ވަކި ގައުމަކުން އިސްލާމްދީނަށް ނަފުރަތު އުފައްދާ ކަމަށް ބުނުމަކީ މައްސަލައެއް: ރާއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ސަންފޮޓޯ/ ފަޔާޒު މޫސާ

ކަންބޮޑުވާހާ މިންވަރަށް އިސްލާމްދީނަށް ބިރުވެރިކަން އުފައްދަމުންދާއިރު ވަކި ގައުމަކުން އިސްލާމް ދީނަށް ނަފްރަތު އުފައްދާ ކަމަށް ބުނަމުން ދިޔުމަކީ މައްސަލައަށް ކަތި ފިޔަވަޅެއް އެޅުން ކަމަށް ރާއްޖެއިން ބުނެފި އެވެ.

ރާއްޖެއިން އެގޮތަށް ބުނެފައިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) ގެ ވާޗުއަލް ބައްދަލުވުމެއްގައި އިއްވި ބަޔާނެއްގަ އެވެ.

ދުނިޔޭގައި ކަންކަމުގެ ހަގީގަތް ނުބަލައި ގޮތްކިޔުން، ފިތުނަވެރިކަން އަދި ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ކަންބޮޑުވާހާ މިންވަރަށް އިތުރުވެފައިވާކަން ރާއްޖެއިން އެ ބައްދަލުވުމުގައި ފާހަގަކޮށްފަ އެވެ. އަދި ވަކި ސިޔާސީ އެޖެންޑާއެއް ނުވަތަ ވިސްނުމެއް ކުރިއަރުވަން ބާރުގެ ބޭނުން ކުރަމުންދާކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ސިޔާސީ ފައިދާއަށް ނުވަތަ ވަކި އެޖެންޑާއެއް ކުރިއެރުވުމަށްޓަކައި ކުރެވޭ ނޭދެވޭ އެފަދަ އަމަލުތަކާއި އިދިކޮޅު ގައުމެއްގެ ގޮތުގައިކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެފަދަ އެޖެންޑާތަކުގެ ތެރޭގައި ނަސްލީ ތަފާތުކުރުން އަދި އިސްލާމްދީނަށް ބިރުވެރިކަމާއި ނަފްރަތު އުފެއްދުން ހިމެނޭކަމަށް ރާއްޖެއިން ފާހަގަކުރިއިރު މިކަހަލަ މައްސަލައެއްގެ ތުހުމަތު ވަކި ގައުމަކަށް ކުރެވުމަކީ މައްސަލައިގެ ހައްލަށް ވާސިލުވުމުގެ ބަދަލުގައި އެއް އަރިއަކަށް ޖެހުންކަމުގައި ދެކޭކަމަށްވެސް ރާއްޖެއިން ވަނީ ބުނެފަ އެވެ.

އެގޮތަށް ރާއްޖެއިން އެ ބައްދަލުވުމުގައި ބުނެފައި މިވަނީ ޕާކިސްތާނުގެ ފަރާތުން އ.ދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނީރު އަކްރަމް އިންޑިޔާއަށް އަމާޒުކޮށް އިސްލާމްދީނަށް ބިރުވެރިކަން އެގައުމުން އުފައްދަމުންދާކަމަށް އެ ބައްދަލުވުމުގައި ބުނެފައި ވަނިކޮށެވެ.

ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި އެ ބަޔާނުގެ އަމާޒަކީ ވަކި ވަކި ގައުމުތަކާއި ދެކޮޅަށް ކުރެވޭ އެފަދަ ތުހުމަތުތައް ހުއްޓުވައި އިސްލާމްދީނަށް ބިރުވެރިކަން އުފެއްދުމުގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދައި މައްސަލައިގެ ހަގީގަތަށް ސަމާލުކަން ގެނައުމެވެ.

މިނިސްޓްރީގެ މީޑިޔާ ޑިރެކްޓާރ މިއުވާން މުހައްމަދު 'ސަން' އަަށް ކިޔައިދިން ގޮތުގައި ރާއްޖެއިން ނެރުނު ބަޔާނަކީ ވަކި ގައުމެއްގެ ދިފާއުގައި ނެރުނު ބަޔާނެއް ނޫނެވެ.

އަދި ބޭރު ދުނިޔޭގެ ބައެއް މީޑިޔާތަކުގައި ހަގީގަތާއި ހިލާފަށް ވަކި ގައުމެއްގެ ދިފާއުގައި މި ބަޔާން ނެރުނުކަމަށް ރިޕޯޓުކޮށްފައިވާއިރު ރާއްޖޭގެ ފަރާތުން ނުދައްކާ ބައެއް ވާހަކަތައްވެސް ރިޕޯޓުކޮށްފައިވާކަމަށް މިއުވާން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް