ދިރާގު ޕްލޭގެ ނަމުގައި މުނިފޫހިފިލުވުމަށް ހާއްސަ އެޕެއް

"ދިރާގުޕްލޭ"ގެ ނަމުގައި މުނިފޫހިފިލުވުމުގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި އެޕްލިކޭޝަނަކީ ތަފާތު ގިނަ ކޮންޓެންޓް ހެޔޮ އަގެއްގައި އެއްތަނަކުން ބަލާލަން ބޭނުން ފަރާތްތަކަށް ހާއްސަކޮށް ތައާރަފުކުރި ޕްލެޓްފޯމެއް ކަމަށެވެ.

މި ދުވަސްވަރަކީ ގިނަ ބަޔަކު ގޭގައި، ލޮކްޑައުންގެ ހާލަތުގައި ނުވަތަ އިޖުތިމާއީ ގައިދުރުކޮށްގެން ތިބެންޖެހިފައިވާ ދުވަސްވަރަކަށް ވުމުން މުނިފޫހިފިލުވުމަށް އޮންލައިން ސްޓްރީމިން ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރު ކަން ދިރާގުން ފާހަގަ ކުރިއެވެ.

ދިރާގުން އަލަށް ތައާރަފުކުރި މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް މޯބައިލް ޑިވައިސްތަކުން ކޮންމެ ވަގުތަކު، ކޮންމެ ތާކު ބަލައިލެވޭނެއެވެ.

ދިރާގު ޕްލޭގައި ކަސްޓަމަރުން މުނިފޫހިފިލުވުގެ މުޅިން އާ ފީޗާތައް ހިމެނެއެވެ.

މަލްޓިޕްލް ސްކްރީންސް: އެންމެ ސަބްސްކްރިޕްޝަނަކުން ، އެއްފަހަރާ އެކި ޑިވައިސްތަކުން ދިރާގު ޕްލޭ އެޕް ބޭނުން ކުރެވޭނެ

ރިކޯޑިންގ: މި ފީޗާ އިން ޕްރޮގުރާމްތައް ރިކޯޑްކޮށް، ކުރީބައިގައި ރިކޯޑް ކުރުމަށް ޝެޑިއުލްވެސް ކުރެވޭނެ

ކެޗްއަޕް: މި ފީޗާ މެދުވެރިކޮށް ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެ

ރީސްޓާޓް: މި ފީޗާ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެ

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޏެވެ.

ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ މި އެޕްގައި އިންޓްރޮޑަކްޓަރީ އޮފަރ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބޭނެއެވެ.

މި ޕެކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ 15 ޖޫން 2020ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް މި ޕެކޭޖް މަހަކު 30 ރުފިޔާއަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ. މި ޕްކޭޖުން ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެ ކަމަށާއި ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓިވޭޓް ކުރާތާ 30 ދުވަސް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރއިން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ.

comment ކޮމެންޓް