ލޮކްޑައުން އުވާލާ ދުވަހެއް އަދި ނުނިންމާ: މަބްރޫކް

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅު އުވާލަން ވަކި ދުވަހެއް ކަނޑައަޅާފައި ނުވާކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ލޮކްޑައުން އަށް ލުއިދޭނީ އެކި ފޭސްތަކަށް ބަހާލައިގެން ކަމަށެވެ. އަދި ލޮކްޑައުންގެ ފުރަތަމަ ފޭސްގައި ލުއިދޭނެ ތާރީހެއް އަދި ނުނިންމާ ކަމަށާއި މިހާރު މަޝްވަރާކުރަނީ އެ ފިޔަވަހީގައި ލުއިދޭނީ ކޮން ކަންތައްތަކަކަށްތޯ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ރާއްޖޭގައި ޕޮޒިޓިވް ކޭސްތައް ފެންނަމުންދާ އަދަދާއި، އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިއަށް ބަދަލެއް އާދޭތޯ ބެލުމަށްފަހުގައި އަޅުގަނޑުމެންގެ ޑޮކްޓަރުންގެ ޓީމުން ނިންމާނީ މިވަގުތު ފޭސް އެކެއްގައި ދޭން ހުރި ލުއިތައް ފެންނަ ކަމަށް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ ލުއި ދޭއިރު، މީހުން ނުކުމެެ އުޅޭ މިންވަރު ގިނަ ނަމަ، އަލުން އާ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށާއި، އެކަން ދަންނަން ޖެހޭ ކަމަށެވެ.

"އެހެންވެ ފޭސްތަކަކަށް ބަހާލައިގެން ލުއި ދޭނީ. ފުރަތަމަ ފޭސްގައި ހުރިހާ ކަމެއް ދޫކޮށްލެވެނީއެއް ނޫން. އެހެން ނަމަވެސް ވަކި ވަރަކަށް ލުއި ދިނުމަށްފަހު އަނެއްކާވެސް ބަލާނީ ކިހިނެއްތޯ ވަނީ،" މަބްރޫކު ވިދާޅުވީ ލޮކްޑައުން އަށް ލުއިދޭއިރު ޕޮޒިޓިވް ކޭސްތައް އިތުރުވާތަން ހުރިހާ ގައުމަކުންވެސް ފެންނަ ކަމަށެވެ.

ބަލަންޖެހޭނެ ކަމަކީ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އަތުން ކައްސާލައިގެން ދިޔަ ނުދިޔުން ކަމަށާއި ލުއިދޭނީ މިކަމަށްވެސް އިސްކަން ދީގެން ކަމަށް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކު ވިދާޅުވީ ފޭސް ދޭކަށް ދެވޭނީ ކިހާވަރެއް ވީމަތޯ ކްރައިޓީރިއާ ތަކެއް ހަދާނެ ކަމަށެވެ.

"ކަލަންޑަރެއްގައި ވަކި ދުވަހެއްގައި ފޭސް އެކެއް ފައްޓަނީ މިވެނި ދުވަހެއްގައި ފޭސް ދޭއް ފައްޓަނީ އެގޮތަށް ޖަހައިގެންނެއް ނޫން. ވަކި ކްރައިޓީރިއާ އަކަށް ދެވުނީމާ ވަކި ކަންތައްތަކެއް ފުރިހަމަ ވީމާ ލުއި ދޭނީ،" މަބްރޫކު ވިދާޅުވިއެވެ.

އެގޮތުން ލުއިދޭއިރު ބަލާނެ ބައެއް ކަންތައްތަކަކީ އާ ކޭސްތައް ފެންނަ އަދަދާއި، ސާރީ ކޭސްތަކުގެ އަދަދު، ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް ފެންނަ އަދަދު މަދުވަމުންދޭތޯ އާއި ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ލޮކްޑައުން އިން ދޫކޮށްލުމުން ކޮންމެވެސް ވަރަކަށް ބޭރަށް ނިކުތުން އިތުރުވާނެ ކަމަށެވެ.

