ކޮވިޑް ޓެކްސްގެ ގޮތުގައި ދުވާލަކަށް އަށް ޑޮލަރު ނަގަން ލަފާދެނީ

އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ކޮންމެ ޓުއަރިސްޓެއްގެ އަތުން ދުވާލަލަށް އަށް ޑޮލަރު ކޮވިޑް ޓެކްސްއަށް ނެގުމަށް ލަފާ ދިނުމަށް ވަނީ ފާސްކޮށްފައި --- ފޮޓޯ/ މަޖިލިސް

ޓުއަރިޒަމް އަލުން ހުޅުވާލާއިރު، ކޮންމެ ޓުއަރިސްޓެއްގެ އަތުން ދުވާލަކަށް އަށް ޑޮަލަރު ކޮވިޑް ޓެކްސްގެ ގޮތުގައި ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ލަފާ ދިނުމަށް އެ ކޮމިޓިން ފާސްކޮށްފި އެވެ.

ޓުއަރިޒަމް ހުޅުވާލުމަށް ޓުއަރިޒަމް މިނިސްޓްރީން އެކުލަވާލި ފުރަތަމަ ޑްރާފްޓަށް ހިޔާލުހޯދުމަށް މަޖިލީހަށް ވަނީ ފޮނުވާފަ އެވެ.

އެ ޑްރާފްޓަށް މަޖިލީހުން ދޭނެ ހިޔާލުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މިއަދު ވާޗުއަލްކޮށް ބޭއްވި އިގްތިސާދީ ކޮމިޓީގައި ވަނީ މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާފަ އެވެ. އެގޮތުން މިހާތަނަށް މަޖިލިސް މެމެބްރުން އެ ޑްރާފްޓަށް ފޮނުވާފައިވާ ހިޔާލުތަކާއި މިއަދު ކޮމިޓީގެ ބައްދަލުވުންތަކުގައި ހުށަހެޅި ހިޔާލުތައް މިނިސްޓްރީއަށް ފޮނުވުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ބޮޑު ހުށަހެޅުމެއްގެ ގޮތުގައި ފާސްވެގެން ދިޔައީ މާފަންނު މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު (ބޮންޑޭ) ހުށަހެޅުއްވި ހުށަހެޅުމެވެ. އޭނާ ހުށަހެޅުއްވީ ޓުއަރިޒަމް މިނިސްޓްރީން މިކަމުގައި ފަހުގެ ގޮތެއް ނިންމާއިރު، ކޮވިޑް ޓެކްސްގެ ގޮތުގައި ކޮންމެ ޓޫރިސްޓެއް އަތުން ދުވާލަކަށް އަށް ޑޮލަރު ނެގުމަށެވެ.

"ސަރުކާރުން އެދަނީ ރިސޯޓުތަކުގެ ކުލިތައްވެސް ކަނޑައިދެމުން، އެހެނިހެން އިނާޔަތްތައްވެސް ދެމުން. އެހުރިހާ ކަމެއް ކުރަމުން، ފަތުރުވެރިއެއްގެ ސިއްހީ ކަމެއް ދިމާވުމުން އެ ހަރަދުތައް ވެސް ބަލަހައްޓަމުން މި އަންނަނީ. އެ ހުރިހާ ކަމެއް ކުރުމަކީ، ދިވެހި ދައުލަތަށް އަދި އެއްވެސް ދައުލަަތަކަށް ކުޅަދާނެ ވާނެ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ހުށަހަޅަން ފައިލް ޑްރާފްޓް އަންނަ އިރު، އޭގެ ތެރޭގައި ކޮވިޑް ޓެކްސްޓް ނެގުމަށް އަށް ޑޮލަރު ނެގުމަށް [ދަުވާލަކަށް]،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝީޔާމެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވީ މިވަގުތަށް ޓުއަރިޒަމް މިނިސްޓްރީން ސްްޓޭކް ހޯލްޑަރާ މަޝްވަރާކުރުމަށްފަހު ފައިނަލް ރިޕޯޓެއް އަލުން މަޖިލީހަށް ފޮނުވައި ދިނުމަށް ދެންނެވުމަށެވެ. އަދި މިހާރު މެމްބަރުން ހުށަހަޅާފައިވާ ހިޔާލުތައް ކޮމިޓީ ރިޕޯޓުގައި ހިމަނައި، މިނިސްޓްރީއަށް ލަފާ އެރުވުމަށެވެ.

މި ދެ ހުށަހެޅުން ފާސްވެގެން ދިޔައީ ކޮމިޓީގައި އޭރު ތިއްބެވި ހަތް މެމްބަރުންގެ ވޯޓުންނެވެ.

