށްދިން ސިމޯނީ ވަނީ އެ ދެކުލަބުގެ އިތުރުން ނަޕޯލީ އަދި ޓޮރީނޯގެ އިތުރުން ބްރެޝިއާއަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.

"މިއަދަކީ އިންޓަގެ ތާރީހުގައި ވެސް އެންމެ އިންޓަ ދުވަސް. މިއަދު އޭނާ ވަނީ އަހަރުމެންނާ ވަކިވެފައި. ސިމޯނީ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ." އިންޓަ މިލާނުން ބުނެފައިވެ އެވެ.

އިންޓައާ އެކު 1997-1998 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ ވެސް ރަނަރަޕްކަން ހޯދި ސިމޮނީ ވަނީ އެ އަހަރު ހޮވި ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް ހޯދައިފަ އެވެ.

ސިމޯނީގެ މަރުގެ ހަބަރާއެކު ފުޓުބޯޅަ އާއިލާގެ ގިނަބަޔަކު ހިތާމަފާޅު ކުރަމުން އަންނަ އިރު އޭނަގެ ކުރީގެ ކުލަބުތަކުން އަންނަނީ ހަމްދަރުދީގެ ޕޯސްޓްތައް އާއިލާއަށް ރައްދުކުރަމުންނެވެ.

comment ކޮމެންޓް