"ކޮންޓްރޯލުތަކެއް ބެހެއްޓިދާނެ. އެހެންނަމަވެސް ލޮކްޑައުން އަށް ލުއި ދިނިމަ އިނީޝަލީ މައިނާ ސާޖެއް އަތުވެދާނެ،" ލޮކްޑައުން އަށް ލުއިދޭއިރު ފުރަތަމަ ފޭސްގައިވެސް ކޭސްތަކުގެ އަދަދު އިތުުވާ މިންވަރު ބަލާނެ ކަމަށް ޑރ. ވިދާޅުވިއެވެ.

"އެ ފޭސްގައި އަޅުގަނޑުމެން އާންމުންނަށް އިރުއިރުކޮޅާ ހަނދާން ކޮށްދޭން ޖެހޭނެ ކަންނޭނގެ ފޭސް ވަން ގައިވެސް ވީހާވެސް ބޮޑަކަސް ކޮންޓްރޯލު ކުރަން. އެހެން ނަމަވެސް ކޮންޓްރޯލު ވާންވެސް ދުވަސްކޮޅެއް ނަގާނެ. އާންމުންނަށް އެކަން ވިސްނެންވެސް،" ޑރ ވިދާޅުވިއެވެ.

ޑރ ވިދާޅުވީ ލޮކްޑައުން ފެށިއިރާ މިހާރާ އަޅާބަލާއިރު ލޮކްޑައުން އަށް މީހުން އަހަންމިއްޔަތުކަން ދޭތަންވެސް ފެންނަ ކަމަށެވެ.

ލޮކްޑައުންގެ ފޭސް އެކެއްގައި ދޭނެ ލުއިތައް މިހާރު ފައިނަލް ކުރަމުންދާއިރު، އެއްރަށުން އަނެއް ރަށަށް ދިޔުން އޭގެ ތެރޭ ނުހިމެނޭނެ ކަމަށް މަބްރޫކު މިރޭ ވިދާޅުވިއެވެ. ނަމަވެސް މާލެއިން ރަށްރަށަށް ދާ މީހުން ޓްރާންސިޓް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ރަށަށް ދެވޭނެ ކަމަށާއި މުދާ އުފުލުމުގެ ކަންތައް މިހާރެކޭ އެއްގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ފޭސް އެކެއްގައި ދޭނެ ލުއިތައް ފައިނަލްވުމުން އާންމު ކުރާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މީގެ އިތުރުން ލުއިދޭއޮރު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާނެ ގޮތާއި، އޮފީސްތައް ހުޅުވާނެ އިރެއް އަދި އާންމު ދަތުރުފަތުރު ގެ ނިޒާމު ފަށާނެ ގޮތްވެސް އާންމު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އޭޕްރީލް 15 ވަނަ ދުވަހު މާލެއިން ކޮވިޑްގެ ކޭހެއް ފެނުމާއެކު ލޮކްޑައުން އިއުލާނު ކޮށްފައިވާއިރު އެންމެ ފަހުން އިއުލާނު ކުރި ލޮކްޑައުންގެ މުއްދަތު މިމަހުގެ 28 ގައި ހަމަވާނެއެވެ. ލޮކްޑައުންގެ މުއްދަތު ހަމަވުމުން ކޮންމެވެސް ވަރެެއްގެ ލުއިތަކެއް ދެއްވާނެ ކަމަށް މިދިިޔަ ހަފްތާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި ނުވާ ރަށްތަކާއި މާލެ ސަރަހައްދާއި އިތުރު 25 ރަށެއް ފިޔަވާ، އެހެން ހުރިހާ ރަށެއްގައި މިއަދުގެ ހުކުރު ނަމާދުން ފެށިގެން ވަނީ ޖަމާއަތުގައި ނަމާދު ކުރަން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގެެ 1274 ކޭސް ވަނީ ފެނިފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 109 އަށް އަރައިފައެވެ.

comment ކޮމެންޓް