ނަޝީދުގެ ވާހަކަފުޅާއެކު ޔާމީން ދޫކޮށްލަން އިދިކޮޅުން ގޮވާލައިފި

ކުރީގެ ރައީސް ނަޝީދާއި ރައީސް ޔާމީން ސަލާމްކުރައްވަނީ --- ސަން ފައިލް ފޮޓޯ

އެމްއެމްޕީއާރުސީގެެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ސިޔާސީ ލިޑަރު ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ، ރައީސް ޔާމީން މިނިވަން ކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ.

އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް، ރައީސް ނަޝީދުގެ އަތުލިޔުއްވުމުން ލިޔުއްވުމަށް ފަހު ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި "ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމުގެ މާ ބޮޑު އިންސާފެއް އަޅުގަނޑަކަށް ނުވިސްނޭ" ކަމަށެވެ.

މި ކަމާ ގުޅިގެން އިދިކޮޅުން މިރޭ ނެރުނު ބަޔާނުގައި ބުނީ ރައީސް ޔާމީން ޖަލުގައި ހުންނަވަނީ އިންސާފުން ނޫންކަމަށާއި އެކަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިއުތިރާފުވެ ވަޑައިގަތުމަކީ ރައީސް ޔާމީނު ޖަލައްލުމާ ގުޅޭ ގޮތުން އިދިކޮޅުން ފެށުނީއްސުރެ ދައްކަމުން ދިޔަ ވާހަކައަކީ ހަގީގަތެއްކަމަށް ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީ އިންވެސް ގަބޫކު ކުރާކަން ދޭހަވާ ކަމެއް ކަމަށެވެ.

އެ ބަޔާނުގައި އިދިކޮޅުން ވަނީ ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާތައް ހުއްޓާލައި މިނިވަންކުރުމަށް ގޮވާލައިފަ އެވެ.

ރައީސް ނަޝީދު މިގޮތަށް ސަޕޯޓަރުންނަށް މެސެޖެއް ދޫކޮށްލެއްވީ، ރައީސް ޔާމީންގެ އުފަންދުވަހުގެ މުނާސަބަތުގައި އިދިކޮޅު ދެ ޕާޓީގެ ނައިބު ރައީސުން ކުރި ޓުވީޓްތައް ރީޓްވީޓް ކޮށްފައި ވަނިކޮށެވެ. އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެ ރީޓްވީޓްތަކުގައި ރައީސް ޔާމީން ސިޔާސަތުތަކަށް ވެސް ތާއީދުކޮށްފައިވެ އެވެ.

ރައިސް ނަޝީދު ރީޓްވީޓްކޮށްފައި ވަނީ، ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމް ކުރެއްވި ޓްވީޓަކާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓްތަކެވެ.

އެމްއެމްޕީއާރުސީގެ 3.2 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށް ޖަލުގައި އޮތީ ރައީސް ޔާމީން އެކަންޏެވެ. އެމަނިކުފާނު ހުކުމްކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށެވެ.

އެއީ ކޯޓުތަކަށް ނުފޫޒުފޯރުވައިގެން ކުރި ސިޔާސީ ހުކުމެއް ކަަމަށް އިދިކޮޅުން ބުނެއެވެ. މިހާރު އެ ހުކުމް އޮތީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާގަ އެވެ. އެކަމަކު އިސްތިއުނާފެއް ނުހިނގަ އެވެ.

ދައުލަތުގެ ހަޒާނާއިން ގެއްލުނު ފައިސާތައް ހޯދުމަށާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންނާއި މަރާލި މީހުންގެ މައްސަލަތައް ބެލުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެކަންކަން ކުރުމަށް ގާނޫނުން ބާރުތައް ދީ، ދެ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. ނަމަވެސް ސަރުކާރަށް ދޮޅު އަހަރުވީއިރު، އެކޮމިޝަންތަކުގެ މާބޮޑު ނަތީޖާއެއް ނުފެނެ އެވެ.

comment ކޮމެންޓް