މިވަގުތު ކޮމިޓީން މިކަމުގައި ލަފައެއް އެރުވުމާ ދެކޮޅަށް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ މިވަގުތު މަޖިލީހަށް އައިސްފައި ވަނީ ފައިނަލް ރިޕޯޓަކަށް ނުވުމާއި ކޮމިޓީން ދާއިރާގެ ހިއްސާދާރުންނާ މަޝްވަރާ ނުކުރުމެވެ. އަދި މިކަމުގައި ކޮމިޓީން ތަޅުމަށް ފޮނުވުމަށް ގޮތެއް ނިންމަންވާނީ އެކަށީގެންވާ ވަރަށް މަސައްކަތެއް ކުރުމަށްފަހު ކަމަށާއި އަދި ލަފާ އަރުވަން ވާނީ ފައިނަލް ރިޕޯޓަށް ކަމަށް ބައެއް މެމްބަރުން ހިޔާލު ފާޅުކުރެއްވި އެވެ.

އެގޮތުން މަތިވެރި ދާއިރާ މެމްބަރު ހަސަން ޒަރީޒު ވިދާޅުވީ، ފައިނަލް ޑްރާފްޓް އައުމުން ދެން އެއަށް ކޮމެންޓެއް ކޮށް ކޮމިޓީގެ ރިޕޯޓު ފާސްކުރަން އޭނާ ތާއީދު ކުރައްވާކަމަށެވެ. އަދި މިވަގުތައް މިކަމުގައި ކޮމީޓީން ގޮތެއް ނިންމުމަކީ މުހިންމު ކަމެއް ކަމުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ، ކޮމިޓީން މިކަމުގައި ކަންކުރަން ވަނީ ޒިންމާދާރުކޮށް ކަމަށާއި މެބްރުން ފޮނުވާހާ ހިޔާލަކާއެކު އެއްވެސް މަސައްކަތެއް ނުކޮށް ރިޕޯޓެއް ފޮނުވުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި މިކަމުގައި ދާއިރާގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ބަސް ކޮމިޓިން ހޯދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތެއްކޮށްފައި ފޮނުވާކަމަށް ވާނަމަ، ކީއްކުރަން ފޮނުވާ ރިޕޯޓެއް. އެހެންވީ ފައިނަލް ރިޕޯޓު ލިބުމުން މި މަސައްކަތް ކުރާނަމޭ ބުނުމުން އެކަން އެއޮތީ ނިމިފައި. ދެން ކޮން ރިޕޯޓެއްތޯ ހަދަން މިއުޅެނީ. ރިޕޯޓެއް ހެދުމުގެ ބޭނުމެއް ނެތް މަސައްކަތެއް ނުކޮށް. ހަމައެކަނި ކޮމެންޓެއް އައުމުން މީތި އެޓޭޗްކޮށްފައި ފޮނުވުމަކީ ޒިންމާދާރު ކަމެއް ނޫން،" އަލީ ރިޒާ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭގެ ކޮމިޓީގައި ވިދާޅުވީ، މިހާރު އޮތް ޑްރާފްޓަކީ ފައިނަލެއް ކަރުދާހެއް ނޫން ކަމަށާއި ހާލަތު މިހާރު ބަދަލުވުމާއެކު އޭގައި ނަގަން ހިމަނާފައި ހުރި ގިނަ ފީތައް ނުނަގަން ނިންމާފައިވާ ކަމަށެވެ. އަދި ޓޫރިޒަމް އަލުން ފަށައިގަތުމަށްފަހު އަމަލުކުރާ ގައިޑްލައިންގެ މަސައްކަތް ނިންމައި ޖޫން މަހުގެ ކުރިން އާންމުކުރާނެ މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން އެންމެ ފުރަތަމަ ބަލި ފެތުރޭ ގައުމުތަކުން ޓޫރިސްޓުން އައުން މަނާކުރި އެވެ. އަދި އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ޓޫރިސްޓުންނަށް ރާއްޖޭގެ ބޯޑަރު މުޅިން ބަންދުކުރީ، މާޗް 27 ވަނަ ދުވަހުގަ އެވެ.

ޓޫރިޒަމް ސިނާއަތް އަލުން ފަށައިގަތުން ބަރޯސާވެފައިވަނީ ބަލި ފެތުރޭ މިންވަރަށެވެ. ބަލިފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވި މި ހާލަތު ރަނގަޅުވެއްޖެނަމަ މިއަހަރުގެ ޖުލައި އާއި އޮކްޓޫބަރު މަހާ ދެމެދު ޓޫރިޒަމް ފަށައިގަނެވޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

ޖުލައި ނުވަތަ ޖުލައި މަހުގެ ފަހުން މި ބަލި ކޮންޓްރޯލު ކުރެވޭނެ ކަމަށް ބަލައިގެން ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ވެސް ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް