ފްރަންޓް ލައިންގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވް ވެއްޖެ

މެއި 22، 2020: ބިދޭސީން ދިރިއުޅޭ ސަރަހައްދެއްގައި ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ 1274 މީހުންގެ ތެރޭގައި ފްރަންޓް ލައިންގައި މަސައްކަތްކުރާ 239 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ، ކޮވިޑް19 އަށް ޕޮޒިޓިވްވާ ސިފައިންނާ ފުލުހުންގެ އަދަދުތައް ވަކިވަކިން ހާމަނުކުރަން ވަނީ ނިންމައިިފައެވެ. އަދި ނަންބަރުތަައް ހާމަކުރާނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ މުޅި ޖުމްލަ އެއްކޮށް ކަމަށް އެންއީއޯސީން މީގެ ކުރިން ވަނީ ބުނެފައެވެ.

ފްރަންޓްލައިން އޮފިސަރުންގެ ގޮތުގައި ބަލަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި، ސަލާމަތީ ހިދުމަތްތަކާއި ޕޯޓުތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެވެ.

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ނަންބަރުތައް ފެންނަ ގްރާފު ހިއްސާކުރައްވައިފައެވެ.

އެ ގްރާފުގައިވާ ގޮތުން މިހާތަނަށް 239 ފްރަންޓްލައިން އޮފިސަރަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެންމެ ގިނަ މީހުން އެއްފަހަރާ ޕޮޒިޓިވްވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އެދުވަހު އެކަނި ފްރަންޓްލައިންގައި މަސައްކަތް ކުރާ 51 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

އިއްޔެ އާއި މިއަދު ވެސް ޕޮޒިޓިވް ވެފައިވަނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ އެންމެ މީހެކެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު 22 ފްރަންޓްލައިން އޮފިސަރަކު އަދި މި މަހުގެ ނުވަ ވަނަ ދުވަހު 19 އޮފިސަރަކު ވަނީ ޕޮޒިޓިވްވެފައެވެ.

ޑރ. އަފްޒަލް ވިދާޅުވީ ފްރަންޓްލައިން ގައި މަސައްކަތް ކުރާ އޮފިސަރުން ޕޮޒިޓިވްވާ މިންވަރު ދަށްވެފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 1274 މީހަކަށް ބަލި ޖެހިފައި ވާއިރު، 109 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް