ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 32 ކައިވެނި ކޮށްދީފި

ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ދިޔަ ކައިވެނީގެ މަޖިލީހެއްގެ ތެރެއިން -- ފޮޓޯ/ ޕީއެސްއެމް

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ފެމެލީ ކޯޓުން 32 ކައިވެނި ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފިއެވެ.

ކޮވިޑް-19 ވައިރަސް ފެތުރި މާލޭ ސަރަހައްދު ލޮކްޑައުންކޮށްފައިވާއިރު، އެފަދަ ހާލަތެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭނެ އުސޫލެއް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފެމިލީ ކޯޓުން ވަނީ އެކުލަވާލައިފައެވެ.

އެ އުސޫލުގެ ދަށުން އެންމެ ފުރަތަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެންޏެއް ކޮށްދީފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެއީ މީގެ ކުރިން ރޫޅިފައިވާ ކައިވެންޏެއް ރުޖޫއަކޮށް ކުރި ކައިވެންޏެކެވެ.

އެ ކައިވެނި ވެގެންގޮސްފައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރި ފުރަތަމަ ކައިވެންޏަށެވެ.

ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ސަން"އަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ނިޔަލަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް 32 ކައިވެންޏެއް ކޮށްދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމާ ބެހޭ އުސޫލުގައިވާ ގޮތުން ކައިވެނިވާ ދެފަރާތުންނާއި ވަލީވެރިޔާއާއި ހެކިވެރިން ސޮއިކުރުމަށްފަހު ކޯޓުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އިގްރާރު ކޯޓަށް ފޮނުވަންޖެހޭނެއެވެ.

އެ އުސޫލުގައިވާގޮތުން ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުއީ މައުޒޫނު ކަށަވަރު ކުރަންވާނެއެވެ. އެގޮތުން، ކައިވެނީގެ މަޖްލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ ފަރާތްތައް ހާޒިރުވެ ތިބިކަން ލިޔެކިޔުމުން ކަށަވަރުކުރަން ޖެހޭނެއެވެ.

އެ އުސޫލުގައިވާގޮތުން ކައިވެނީގެ ހުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު، ކައިވެނިވާ ފިރިހެނާ "އަނބި ގަބޫލުކޮށްފީމޭ" ބުނާ އަޑު އަހައި، އެކަން ޝަރުއީ މައުޒޫނު ކަށަވަރުކުރަންޖެހޭނެއެވެ.

ކައިވެނިވީ ދެފަރާތަށް މައުޒޫނު ހެޔޮދުއާ ކުރުމަށްފަހު، ދެ ހެކިވެރިންނާ ސުވާލުކޮށް، އެމަޖްލީހުގައި ހިނގައިދިޔަ ކަންކަން ދެހެކިވެރިންނަށް ސާފުވެފައިވާކަން ކަށަވަރު ކުރަންވާނެ ކަމަށް ވެސް އެ އުސޫލުގައިވެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދެއްގައި ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް