އަތުރުގާގައި ކަރަންޓީނުގައި ތިބި މީހުންނަށް ހިމަންދޫ ކަނބަލުންގެ ރޯދަވީއްލުމެއް!

ހިމަންދޫ ކަނބަލުން އަތުރުގާއަށް ރޯދަ ވީއްލުން ފޮނުވަނީ ---

އއ. ހިމަންދޫ ކަނބަލުންގެ އިސްނެގުމުގެ މަތިން ކައުންސިލާއި ގުޅިގެން އދ. އަތުރުގާގައި ކަރަންޓީންގައި ތިބި ފަރާތްތަކަށް ރޯދަ ވީއްލުމެއް ދީފި އެވެ.

ހިމަންދޫ ކައުންސިލްގެ ރައީސް ޒައިނަލްއިބާދް 'ސަން' އަށް ވިދާޅުވީ، އެ ރޯދަވީއްލުން ދީފައިމިވަނީ މިއަދު ކަމަށާއި ރޯދަ ވީއްލުން ތައްޔާރު ކޮށްފައިވަނީ ކަނބަލުން އިސްނަގައިގެން ކަމަށެވެ.

"އަތުރުގަލުގައި ކަރަންޓީން ކޮށްފައި ތިބި މީހުންގެ އިތުރުން އެތަނުގެ މުވައްޒަފުންނާއި އެކު 100 އަށް ވުރެ ގިނަ މީހުނަށް ރޯދަ ވީއްލުން ތައްޔާރުކޮށް ފޮނުވާފައި ވަނީ. އެއީ މިރަށު ކަނބަލުންގެ ވަރަށް ބުރަ މަސައްކަތް،" ޒައިން ވިދާޅުވި އެވެ.

އަތުރުގާގައި ކަރަންޓީންގައި ތިބި ފަަރާތްތަކަށް ރޯދި ވީއްލުނުން ދިނުމަށް ހިމަންދޫ ކަނބަލުން ތައްޔާރު ކުރަނީ ---

ރޯދަ ވީއްލުން ތައްޔާރު ކުރުމަށް ޖުމްލަކޮށް ރަށުގެ ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ލިބުނުކަން ޒައިން ފާހަގަކުރެއްވި އެވެ. އަދި މީގެ ކުރިން ވެސް ކައުންސިލުން އިސްނަގައިގެން އަތުރުގާއަށް 30 ކިލޯގެ ކަދުރު ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެން ފެށުމާއި އެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ވަނީ ލޮކްޑައުންކޮށްފަ އެވެ. ސަރުކާރުން މިހާރު ނިންމާފައި ވަނީ ޒަރޫރީ ހާލަތްތައް މެދުވެރިވެ މާލެއިން ރަށަށް ދާންޖެހޭ މީހުން، އަމިއްލަ ރަށަށް ދިއުމުގެ ކުރިން ޓްރާންސިޓް ކަރަންޓީނު ފެސިލިޓީތަކުގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކޮށް ޓެސްޓުކުރުމަށް ފަހު ރަށަށް ފޮނުވުމަށެވެ.

އަތުރުގާގައި ތިބި ފަރާތްތަކަށް ހިމަންދޫ ކަނބަލުން ފޮނުވި ރޯދަ ވީއްލުން ---

އެ ފަރާތްތައް އެ މީހުންގެ ރަށްތަކަށް ގެންދިއުމަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ ކަރަންޓީން ފެސިލިޓީތައް ގާއިމްކޮށްފަ އެވެ. ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ހަމަަޖައްސާފައިވަނީ ރިސޯޓްތަކެވެ. ނަމަވެސް މާލެ ފިޔަވައި އެންމެ ގިނަ ރިސޯޓްތައް ހުރި އަރިއަތޮޅުގައި ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އިނީ އަތުރުގާ އެކަންޏެވެ.

މާލެއިން ފުރައިގެން ރަށްރަށަށް ދާން 5،000 އެއްހާ ރައްޔިތުން ވަނީ އެދިފައެވެ. އޭގެ ތެރެއިން އެއް ބަޔަކު ފޮނުވާލާފައިވާއިރު މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މަދުވެގެން 1800 މީހަކު ރަށަށް ފޮނުވަށްޓަކައި ކަރަންޓީނަށް ފޮނުވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް