ބަލިޖެހޭ މީހުންގެ އަދަދު ހުންނާނީ 30 އާއި 50 އާއި ދެމެދު ކަމަށް ލަފާކުރެވޭ: ޑރ އަފްޒަލް

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ -- ފޮޓޯ: އެންއީއޯސީ

ބަލިޖެހޭ މީހުންގެ އަދަދު ދުވާލަކަށް އެވްރެޖްކޮށް ހުންނާނީ 30 އާއި 50 އާއި ދެމެދުގެ އަދަދެއްގައި ކަމަށް ލަފާ ކުރެވޭ ކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ 30 މީހުން ޕޮސިޓިވްވުމަކީ ދަށް އަދަދެއް ކަމަށެވެ. އެއީ ބޭސްލައިން ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ލަފާކުރެވޭ އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ ގާތްގަނޑަކަށް 30 އާ 50 އާ ދޭތެރޭގައި ކަމަށް. މިފަދަ އެހެން ބަލިތަކަށް ބަލާއިރުގައި ވެސް ހަގީގަތުގައި ބޭސްލައިން އުޅެނީ އެހާވަރަށް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ.ވިދާޅުވީ ބަލި ޖެހޭ މީހުންގެ އަދަދު ދަށްވުމަކީ އެންމެންގެވެސް އުއްމީދަށް ވާނެ ކަމަށާއި ނަމަވެސް މިފަދަ ބަލިމަޑުކަމެއްގައި ބޭސްލައިން ހުންނާނީ މިހާރު ހުރި މިންވަރުގައި ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި ބަލި ޖެހޭ މީހުން އާންމުކޮށް ފެންނަ މިންވަރެއް އުފެދިދާނެ ކަމަށް ވެސް ޑރ. ވިދާޅުވިއެވެ.

މިހާރު ބަލި ފެންނަމުންދާ އަދަދަށް ބަލާއިރު 30 އާއި 50 އާއި ދެމެދުގެ އަދަދަކީ މާލޭގެ އާބާދީ އަށް ބަލާއިރު ގިނަ އަދަދެއް ނޫންކަމަށްވެސް ޑރ އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގެ 1274 ކޭސް ފެނިފައިވާއިރު މިހާތަނަށް އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. އެއީ 191 ކޭސްއެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ކޭސް ފެނިފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އެއީ 98 ކޭސްއެވެ. އެފަހުން ރައްޖޭގެ ދުވަހުން ދުވަހަށް ފެންނަ ކޭސްތައް އުޅެނީ 50 އާއި 25 އާ ދެމެދުގައެވެ.

comment ކޮމެންޓް